ލިޔުނީ: އާތިކާ އިބްރާހީމް. ހިޔާ-15-18-01
ދަންވަރުގެ ވަގުތެވެ. ސާދިޔާއަށް ހޭލެވުނީ ފެން ބޮވައިގަނެގެންނެވެ. އޭރު ގަޑިން މެންދަމުން އަލިވެ 2 ޖަހަނީއެވެ. ކައިރީގައި ނިދިފައޮތް ކުޑަކުޑަ އައިޝާގެ ނިތްކުރީގައި ބޮސްދިނުމަށްފަހު ސާދިޔާ ކޮޓަރިން ނުކުތެވެ. ފެންތަށި ހިފައިގެން މޭޒު ކައިރީ އިށީންވަގުތު ބޭރަށް ނުކުމެލާ ކޮންމެ ރެއަކު ސާދިޔާގެ ކަންފަތުގައި ޖެހޭ ގިސްމުލުގެ އަޑު ޖެހުނެވެ. އެއަޑަކީ ސާދިޔާއަށް އާއަޑެއް ނޫނެވެ. އެއަޑަށް ސަމާލްކަންނުދީ ސާދިޔާ ފެންތަށި ބޯލުމަށްފަހު ކޮޓަރިއަށް ދިޔުމަށް ހިގައިގަތެވެ. އެހެނަސް ސާދިޔާގެ ފިޔަވަޅަށް ހުއްޓުން އެރީ މިރޭ އެގިސްލުމުގެ އަޑު ތަފާތުވުމުންނެވެ. ކޮޓަރިއާ ދިމާއަށް ހުރި ފިޔަވަޅު ބޭއިޙްތިޔާރުގައި ގިސްލުމުގެ އަޑާ ދިމާއަށް އެނބުރުނެވެ. މަޑު ފިޔަވަޅުގައި ގޮސް ސާދިޔާ ހުއްޓުނީ ބައްޕަގެ ކޮޓަރީގެ ދޮރުކައިރިއަށެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވިފައެވެ. ފަނޑުއަލިކަމެއް ކޮޓަރީގައި ހުއްޓެވެ. ސާދިޔާ މަޑުމަޑުން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ބައްޕަ ހާސިމް އަށް އޮތީ ނިދިފައެވެ. ކުޑަމޭޒު ކައިރީ ގޮނޑީގައި އިށީދެ ފޮތެއްގައި ކޮންމެވެސް އެއްޗެއް ލިޔަން ސާދިޔާގެ ދޮންމަންމަ އަލްމާސް އިނެވެ. އަލްމާސް ކަރުނަ ފުހެމުން އިރުއިރުކޮޅުން ހާސިމްގެ ފައިގައި އަތްޖައްސާލައެވެ. ސާދިޔާ އެމަންޒަރު ބަލަންހުރި އިރު ހިތުގައި ކުޑަ ރިހުމެއް އުފެދުނެވެ. ނަމަވެސް އަލްމާސް ގޮނޑިން ތެދުވެ ފޮތް ލައްޕާލުމަށްފަހު ތެދުވަން ވަގުތު އަލްމާސްގެ މޫނުފެނުމާއެކު ވީފޫހިން މޫނު ކުނިކޮށްލަމުން އެނބުރުނެވެ. އެހެނަސް ހަމަ އެސިކުންތު ކޮޅުގައި އަނެއްކާވެސް އެނބުރި ކޮޓަރިއަށް ބަލާލީ އަލްމާސް ގެންގުޅުނު ފޮތްމަތިން ހަނދާންވުމުންނެވެ. ސިއްރުން އަލްމާސް ފޮތް ބޭއްވިތަން ބަލަން ސާދިޔާ ހުއްޓެވެ. އަލްމާސް ފޮތް ބާއްވާފައި ފާހާނައަށް ވަނުމާއެކު ސާދިޔާ އަވަސް އަވަހަށް ކޮޓަރިއަށްވަދެ ފޮތް ނެގިއެވެ. މަޑު ފިޔަވަޅުގައި ސާދިޔާގެ ކޮޓަރިއަށްވަދެ ރަނގަޅަށް ގޮޑީގައި ހަމަޖެހިލިއެވެ. ބޮކި ދިއްލުމަށްފަހު ފޮތް ހުޅުވާލިއެވެ. ވަރަށް ރީތި އަތުލިޔުމެކެވެ. ބިސްމީގައި އަތްޖައްސާލަމުން ސާދިޔާ އޭގައިވާ ފޮޅުވަތްތައް ކިޔަންފެށިއެވެ.
ރަހުދާއަކީ އަހަރެންގެ ފުރާނަފަދަ ލޯބިވާ އެކުވެރިއާއެވެ. އަހަރެންގެ މަންމަ ބަލިވެ އެނދުމަތިވެ މަރުދުވަހާ ޖެހެންދެންވެސް އަހަރެންނަށް އެންމެ އޯގާތެރި ކަމާއެކު އަތްދިއްކޮށްލި މަދަދު ވެރިއާއެވެ. ހުރިހާ ހިތާމައެއް އަދި ހުރިހާ އުފަލެއްގައި ބައިވެރިވި އެހީތެރިއާއެވެ. އެއަޅާލުން ދުވަހަކުވެސް އަހަރެންގެ ހިތަކުން ނުފިލާނެއެވެ. ރަހުދާ ޒަވާޖީ ހަޔާތެއް ފެށުމާއެކު ދެމީހުންގެ ގުޅުމަށް ކުޑަ ދުރުކަމެއް އައީ ރަހުދާގެ ފިރިމީހާ ހާސިމްގެ ގޭ އަހަރެންގެ ގެއާ ދުރުވީމައެވެ. ހާސިމްއަކީ ރަނގަޅު އާއިލާއެއްގެ މީހެކެވެ. ރަށު ސުކޫލް މުދައްރިސެކެވެ. އެހާ ރަނގަޅު އޯގާތެރި ފިރިއެއް ރަހުދާއަށް ލިބުމުން އަހަރެން ވަރަށް އުފާވިއެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު ބައްދަލްވާ ރަހުދާއާއި ކައިވެންޏަށްފަހު ބައްދަލްވަނީ ހަވީރު އެކަންޏެވެ. އެއީ ރަހުދާގެ ކައިވެންޏަށްފަހު ދެމީހުންނަށް ހީ ސަމާސަ ކޮށްލަން ލިބޭ ހަމައެކަނި ވަގުތު ކޮޅެވެ. ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެންގެ ހަޔާތަށް ނާހިދު އައެވެ. ނާހިދުއަކީވެސް މުދައްރިސެކެވެ. ހާސިމްގެ އެކުވެރިއެކެވެ. އަހަރެންނާއި ނާހިދު ދިމާވެ އެކުވެރިކަން ބަދަހިވެ އެގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްދިނީ ރަހުދާއާއި ހާސިމްއެވެ. ރައްޓެހިވެގެން މާގިނަ ދުވަސްވާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ކައިވެނީގެ ފޮނި އުއްމީދުތަށް އަހަރެމެން ކުރީމެވެ. އެހާމެ ފޮނި ހުވަފެންތައް ދުށީމެވެ. ކައިވެނީގެ ފަހުން ދިރިއުޅުން ބިނާ ކުރާނެ ގޮތް ކުރެހީމެވެ. ކައިވެނި ކުރަން ތާރީހް ކަޑައެޅީމެވެ. އޭރު ރަހުދާ އިނީ ބަލިވެއެވެ. ވިހަން ތައްޔާރުވެފައެވެ. ކައިވެނީގެ ތާރީހް ކަޑައެޅި ރަންކީރެއެވެ. ބަލިވެ އުޅޭތީ ރަހުދާއަށް އަހަރެންގެ ރަންކިއުމުގައި ބައިވެރިއެއް ނުވެވުނެވެ. ދަންވަރުގެ ވަގުތު ހަބަރު ލިބުނީ ރަހުދާ ބަނޑުގައި ރިއްސާތީ ރަށުގެ ސިއްޙީ މަރުކަޒަށް