English Edition
Dhivehi Edition

ޢަރަބިއްޔާ ސްކޫލުގެ ޓީޗަރު، ޝެއިޚް ޒަމްޒަމް ފާރިޝް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑުކުރެވުނީ އޮޅުމަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ޒަމްޒަމް އަށް އަންގައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޒަމްޒަމް ސަސްޕެންޑުކުރީ “އިންޑިއާ އައުޓް” ހަރަކާތާ ގުޅިގެން ރައީސް އެ ދުވަހު ނެރުއްވި ގާރާރާއި ގުޅިގެން ކުރެއްވި ޓުވިޓެއްގެ މައްސަލައިގައެވެ. އެޑިއުކޭޝަން މިނިސްޓްރީން އެ ދުވަހު ފޮނުއްވި ސަސްޕެންޝަނުގެ ލިޔުމުގައި ވަނީ، އޭނާގެ އަމަލަކީ ސިވިލް ސާވިސް މުވައްޒަފުންގެ ސުލޫކީ މިންގަނޑާއި، ދައުރާއި، ޒިންމާތަކާ ޚިލާފުކަމެއް ކަމަށެވެ.

ޒަމްޒަމް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑްކުރުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާއިރު، ސަސްޕެންޑުކުރި ކަމުގެ ލިޔުން އިއްޔެ އޭނާއަށް ވަނީ އަލުން ފޮނުވާފައެވެ. އަދި އެ ލިޔުމުގައި ވަނީ ކުރިން ފޮނުވި ލިޔުމުގައި މުސާރަ ނުލިބޭނެކަމަށް ޖެހިފައިވަނީ އޮޅުމަކުން ކަމަށެވެ.

ޒަމްޒަމްގެ ޓުވިޓާއި ގުޅިގެން، ބަޔާނެއް ދިނުމަށް މިއަދު މިނިސްޓްރީއަށް ހާޟިރުވުމަށް އޭނާއަށް ވަނީ އަންގާފައެވެ.

ރާއްޖޭގައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން ފުޅާވެފައިވާއިރު، ރައީސް ވަނީ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ކަނޑައަޅުއްވައި، އެކަން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކަށް އަންގަވާފައެވެ.