ގެންދިޔަ ވާހަކައެވެ. އަހަރެން ދުވެފައި މަރުކަޒާ ދިމައަށް ދިޔައީމެވެ. މީހުން ކޮޅު ކޮޅު މައްޗަށް ހެލިފެލިވެ އުޅެއެވެ. އޭރު ރަހުދާގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. ވިއްސާކޮޓަރިން މީހަކު ނުކުމެ އަހަރެންނާއި ރަހުދާގެ ފިރިމީހާ ހާސިމް އެތެރެއަށް ވަނުމަށް އެދުނެވެ. އަހަރެން ހުރީ ވަރަށް ހާސްވެފައެވެ. މުޅިމީހާ ތުރުތުރު އަޅައެވެ. ކެޑިނޭޅި ރަހުދާގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ. އަހަރެންނާއި ހާސިމްގޮސް ރަހުދާގެ ބޯކޮޅުގައި މަޑުކޮށްލީމެވެ. ރަހުދާ އޮތްހާލުފެނި އަހަރެންނަށްވެސް ރޮވެން ފެށުނެވެ. ލޯބިލޯބި އަންހެން ކުއްޖެއް ރަހުދާގެ މަގަތުގައި ބާއްވާލާފައި އޮތެވެ. ހަމަ ކުޑަކުޑަ ރަހުދާއެކެވެ. މާނޭވަޔާއެކު ވަރަށް ހިތްވަރުން ރަހުދާ ވާހަކަދައްކަން އުޅުނެވެ. ވެފައިވާ ވަރުބަލިން ރަހުދާގެ ދެލޯވަނީ މެރިފައެވެ. “އަލްމާސް މިތުއްތު ދަރިފުޅުގެ މައިމީހާއަށް ވެދީ.. އަހަރެންގެ ފިރިމީހާ އެކަނިވިޔަ ނުދީ..” ރަހުދާގެ ޖުމުލަ އަހަރެންގެ ކަންފަތަށް ހެރުނު ތީރެއް ހެން ހީވިއެވެ. ބުނާނެ އެއްޗެއް ނޭގިފައި އަހަރެންނަށް ހުރެވުނެވެ. ރަހުދާއަށް މިއީ އޭނަގެ ފަހު ވަގުތުކޮޅުހެން ހީވަނީ ކަންނޭގެއެވެ. އެކަމަކު ރަހުދާގެ އެ ޖުމުލަތަކަށް އަހަރެންނަށް އެއްބަސް ވެވޭނެ ހެއްޔެވެ. އަހަރެން ކައިވެންޔަށް ކުރި ފޮނި އުއްމީދު ރަހުދާއަށްޓަކާ ގުރުބާން ކުރަންވީ ހެއްޔެވެ. ނާހިދު ދެކެ އަހަރެން ހާދަ ލޯބިވަމެވެ. ޒަވާޖީ ހަޔާތެއް ފެށުމަށް ރަންކީވެސް މިރެއެވެ. “އަލްމާސް މިތުއްތު ދަރިފުޅުގެ މައިމީހާއަށް ވެދީ.. އަހަރެންގެ ފިރިމީހާ އެކަނިވިޔަ ނުދީ..” ރަހުދާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އަދި މަޑުމަޑުން އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. ހާސިމް ރަހުދާ ކައިރި އެކަހަލަ ވާހަކަ ނުދެއްކުމަށާޢި ހިތްވަރު ކުރުމަށް ނަސޭހަތް ދިނެވެ. ރަހުދާ ރަނގަޅުވެ ދަރިފުޅަށް މަންމަގެ ލޯބި ލިބޭނެ ކަމަށް ބުނަމުން ދިޔައެވެ. ރަހުދާ ދެއަތަކަށް ބޯ ހޫރާލަމުން އަހަރެންގެ އަތާއި ހާސިމްގެ އަތް ކުޑަދަރިފުޅުގެ ގައިގައި ޖެއްސުވިއެވެ. ރަހުދާ އޭނަގެ އާއިލާ މީހުން ތިއްބަ އަހަރެންނާ ހަވާލް ކުރި ސަބަބެއް ވިސްނާވެސް ނުވިސްނުނެވެ. “އަލްމާސް އަހަރެންގެ މަންމަ އިނީ އަދު ތޯ މާދަންވެފަ.. އަހަރެން ދަރިފުޅުގެ މައިމީހާއަށް ވެދީ..” ރަހުދާގެ އަތް ތުރުތުރު އަޅަން ފެށިއެވެ. ތެދެކެވެ. މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ރަހުދާގެ މަންމައަށް ހިނގެނީވެސް އަސާގަނޑު ހިފައިގެންނެވެ. ދެންތިބީ ދައްތައަކާއި ބޭބެ އެކެވެ. ކޮންމެ މީހެއްވެސް ކުޑަކުއްޖަކު އޮވެއެވެ. އެމީހުންނަށް ރަހުދާގެ ދަރިފުޅަށް އެންމެ ފުރިހަމަ ލޯބި ދީގެން ނުބެލިދާނެއޭ ރަހުދާއަށް ހީވަނީއެވެ. ކުޑަކުޑަ ދަރިފުޅު ރޯންފެށުމާއެކު ބޭއިހްތިޔާރާއެކު އަހަރެންނަށް އެ ދަރިފުޅު އުރާލެވުނެވެ. “ދަރިފުޅާ ތީ މަންމަގެ ލޯބިލޯބި ފުށްކޮޅު… އަހަރެން ރަހުދާއަށްޓަކައި ކޮންމެފަދަ ގުރްބާނީ އެއްވެސް ވެދީފާނަން.. އަހަރެންމީ މިދަރިފުޅުގެ މަމިމީހާ:”.. އަހަރެން އެދަރިފުޅު މެޔާލާ ބޮޑިކޮށްލީމެވެ. ރަހުދާއަށް އަހަރެންގެ ޖުމުލަ އިވުމާއެކު މޫނުމަތިން އުފާވެރިކަން ފެނުނެވެ. ކުޑަދަރިފުޅު ރަހުދާގެ އެދުމަށް ކައިރީގައި ބާއްވާލީމެވެ. ރަހުދާ މަޑުމަޑުން އެކުޑަކުޑަ ދަރިފުޅުގެ މަޑުމަޑު ކޯތާފަތުގައި ބޮސްދެމުން މަޑުމަޑުން ސަހާދަތް ކިޔަންފެށިއެވެ. ރަހުދާގެ ފުރާނަ ރަހުދާއާއި ވަކިވީ ރަހުދާ އެ ދަރިފުޅަށް ބަލަން އޮއްވައެވެ. އަހަރެންނަށް ރޮއި ގަނެފައި ރަހުދާއަށް ގޮވަންފެށުނެވެ. ހާސިމްގެ ވަރަށް މަސައްކަތުން އަހަރެން ހަމައަކަށް އެޅުވިއެވެ. ޑޮކުޓަރގެ އެދުމަށް ދަރިފުޅު އުރާލައިގެން ވިއްސާކޮޓަރިން ނުކުތީމެވެ. އަހަރެންނަށް ނުކުމެވުނީ ނާހިދު ކުރިމަށްޗަށެވެ. އަހަރެންގެ ވާން އުޅޭ ފިރިމީހާއެވެ. “ނާހިދު… އަހަރެންމީ މިދަރިފުޅުގެ މައިމީހާ.. އަހަރެން ބޭނުން މިދަރިފުޅު އަދި ރަހުދާގެ ވަސިއްޔަތަށް އަމާނާތްތެރިވާން…” ރަހުދާއަށް ނާހިދުއާއި ހަތަރުކަޅިވެސް ހަމަކުރާކަށް ނުކެރުނެވެ. ނާހިދުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ލޮލަށް ޖަމާވި ކަރުނަތަށް ހިފަހައްޓާލަމުން ނާހިދުގެ ކުރިމަތިން އަހަރެން ދުރަށް ދިޔައީމެވެ.
އަހަރެން ތުއްތު ދަރިފުޅުގެ ހުރިހާ ކަމެއްގައި ހިފީމެވެ. މަންމައެއްގެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރީމެވެ. ރަހުދާގެ އެދުމަށް ދަރިފުޅުގެ މަންމަގެ ވާޖިބު އަދާކުރުމާއި ހަވާލް ވިޔަސް ހާސިމް އާއި އިނުމުގެ ހިޔާލެއް އަހަރެންގެ ނެތެވެ. އަދިވެސް ބޭނުންވަނީ ނާހިދުއާއި ކައިވެނިކޮށް ދަރިފުޅުވެސް ގޮވައިގެން ދިރިއުޅުން ކުރިއަށް ގެންދާށެވެ. އެގޮތަށް ހާސިމްވެސް އެއްބަހެވެ. އެހެނަސް އެގޮތާ ނާހިދު އެއްބަހެއް ނުވިއެވެ. އަހަރެން އިޙްތިޔާރު ކުރީ ދަރިފުޅެވެ. އެކުވެރިއާއެވެ. ނާހިދު ވަކިވުމުގެ ހިތާމަ އަހަރެން ކުރީމެވެ. ވަރަށް ދެރަވިއެވެ. ދެކެމުންއައި ކުލަރީތި ހުވަފެންތައް ވިއްސި ވިހާލިވީމައެވެ. އެހެނަސް ލޯބިލޯބި ކަމަނަ އަހަރެން ހިތާމަކޮށް ދެރަވިޔަކަ ނުދެއެވެ. ރޯނެ ފުރުސަތެއްވެސް އެދަރިފުޅު ނުދެއެވެ.
އަހަރެން ކުޑަދަރިފުޅު ސާދިޔާ ބަލަމުން ދިޔައީ ލޮލުގެ ކޮއި ފަދައިންނެވެ. އަހަރެން އުޅެމުން ދިޔައީ އަހަރެންގެ ގޭގައެވެ. ހާސިމް ކޮންމެ ދުވަހަކުވެސް ސާދިޔާ ކައިރިއަށް އައިސް ހީ ސަމާސަ ކޮށް ހަދައެވެ. އެދަރިފުޅަށް ބޭނުންވާނެހާ ސާމާނެއް އަދި ގެއަށް ބޭނުންވާނެ ބައެއް ސާމާނުވެސް ގެނެސް ހަދައެވެ. އެކަމާ އަހަރެން ދެކޮޅު ހެދިޔަސް އެކަން ހާސިމް ބަދަލެއް ނުކުރިއެވެ. ދުވަސްތައް އޭގެ ވާޖިބު އަދާ ކުރަމުން ދިޔައެވެ. އަހަރެންނާ ހާސިމް ގާތްކޮށްދިނީ ތުއްތު ތުއްތު ސާދިޔާއެވެ. ދުވަހަކަށްވުރެ ދުވަހެއް ދެމީހުންގެ ގާތްކަން އިތުރުވަމުންގޮސް ހާސިމް އަހަރެން ކުރެން ކައިވެންޔަށް އެދުނެވެ. އެކަމާ ގަޔާވިޔަސް އާބަސް ބުނާކަށް އަހަރެންނަކަށް ނުކެރުނެވެ. އެއް އިރެއްގައި ހާސިމްއަކީ އެންމެ ގާތް އެކުވެރިއާގެ ފިރިމީހާއަށް ވީތީއެވެ. ނަމަވެސް ދެފަރާތު އާއިލާގެ ހިޔާލާ އެއްބާރުލުމާއެކު އަހަރެން ހާސިމްއާއި ކައިވެނި ކުރީމެވެ.
ހާސިމްއާއި ކައިވެނި ކުރުމުން އަހަރެންނަށް ނާހިދުގެ އުނދަގޫ ވަރަށް ބޮޑުވިއެވެ. އަހަރެންނާ ހާސިމްގެ ގުޅުމަކީ ރަހުދާއާއި އިނދެގެން އުޅުން އިރުވެސް އޮތް ގުޅުމެއް ކަމާއި އަހަރެން ރަހުދާއަށް ސިޙުރު ހަދާ މަރާލީ ކަމަށް ބުނެ ރަށުތެރޭ ދޮގު ޙަބަރު ފަތުރަން ފެށިއެވެ. އެ ދޮގު ވާހަކަތަކުގެ ސަބަބުން ރަހުދާގެ އާއިލާވެސް އަހަރެންނަށް ނަފްރަތު ކުރިއެވެ. ކޯޓަށް މައްސަލަ ހުށައަޅައި ހާސިމްގެ އަތުން ދަރިފުޅުވެސް އަތުލަން އުޅުނެވެ. ނަމަވެސް ﷲގެ ހެޔޮ ރަހްމަތްފުޅުން ކާމިޔާބުވީ ހާސިމް އަށެވެ. އެހިތްދަތި ދަޑިވަޅުގައި އަހަރެންގެ އެއްމެބޮޑު ހިތްވަރަކަށްވީ ސާދިޔާއެވެ. މީހުން ކިޔަމުން ދިޔަ ހުތުރު ބަސްތަކަށް ކެތްކުރީމެވެ.
ކައިވެންޔަށް އަހަރުވީތަނާ އަހަރެން ބަލިވެ އިނެވެ. ނަމަވެސް ތިންމަހުގައި ބައިގެން ދިޔައީއެވެ. އަހަރެން ﷲއަށް ހަމްދު ކުރީމެވެ. ދުޢާކުރީމެވެ. ކެތްތެރިކަން ދެއްވުމަށްށެވެ. ސާދިޔާ އެހާ ކުޑައިރު ބަލިވެ އިނުމުން އެކަމާ ހިތާމަވެސް ކުރީމެވެ. އޭގެ ފަހުންވެސް ބަލިވެ އިން ދެފަހަރުވެސް ބައިގެން ދިޔައީއެވެ. މިކަމުގައި ކޮންމެވެސް ހިކުމަތެއްވާނެކަން އަހަރެން ގަބޫލް ކުރީމެވެ. އޭގެ ފަހުން އަހަރެން ބަލިވެއެއް ނީދެއެވެ. ދަރިއަކު ހޯދަން ބޭސް ކުރުމަށް ހާސިމް އެތަށްފަހަރަކު އެދުނެވެ. އަހަރެން އެކަމާ އެއްބަހެއް ނުވަމެވެ. ދަރިއަކު ބޭނުން ނުވަނީކީނޫނެވެ. އުފަންދަރިއަކު ބޭނުމެވެ. އެހެނަސް ކުޑަހިދުކޮޅަކަށްވިޔަސް އަހަރެންގެ ލޯމަތިން ސާދިޔާ ގެއްލެން ބޭނުން ނުވާތީއެވެ. ލޭގެ ގުޅުމެއް ނެތަސް އަހަރެން ދެކެނީ ސާދިޔާއަކީ އަހަރެންގެ ލޭ ކަމަށްށެވެ. އުފަންދަރި ކަމަށެވެ.
އަހަރެންނާއި ހާސިމް އަދި ސާދިޔާ އުޅެމުން ދިޔައީ ވަރަށް އުފާވެރި ދުވަސްތަކެކެވެ. ސާދިޔާއަށް އަހަރެންމީ އުފަން މަންމަ ނޫން ކަމެއް އަހަރެމެން ނުބުނަމެވެ. އެކަން އިހްސާސް ވިޔަކަވެސް ނުދެމެވެ. ނަމަވެސް ބޮޑުވުމުން ކޮންމެވެސް ގޮތަކުން އެގޭނެކަންވެސް އެގެއެވެ. އެދުވަހަކުން ހުރިހާ ވާހަކައެއް ކިޔައިދޭން ތިބީއެވެ. ފަހަރެއްގައިވެސް އެވާހަކަތައް ސާދިޔާ ގަބޫލް ނުކުރާނެއޭ އަހަރެންގެ ހިތަކަށް ނާރައެވެ. ސާދިޔާގެ މަދަރުސީ ދައުރު ފެށުނެވެ. ކަންކަން ބަދަލްވާން ފެށީ ސާދިޔާ ގުރޭޑް 7 ނިންމި ފަހުންނެވެ. އެއްދުވަހަކު ސާދިޔާ ސުކޫލް ނިންމާ ގެއަށް އައިސް ބުނި ޖުމުލަ އަކުން އަހަރެންގެ މޭފަޅާ ހިތް ނުކުތް ކަހަލައެވެ. “މަންމާ ތިޢީ އަހަރެންގެ އަސްލު މަންމަތަ… ބޭބެ ބުނި ތިއީ އަހަރެންގެ ދޮންމަންމަ އޭ… އެއީ ދޮގެއް ދޯ..” ސާދިޔާގެ އެ ޖުމުލަ އަހަރެންގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. ލޮލަށް ޖަމާވި ކަރުނަތަށް ސާދިޔާއަށް ފެނިދާނެތީ އަހަރެން ސާދިޔާ ގައިގައި ބައްދާލީމެވެ. އެކަހަލަ ވާހަކަ ނުދެއްކުމަށް ބުނީމެވެ. ސާދިޔާގެ ކަންފަތާ ހަމައަށް އެވާހަކަ ގެނެސްދިނީ ނާހިދުކަން ޝައްކުވެފައި ހުއްޓާ އެކަން ޔަގީންވީ ނާހިދުއާއި މަގުމަތިން ދިމާވެގެން އަހަރެންނާ ދިމައަށް ބުނި ޖުމުލަ އަކުންނެވެ. “ބަލާލާނަން ކިހާދުވަހަކު ސިއްރުކޮށްގެން އުޅެވޭތޯ..” ނާހިދު ބުނި ޖުމުލައަށް އަހަރެން އެއްޗެކޭ ނުބުނަމެވެ.
ދުވަހަކަށްވުރެ ދުވަހެއް ސާދިޔާގެ ސުވާލްތަށް ގިނަވާން ފެށިއެވެ. ކެތްތެރިކަމާއެކު އަހަރެން ޖަވާބު ދިނީމެވެ. ދޮންމަންމަހެއްޔޭ އަހާ ކޮންމެ ފަހަރަކު އަހަރެން ބުނަމެވެ. މިއީ ދަރިފުޅުގެ މައިމީހާއެވެ. އަހަރެންގަޔަކު އެވާހަކަތައް ކިޔައިދޭނެ ހިތްވަރެއް ނުހުރެއެވެ. ބައެއް ފަހަރު ބިރުގަނެއެވެ. ސާދިޔާއަށް އަހަރެންމީ ދޮންމަންމަކަން އެގޭ ހިސާބުން އަހަރެން ދޫކޮށްލާނެހެން ހީވަނީއެވެ. ކިތައްމެ ރަނގަޅު ދޮންމަންމައަކަސް ގިނަފަހަރު އެކަން ބަލައެއް ނުގަނެއެވެ. ނާހިދުގެ ކަންތައް ހާސިމްއަށް އެގި މައްސަލަ ވަރަށް ގޯސްވިއެވެ. އަހަރެން ހާސިމްއަށް ވިސްނައިދިނީ ﷲ އެކަން ދެނެވޮޑިގެންވާނެ ކަމެވެ. ކެތްތެރި ވުމަށްށެވެ.
މަދަރުސީ ދައުރު ނިމި ސާދިޔާ ވަޒީފާ އަދާ ކުރަން ފެށިއެވެ. އިތުރަށް ކިޔަވާކަށް ސާދިޔާ ބޭނުމެއް ނުވިއެވެ. އަހަރެން ސާދިޔާގެ ކަންފަތާ ހަމައަށް ފޯރަން ބޭނުންނުވި ދޮގު ޙަބަރު ސާދިޔާގެ ކަންފަތަށް ފޯރިއެވެ. މިފަހަރު ނާހިދުގެ ފަރާތަކުން ނޫނެވެ. “ދޮންމަންމާ… ތިއީ ސިޙްރު ވެރިއެއް.. މާ ރަނގަޅުވެގެން ތިއުޅެނީ ކޮންމެވެސް ފައިދާއަކަށް… ދޮންމަންމަ ސިއްރު ކުރިއަސް މަންމަ ފަރާތު މީހުން އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި…” ސާދިޔާ އެއްދުވަހު އޮފީހުން އެއައިގޮތަށްވަދެ އަހަރެންނާ ދިމައަށް ރުޅިވެރި ކަމާއެކު ގޮވަލިއެވެ. އަހަރެންގެ ހިތަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލި ހެންނެވެ. “ދަރިފުޅާ ތިކަހަލަ ވާހަކަ ނުދައްކާ… މިއީ ދަރިފުޅުގެ މައިމީހާ.. ރަހުދާގެ ދެއަތުން ދަރިފުޅު އަހަރެންނާ ހަވާލް ކުރީ ތި ދަރިފުޅަށް އަމާނާތް ތެރިވުމަށް…” އަހަރެންނަށް ރޮއިގަނެފައި ސާދިޔާގެ އަތުގައި ހިފާ މެޔާލާ ބޮޑިކޮށްލެވުނެވެ. އެވަގުތުވެސް އެންމެ ފުރަތަމަ ސާދިޔާ އުރާލި ދުވަހު އުފެދުނު މައިވަންތަކަން ހިތުގައި އުފެދުނެވެ. ސާދިޔާ ރުޅިއައިސް އަތްފޮޅުވާލަމުން މަންމަގެ ގާތިލްއާއި ހަތަރުކަޅި ހަމަކުރަންވެސް ބޭނުން ނޫންކަމަށްބުނެ ކޮޓަރިއަށް ގޮސް ދޮރު ލެއްޕިއެވެ. ފަޅައިގެންގޮސްފައިވާ ހިތަކާއެކު އަހަރެންނަށް ހުރިތަނަށް ތިރިވެވުނެވެ. މާޒީގެ ސޮފްހާތަށް ލޯ ކުރިމަތީ އެނބުރެމުން ދިޔައެވެ. އެއްމެ ތުއްތު އިރުގެ ސާދިޔާ ފެންނަމުން ދިޔައެވެ. އެދަރިފުޅާއެކު ހޭދަކުރި އުފާވެރި ވަގުތުތަކެވެ.
ސާދިޔާ ހާސިމް ކައިރީވެސް އެހުރިހާ ވާހަކައެއް ދެއްކިއެވެ. ހާސިމްވެސް ސާދިޔާއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ހާސިމްގެ ވާހަކަވެސް ސާދިޔާ ގަބޫލެއް ނުކުރިއެވެ. އަހަރެން ގެއިން ނެރުމަށް ހާސިމް ކައިރިން ސާދިޔާ އެދުނެވެ. ހާސިމް އަހަރެން ކައިރީ އެވާހަކަތައް ދެއްކިއެވެ. އަހަރެން މިގެއިން ނުކުންނާކަށް އެއްބަހެއް ނުވަމެވެ. “ހާސިމް… ސާދިޔާ އަހަރެންނަށް ނަފްރަތު ކުރިއަސް އަހަރެންގެ ޝަކުވާއެއްނެތް.. މިހިތުން އެ ސޫރަ ފުހެލަން ނޫޅޭ.. ސާދިޔާ ނަފްރަތު ކުރިޔަސް ސާދިޔާ ފެނުމަކީ މިހިތުގެ ހަމަޖެހުން.. މިއީ ސާދިޔާ ގަބޫލް ކުރަން ބޭނުންނުވިޔަސް ސާދިޔާގެ މައިމީހާ.. އަހަރެންގެ ލޯމަތިން ސާދިޔާ ގެއްލުނަނުދީ… އަހަރެން ކެތްތެރިވާނަން.. ﷲ ގެ އިރާދަފުޅުން އަދި އަހަރެންނާ ދިމައަށް ސާދިޔާ ރުޙުމުގެ ލޮލުން ބަލާނެ.. އޯގާތެރިވާނެ…” އަހަރެން ވަރަށް ހިތްވަރާއެކު ހާސިމް ކައިރީ ބުނީމެވެ. އެދުވަހުގެ ފަހުންވެސް ސާދިޔާ އެ ޖުމުލަތައް އެ ބަސްތައް ބޭނުން ނުކުރާ ދުވަހެއް ނުދެއެވެ. އެ ބަސްތަކުން އަހަރެންގެ ހިތް ކުދިކުދި ވެއެވެ. އޭގެފަހުން ކޮންމެ ރެއަކު ނިދެނީ ރޮއިރޮއި އޮއްވައެވެ. އެހެނަސް ކެތްކުރީމެވެ. އެތައްފަހަރަކު ހާސިމް ނަސޭހަތް ދީގެންވެސް ސާދިޔާ ގަބޫލް ނުކުރިއެވެ. އަހަރެން ކައްކާ އެއްޗިހި ކެއުން އެއްކޮށް ހުއްޓާލިއެވެ. ވިހަ އަޅާފަ ކާން ހަދަނީ ކަމަށް ބުނެއެވެ.
އުމުރުން 18 އަހަރު ވުމާއެކު ސާދިޔާ ކައިވެނި ކުރިއެވެ. އެއީ ރާއިދުއެވެ. ރަށުގެ އާދައިގެ އާއިލާއެއްގެ ކުއްޖަކަސް އުޅުން ރަނގަޅު ކުއްޖެކެވެ. ވަޒީފާ އަދާކުރަނީ ރަށުގައި ހުންނަ އިންޖީނުގޭގެ އޮފީސްބައިގައެވެ. ސާދިޔާގެ ބައިވެރިއަކަށް ރަނގަޅު ކުއްޖަކު އިޙްތިޔާރު ކުރުމުން އަހަރެން ވަރަށް އުފާވިއެވެ. ރާއިދުގެ ގޭގައި އިތުރު ކޮޓަރިއެއް ނެތުމުން ދިރިއުޅެން ނިންމީ ސާދިޔާ ގޭގައެވެ. ސާދިޔާގެ އެދުމަށް ހާސިމް ކޮޓަރިއާއިންވެގެން އިތުރު ބަދިގެއެއް ހެދިއެވެ. އަހަރެންނާ އެއްކޮށްހެން ވަކިވީއެވެ. ރާއިދު އަހަރެންނަށް މަންމާއޭ ކިޔާފައި ގޮވާލާހަދައެވެ. ހާލު ބަލާލާ ހިނިތުންވެލައެވެ. އިސްވެ ވާހަކަވެސް ދައްކައެވެ. ސާދިޔާ އަހަރެންނާ ވާހަކަ ނުދެއްކިޔަސް އަދި ހަތަރުކަޅި ހަމަ ނުކުރިޔަސް ސާދިޔާގެ މޫނު ފެނުމުން އަހަރެންގެ ހިތަށް ފިނިކަން ލިބެއެވެ.
ސާދިޔާ ބަލިވެ އިނދެ ދަރިއަކު ލިބުމާ ހަމައަށްވެސް އަހަރެންނާ ވާހަކަ ނުދައްކައެވެ. ފެނުނަސް މޫނު އަނބުރާލައެވެ. ވިހައިގެން އެދަރިފުޅު ގެއަށް ގެނަ ދުވަހު މާމަ ދަރިފުޅު ދެކިލަން ސާދިޔާ ކޮޓަރިއަށް ދިޔައީ ވަރަށް ފޮނި އުއްމީދާއެކުއެވެ. އެކަމަކު ޖެހުނީ އެނބުރިދާށެވެ. “ރާއިދުވެސް ނުވާނެ ދޮންމަންމަ މިދަރިފުޅު ގައިގަ އަތްލިޔަދީގެން..” ސާދިޔާ އޭނަގެ ފިރިމީހާ ކައިރީ ބުނި އަޑު އަހަރެންނަށް އިވުނެވެ. ކޮޓަރި ކައިރިއަށް ނުދެވުންނަމަ އެއަޑުވެސް ނީވުނީސްއޭ އަހަރެންގެ ހިތަށް އެރިއެވެ. އެކުޑަކުޑަ ލޯބި ދަރިފުޅު ގޮވައިގެން ސާދިޔާ އުޅޭތަން އަހަރެން ދެކެމެވެ. އުރާލާ ލޯބިކޮށްލަން ނުލިބޭތީ ވަރަށް ހިތްދަތި ވެއެވެ. އެހެނަސް ކެތްތެރިވީމެވެ. މަސަލަސް ނުވެގެން ސާދިޔާ އުޅޭ ވަގުތު މަސަލަސް ކުރަން ދާން ބޭނުން ވެއެވެ. އަހަރެންގެ މޭމަތީ އެދަރިފުޅު ބާއްވާ ނާނާ ކިޔާލަންވެސް ބޭނުންވެއެވެ. އެއްދުވަހަކު އަހަރެން ގޭތެރެއިން ނުކުތްއިރު އައިޝާގެ ރުއިމުގެ އަޑު އެކޮޓަރިން އިވެންފެށިއެވެ. ހުއްޓާލާތޯ އިރުކޮޅަކު ހުރުމަށްފަހު އަޑު ނުކެޑުމުން އެދިމާއަށް ދިޔައީމެވެ. ސާދިޔާއަށް ގޮވާލީމެވެ. އަދި ދޮރުހުޅުވާ ވަންއިރު ސާދިޔާއެއް ނެތެވެ. ކުޑައެނދުގައިއޮތް އައިޝާގެ މޫނުމަތީ ރަޖާއޮޅި އައިޝާއަށް ނޭވާނުލެވިގެން ތެޅި ފޮޅެނީއެވެ. އަހަރެން އަވަސް އަވަހަށް ރަޖާނެގުމަށްފަހު އައިޝާ ނަގާ ހުއްޓުވާލެވޭތޯ މަސައްކަތް ކުރީމެވެ. ފުރަތަމަ ފަހަރަށް އުރާލަން ލިބުމުން އަހަރެން ހުރީ އައިޝާ ނިދުމުންވެސް ބާއްވަން ބޭނުން ނުވެފައެވެ. އެމޫނަށް ބަލަން ހުރެވުނެވެ. ހަމަ ކުޑަކުޑަ ސާދިޔާއެކެވެ. އަހަރެން ސިހުނީ ސާދިޔާ އައިސް އަހަރެންގެ އަތުން އައިޝާ ނެގުމުންނެވެ. “އަހަރެންގެ މަންމައަށް ސިހްރު ހަދާ މަރާލާފަ ތިއުޅެނީ އަދިވެސް ހިތް ނުފުރިގެންތަ.. ތިއުޅެނީ އައިޝާއަށްވެސް ސިހްރު ހަދަންތަ.. ނުކުމޭ މިކޮޓަރިން… ދޮންމަންމަ ދުވަހަކުވެސް ރަގަޅެއް ނުވާނެ… ރަގަޅު ކަމަށް ހެދުނަސް ހިތުތެރެ ވަރަށް ނުބައިވާނެ..” ސާދިޔާ ރުޅިއައިސް ދޮރާ ދިމައަށް އިޝާރާތް ކުރިއެވެ. ވީދެރައިން ކަންވީގޮތް ބުނާނެ ހިތްވަރެއް ނުލިބުނެވެ. ލޮލަށް ޖަމާވި ކަރުނަތަށް ހިފަހައްޓާލަމުން އަހަރެން ކޮޓަރިން ނުކުތީމެވެ. އަހަރެން ލޮލުގެ ކޮއި ފަދައިން ބެލި ދަރިފުޅު އަހަރެންނަށް ނަފްރަތު ކުރުން ވެގެން ދިޔައީ އަހަރެންނަށް ލިބުނު ބޮޑު ހިތާމައަކަށެވެ. މިކަހަލަ ކިތަންމެ ދުވަހަކާ އަހަރެންނަށް ކުރިމަތިވިއެވެ. އެހެނަސް ކެތްކުރީމެވެ. ނަމާދަށްފަހު ސާދިޔާއަށް އަހަރެންގެ ތެދު ހަގީގަތް ގަބޫލް ކުރެވޭތޯ ދުޢާ ކުރަމެވެ.
ސާދިޔާއާއި ރާއިދު ބޭރަށް ދިޔަ ރެއެކެވެ. އޭރު އަހަރެން ހުރީ ބަދިގޭގައެވެ. ސާދިޔާ ބޭރަށް ނުކުމެލާ ރޭރޭ އަހަރެން އައިޝާ ދެކިލަން ވަންނަމެވެ. މިރޭވެސް އަހަރެންނަށް އައިޝާގެ ލޯބި މޫނަށް ބަލާލަން ވަގުތު ކޮޅެއް ލިބޭނެ ކަމުގެ އުއްމީދުގައި އެކޮޓަރިއަށްވަނީމެވެ. އެ ދަރިފުޅުގެ މޫނުގައި ފިރުމާލާ ހިތުންނެވެ. އައިޝާއަށް އޮތީ ނިދިފައެވެ. ލޯބިލޯބި އައިޝާއަށް ދެއަހަރު ފުރިގެން ދިޔައީ އުރާލާ މަޖާކޮށްލަން ނުލިބިއެވެ. އެމޫނުގަ ބޮސްދީ ފިރުމާލަން ނުލިބި ބޮޑުވީއެވެ. އެމައުސޫމް މޫނުގައި ބޮސްދިނީމެވެ. އެއާއެކުއަހަރެންގެ ލޮލުން ފޭބި ކަރުނަތަށް އައިޝާގެ ކޯތާފަތުގައި ބީހިލިއެވެ. އައިޝާގެ މޫނުން ސާދިޔާ ފެންނަން ފެށުމުން އަހަރެނަށް އަނެއްކާވެސް ރޮވެން ފެށުނެވެ. ހުރިހާ ކަމެއް ހަނދާންވާން ފެށުމުން ހިތަށް ކެތް ނުވެގެން އެބުރިދާން ހިގައިގަތްވަގުތު ލޮލުގައި އަޅައިގަތީ އައިޝާގެ އެނދުމަތީއޮތް ބިޗުލެކެވެ. ކިތަންމެ ބިރުގަންނަ ސުއިއްޕަކަސް އަވަސް އަވަހަށް ނަގާ އެއްލާލީމެވެ. އެވަގުތު އޭތި އަހަރެންގެ އަތުގައި ކަށި ޖެހިއެވެ. ވީތަދުން އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ. އަހަރެންގެ އަޑަށް ނިދިފައި އޮތް އައިޝާއަށް ހޭލެވުނެވެ. އައިޝާގެ ރުއިމުގެ އަޑަށް އަހަރެންގެ އަތުން ތަދު ކެނޑުނު ކަހަލައެވެ. އައިޝާ ނަގާ ކޮޑުމަތީ ބާއްވާލައިގެން މަސަލަސް ކުރަމުން ދިޔައީމެވެ. އައިޝާ އަށް ނިދުމުން ކޮޓަރިން ނުކުތުމަށް އަވަސްވެގަތީމެވެ. ބިޗޫ ކަށިޖެހި ތަނަށް ބަލާލަމުން އެތަނުގައި ހިފަހައްޓާލަމުން ނުކުތީމެވެ. އަހަރެންނަށް ނުކުމެވުނީ ސާދިޔާ ކުރިމައްޗަށްށެވެ. ދެލޯ ބޮޑުކޮށް ބަލަން ހުރި ސާދިޔާގެ ދެލޮލުން އަލިފާންކަނި ފެންނަ ވަރަށް ސާދިޔާ ހުރީ ރުޅިއައިސްއެވެ. “ކަލޭ ހުންނަނީ އަހަރެން އައިޝާ ބާއްވާފަ މިގެއިން ހިދުކޮޅަކަށްވެސް ނުކުމޭތޯ ބަލަބަލާ ދޯ… ބުނީމެންނު ތި މުޑުދާރު އަތުން އަހަރެންގެ ދަރިފުޅުގައިގަ އަތްލައިގެން ނުވާނެއޭ..” ސާދިޔާގެ ވާހަކަތަކަށް ކެތް ނުވެގެން އަހަރެން ސާދިޔާ އަތުގަހިފާ ބޮޑިކޮށްލީމެވެ. “ދަރިފުޅާ މިއީ ދަރިފުޅުގެ މައިމީހާ… ތިފަދަ އެއްޗިހި ނުކިޔާ.. ” އަހަރެންގެ އަޑުބެދުނެވެ. ސާދިޔާ އެހުރިހާ އެއްޗެއް ކިޔާ އަޑު އަހަން ރާއިދުވެސް ކައިރީގައި ހުއްޓެވެ. ރާއިދު އެއްޗެކޭ ބުނަން އުޅުނެވެ. ސާދިޔާ ރާއިދަކަށް އެފުރުޝަތެއް ނުދިނެވެ. “ދޫކުރޭ އަތުން.. ތީގާތިލެއް… ވެގެންވާނަމަ މިގެއިންވެސް ނެރެލީމުސް.. ހިތައްއަރާ މީނަ ބައްޕައަށް ޖެއްސީ ކޮން ސިޙްރެއްބާއޭ.. ހަގީގަތް ގަބޫލް ނުކޮށް އަދިވެސް މި ސިހްރުވެރިއާ އާއި އިދެގެން މިއުޅެނީ… ސާދިޔާ އަތް ފޮޅުވާލަމުން ކޮޓަރިއަށް ވަނެވެ. ފަހަތުން ރާއިދުވެސް އިސްޖަހައިގެން ހުރެ ކޮޓަރިއަށް ވަނެވެ. ކަންފަތުގައި ގުގުމަމުން ދިޔަ ސާދިޔާގެ ޖުމުލަތަކުން ގުޑިލަންވެސް ނޭގިފައި އެތައް އިރެއް ވަންދެން އަހަރެންނަށް ހުރެވުނެވެ. ކަރުނަތައް ކޯތާފަތް ތެއްމަމުން ދިޔައެވެ. ބިޗޫ ކަށި ޖެހުމުން ވީ ތަދަށް ވުރެ ސާދިޔާގެ ވިހަ ބަސްތަކުން ހިތަށް ލިބުނު ތަދު މާބޮޑެވެ. ރޮމުން ގިސްލަމުން ކޮޓަރިއަށްވަދެ އަތުގައި ބާމް ކޮޅެއް ހާކާލުމަށްފަހު ނިދޭތޯ އޮށޯތީމެވެ. ބިޗޫ ދަތްއެޅިތަންވަނީ ރަތްވެ ކުޑަކޮށް ދުޅަވެފައެވެ. ސާދިޔާގެ ބަސްތަކުން ހިތަށްވާތަދުން ނުރޮއެ ނިދޭ ރެއެއް ވަރަށް މަދުވާނެއެވެ. އެހެނަސް ކަރުނަ ފުހެދޭނެ އަތެއް ނެތެވެ. ލޯތްބާއެކު މަންމާއޭ ގޮވާލާނެ ދުލެއް ނެތެވެ. ހާސިމް އަހަރެންނަށް ވަރަށް ނަސޭހަތް ދެއެވެ. ސާދިޔާ ދައްކާ ވާހަކަތަކާމެދު ނުވިސްނުމަށެވެ. އެހެނަސް ސާދިޔާ ބުނެލާ ކުދިކުދި ބަސްތަށް ހިތަށްވަދެ ރޮވެނީއެވެ.
އަހަރެން ކޮންމެ އަހަރަކުވެސް ތުއްތު އައިޝާގެ އުފަން ދުވަހަށް ކުޑަ ހަދިޔާއެއް ތައްޔާރު ކުރަމެވެ. އަހަރެންގެ އަތުން ހަދިޔާދޭން ނުހަނު ބޭނުމެވެ. އެކަމަކު ސާދިޔާ ހަދިޔާ ބޮލާލާ ޖަހާފާނެތީ ކޮންމެ ފަހަރަކުވެސް ދޭން ނުކެރިގެން ކުޑަ ފޮއްޓަކަށް ލާފައި ބާއްވަނީއެވެ. އަހަރެންގެ ރޫ ޖެހިފައިވާ މިދެއަތުން ފަހާފައިވާ ހެދުން އައިޝާ ލައްވާ ހިތުންނެވެ. އެހެނަސް އެ ހަދިޔާ ދޭނެ ހިތްވަރު ނެތުމުން ކޮންމެ ފަހަރަކުވެސް އަލަމާރީގައި ބާއްވަނީއެވެ. މިފަހަރުވެސް ކުރިއެކޭ އެއްފަދައިން ފެހި ހެދުން ކުޑަ ފޮއްޓަށް ލާފައި އަލަމާރިއަށް ލީމެވެ. އަހަރެން ގަޔަކު މިފަހަރުވެސް އައިޝާއަށް ހަދިޔާދޭނެ ހިތްވަރެއް ނެތެވެ. ސާދިޔާގެ ނަފްރަތު ބަސްތައް އެހުމަށްވުރެ ހެދުން އަލަމާރީގައި ބޭއްވުންވެސް މާ ހިތްހަމަ ޖެހުން ބޮޑެވެ. އަހަރެން ނެތް ދުވަހަކުން އައިޝާ އަށް ހެދުންތަށް ނުލެވުނަސް އިރާދަ ކުރެއްވިއްޔާ ހަނދާނަކަށް ބާއްވާނެކަން އަހަރެންގެ ހިތް ގަބޫލް ކުރެއެވެ. ﷲގެ އިރާދަފުޅުން އަހަރެންގެ ހަގީގަތް އެދަރިފުޅު ގަބޫލް ކުރާނެއެވެ. މާދަމާވެސް އައިޝާ އުފަންދުވަހުގެ ހަފްލާގައި ހިނިތުންވެފައިވާ މަންޒަރު ބަލަން އަހަރެން ދުރުގައި ހުންނާނަމެވެ. އެހެނަސް ސާދިޔާއާއި ސިއްރުންނެވެ.
އެހިސާބަށް ލިޔެ ނިންމާފައިވާ ފޮތް ކިޔާ ނިމުން އިރު ސާދިޔާގެ ދެލޯވަނީ ކަރުނުން ބަރުވެފައެވެ. އިޙްތިޔާރަކާނުލާ ލޮލުން ފޭބި ކަރުނަތަކުން ފޮތުގައި ލިޔެފައިވާ އަކުރުތަށްވެސް ފެވެމުން ދިޔައެވެ. ފޮތް ލައްޕާލުމަށްފަހު އެތަށް އިރަކު ސާދިޔާ ރޯން އިނެވެ. މަންމަގެ ކެތްތެރިކަމާމެދު ސާދިޔާ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މިއަދު އެ މަންމަގެ ކިބައިން މާފަށް އެދޭނެ ގޮތެއްވެސް ސާދިޔާއަކަށް ނުވިސްނުނެވެ. އެކަން ކުރަން ކެރޭނެ ހެއްޔެވެ. އެ މަންމަ އާއި މެދު ދެކެމުންއައި ގޮތް ހިތަށް އަރާ ސާދިޔާ ލަދުގަތެވެ. މަޑު ފިޔަވަޅުގައި ކޮޓަރިއަށްވަދެ ފޮތް ބޭއްވުމަށްފަހު ފޮތުގައި ލިޔެފައިވާ ހަދިޔާފޮށި ފެނޭތޯ އަލަމާރި ހުޅުވާލިއެވެ. އަލަމާރި ކަނުގައި ތިން ކުޑަފޮށި ހުއްޓެވެ. ސާދިޔާ ފޮށިގަނޑުގައިވާ ކޮތަޅުތައް ނަގާ ފޮށިގަނޑުތަށް ބެހެއްޓުމަށްފަހު އަވަސް އަވަހަށް ކޮޓަރިން ނުކުތެވެ. ކޮޓަރިއަށްވަދެ ފަހަރަކު ހެދުމެއް ނަގާ ބަލަން ފެށިއެވެ. ކޮންމެ ހެދުމަކުން އަލްމާސްގެ ހުނަރުވެރިކަން ފެންނަން ހުއްޓެވެ. ކޮންމެ ހެދުމަކާ ގުޅޭ ބޫޓެއް އަދި ތަނޑިބަޔާ ބޭންޑުވެސް އޮތެވެ. ހުރިހާ ހެދުމެއްވެސް ތަޢުރީފް ކުރާހާ ރީއްޗެވެ. ކޮންމެ ހެދުމެއް ތެރޭގައިވެސް ކުޑަ ބަސް ކޮޅެއް ލިޔެފައިވާ ގަނޑުކޮޅެއް އޮތެވެ. “ދަރިފުޅާ… ދަރިފުޅުގެ މައިމީހާގެ ހިތުގަ ނުޖައްސާތި.. ބާކީ ނުކުރާތި… އުފްވެސް ނުބުނާތި… އެއީ ހަމައެކަނި ދަރިފުޅުގެ މަންމަ ވީތީ އެއް ނޫން.. އެއީ މާމަގެ ފުރާނައަށްވެސް ވީތީ..: ހުރިހާ ގަނޑުކޮޅެއްގައިވެސް ލިޔެފައިވަނީ އެއް ވާހަކައެކެވެ. ސާދިޔާއަށް ގިސްލާފައި ބާރަށް ރޯން ފެށުނެވެ. ނިދިފައި އޮތް ރާއިދު ތެދުވެ ސާދިޔާ އިންގޮތް ފެނި ސުވާލު ކުރިއެވެ. އަތުގައިވާ ގަނޑުކޮޅު ރާއިދުއަށް ދައްކާލަމުން ފޮތުގެ ވާހަކަ ސާދިޔާ ރާއިދުއަށް ކިޔައިދިނެވެ. ރާއިދު ސާދިޔާއަށް ނަސޭހަތްދިނީ ހިތްވަރު ކޮށްފައި މަންމަ ކިބައިން މާފަށް އެދުމަށެވެ. ވަރަށް އުނދަގުލުން ސާދިޔާއަށް ރުއިން ހުއްޓާލެވުނީ ރާއިދު ވަރަށް ނަސޭހަތް ދިން ފަހުންނެވެ. ދެލޯ ފުހެލަމުން ވަރަށް ހިތްވަރާއެކު ތެދުވެ ފާހާނައަށްވަދެ ވުޞޫ ކޮށްގެން ނުކުމެ ދެރަކުއަތުގެ ނަމާދެއް ކުރިއެވެ. ސަޖިދައިގައިއޮވެ ސާދިޔާ ވަރަށް ރުއެވެ.
ހެނދުނުން ފެށިގެންސް ސާދިޔާ އުޅުނީ ވަރަށް އަވަދިނެތި ހަވީރު އައިޝާގެ އުފަންދުވަހުގެ ހަފްލާ ބޭއްވުމަށް އެކިއެކި ތައްޔާރީތައްވެ ކެއްކުމުގެ ކަންތަކުގައެވެ. އެޙީތެރިވެދޭން ރައްޓެހި ދެކުއްޖަކު އުޅުނެވެ. އަލްމާސްވެސް އެހީތެރި ވެދޭ ހިތުން އިރުއިރުކޮޅުން ބަދިގެ ކައިރިން ހިގައެވެ. ވަންނާކަށް ނުކެރުނެވެ. ސާދިޔާ ބުނެދާނެ އެއްޗަކާ މެދު ވިސްނާފައި އަމިއްލައަށް ނުވަންނަން ހުރީއެވެ. އަލްމާސް އަށް މިއަދު ސާދިޔާގެ މޫނުން ކަމެއް ފާހަގަވިއެވެ. ބައެއް ފަހަރު އަލްމާސްއަށް ބަލަން ހުއްޓައި އަލްމާސްއަށް ބަލާލެވިއްޖެނަމަ އެހެންފަރާތަކަށް އެނބުރެއެވެ. ހަވީރު ވުމުން ގޯތިތެރެ ރީތިކޮށް ސުފްރާމަތި ތައްޔާރު ކޮށްފައި އޮތެވެ. ފޮޓޯ ނެގުމަށް ހާއްސަ ތަނެއް އެކިވައްތަރުގެ މަލުން ތައްޔާރު ކޮށްފައި އޮތްއިރު އެއް ފަރާތެއްގައިހުރި މޭޒުގައި އުފަންދުވަހަށް ހާއްސަކޮށް އެޅި ކޭކު އިނެވެ. ކޭކުގެ މަތީގައި ކުދި މާތަކަކާއެކު ކުދި ކޮކާތަކެއް ބަހައްޓާލާފައި ވެއެވެ.
އައިޝާ ހެދުންލައްވާ ރީތިކޮށްގެން ނުކުމެ ސާދިޔާ ގޮސް ހުއްޓުނީ ބައްޕަ ކޮޓަރީގެ ދޮރު މައްޗަށެވެ. މަޑުމަޑުން ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު ދޮރު ހުޅުވީ އަލްމާސްއެވެ. އަލްމާސްއަށް އައިޝާ ފެނިފައި ހުއްޓުން އެރިއެވެ. ފެންނަމުން ދަނީ ހުވަފެނެއް ކަމެއް ހަގީގަތެއްކަމެއް ޔަގީން ނުވެފައި އެ ލޯބި މޫނަށް ބަލަން ހުރި އަލްމާސްގެ ލޮލަށް ބޭއިޙްތިޔާރުގައި ޖަމާވި ކަރުނަތަށް އިޙްތިޔާރަކާ ނުލާ އޮހިގަތެވެ. ހެދުން އައިޝާއަށް ވަރަށް ހެޔޮވަރެވެ. ހީވަނީ ކުޑަކުޑަ ޕަރީއެއްހެނެވެ. ރީދޫ ކުލައިގެ އެހެދުން ކުރިމަތީ ފަސްބަޔަށް ކުރުކޮށް ފަހަތަށް ދިގުކޮށް ފަހާފައިވާ ހެދުމުގެ ފަސްބައިގައި ކުދި މާތަކެއް ހަރުކޮށްލާފައި ހުރުމުން ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. “މަންމާ…” އަލްމާސް ސިހުނީ ސާދިޔާގެ އަޑަށެވެ. އެއަޑުގައި ރިޙުމެއް ވެއެވެ. އަލްމާސް ސާދިޔާއަށް ބަލާލީ އަދިވެސް އެއަޑު އަހާލަން ބޭނުންވެފައިވާ ގޮތަކަށެވެ. ސާދިޔާ ދެވަނަ ފަހަރުވެސް މަންމާއޭ ގޮވާލަމުން ދެކަކޫ މައްޗަށް ތިރިވެ އަލްމާސްގެ ފައިގައި ހިފަހައްޓާލަމުން އިސްޖަހައިގެން އިދެ ރޯން ފެށިއެވެ. އަލްމާސްވެސް ތިރިވެ ސާދިޔާގެ މޫނުއަލްމާސްގެ މޭގައި ޖައްސާލިއެވެ. އައިޝާ ކަންތައް ބޮޑުވެފައި ސާދިޔާއަށް ބަލަންހުރީ ވާނުވާ ނޭގޭތީއެވެ. ” މަންމާ ތިއީ އަހަރެންގެ މައިމީހާ… މަންމަދެކެ އަހަރެން ލޯބިވަން…” ސާދިޔާ ރޮމުން ވާހަކަ ދެއްކިއެވެ. ” މަންމާ… މަންމަ އަހަރެންނަށްޓަކާ ވީ ގުރުބާނީ… މަންމަ ހާދަ ކެތްތެރިއޭ.. އަހަރެންގެ ދަރިފުޅުގެ ފުރާނަ ސަލާމަތް ކޮށްދިނީމަވެސް އަހަރެން މަންމައަށް ކީ އެއްޗިހި… މަންމާ… އަހަރެން ކިހާ ގޯސް…. ދުރުހިލޭ މީހަކު ދެއްކި ވާހަކަ ގަބޫލްކޮށް އަހަރެން މަންމައަށް ނަފްރަތު ކުރީ… ތެދު ދޮގުވެސް ބަލާނުލާ ނަފްރަތު ކުރެވުނީ އެކުވެރި ރާމިޒާ އޭނަގެ ދޮންމަންމަގެ ކެހިވެރިކަން ކިޔައިދީފައި ވާތީ.. އެހެންވެ ނާހިދުބެ ދެއްކި ވާހަކަ މާ ފަސޭހައިން ގަބޫލް ކުރެވުނީ އަދި އާއިލާ އެންމެންވެސް ވިސްނަދިނީ އެގޮތަށް.. މަންމާ އަހަރެންނަށް މާފް ކޮށްދީ… އަހަރެން މިދުނިޔެއަށް އުފަންވެ އެކަނިވީ ދުވަހު އަހަރެން ބަލާ ބޮޑުކޮށް ލޯބިދިނީ ތި މަންމަ… މަންމަގެ އުފާތަށް ގުރުބާން ކޮށްފައި އަހަރެންގެ މަންމަގެ މަގާމް ތި އަދާކޮށްދިނީ އެއްވެސް ޝަކުވާއަކާ ނުލާ.. މަންމާ އަހަރެންނަށް މާފް ކޮށްދީ…” ސާދިޔާ ރޮމުން ތަކުރާރުކޮށް މާފަށް އެދުނެވެ. ސާދިޔާ ރޯތަން ބަލާކަށް އަލްމާސް އަކަށް ކެތެއް ނުކުރެވުނެވެ. ސާދިޔާގެ ދަތްދޮޅިގައި ހިފާ އުފުލާލަމުން ސާދިޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ފުހެލަ ދިނެވެ. ކޮލުގައި ދެއަތުން ހިފަހައްޓާލަމުން ނިތްކުރިއަށް ބޮސްދިނެވެ. “ދަރިފުޅާ… ދަރިފުޅާމެދު މި މައިމީހާ ހިތުގައި އެއްވެސް ހިތްބުރަކަމެއް ނެތް.. މަންމަ އޭގެން އެއްވެސް ކަމެއް ހަނދާނެތްނެތް… ދަރިފުޅުގެ މޫނުގައި ބޮސްދެވުމުން މަންމަ އެހުރިހާ ކަމެއް ހަނދާން ނެތިއްޖެ.. ދެން އަވަހަށް ހީލާ… ހިގާ ގޯތި ތެރެއަށް މެހެމާނުންވެސް އައިސްސި…” އަލްމާސް ސާދިޔާ އަތުގައި ހިފައިގެން ތެދުވިއެވެ. އަލްމާސް މަތި ބަލާލަމުން ދެލޯމަރާލާފައި ހިތާހިތާ ﷲއަށް ޝުކުރު ކުރިއެވެ. ހާސިމް އާއި ރާއިދު މިމަންޒަރު ބަލަން ކުރިމަތީ ތިބިއިރު ދެމީހުންގެ މޫނުމަތިން ހިތަހަމަ ޖެހުމާއި އުފާވެރިކަން ފެންނަން ހުއްޓެވެ. ސާދިޔާ އިސްޖަހާލަމުންގޮސް ބައްޕަ ކައިރިންވެސް މާފަށް އެދުނެވެ. އެންމެން އެކުގައި ގޯތި ތެރެއަށް ނުކުތްއިރު ހަފްލާއަށް ދައުވަތު ދިން ކުދިންވެސް އެކުދިންގެ މަންމައާއިއެކު ގޯތިތެރެއަށް ވަންނަނީއެވެ. އަލްމާސް މޫނުމަތިން އުޖާލާ އުފާވެރި ކަމެއް މިއަދު ފެންނަމުން ދިޔައެވެ. އައިޝާ މިފަހަރު އުފަންދުވަހުގެ ކޭކު ފެޅީ މާމަ އާއި ކާފައާއިއެކުވެވެ. އެ އުފާވެރި މަންޒަރުތަށް ސާދިޔާއާއި ރާއިދު ކެމެރާގައި ރައްކާކުރަމުން ދިޔައެވެ.
-ނިމުނީ-
https://www.baiskoafu.com/view/audio/MzM5OQ==
ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.