ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމްދީދީ މިރޭ އައްޑޫސިޓީއަށް ވަޑައިގަންނަވައިފިއެވެ.
މިރޭ 8:00 ގައި އެކަމަނާ އައްޑުއަށް ވަޑައިގެންނެވުމުން އައްޑޫގެ ރައްޔިތުންގެ ތެރެއިން ޕީޕީއެމަށް ސަޕޯޓުކުރާ ގިނަބަޔަކުވަނީ ގަންއިންޓަރނޭޝަނަލް އެއާޕޯޓުން އެކަމަނާއަށް ފިސާރި ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. ޕީޕީއެމްގެ ސަޕޯޓަރުންގެ އިތުރަށް ބައެއް ސްކޫލްތަކުގެ ދަރިވަރުންނާއި ބައެއް މުއައްސަސާތަކުގެ މުވައްޒަފުންވެސްވަނީ އެކަމަނާއަށް މަރުހަބާ ދަންނަވަން ގަމަށް ގޮސްފައެވެ.
މިދަތުރުފުޅަކީ ރައީސް ޔަމީނަށް 2018 ވަނައަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް އެކަމަނާ އައްޑުއަށް ކުރައްވާ ކެންޕެއިން ދަތުރުފުޅެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިދަތުރުފުޅުގައި 4 ވަރަކަށް ދުވަސް އެކަމަނާ އައްޑޫގައި ހޭދަކުރައްވާނެއެވެ.
އައްޑުއަށް ކުރައްވާ މިދަތުރުފުޅުގައި ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި، އެމީހުންގެ ބެލެނިވެރިންނާ އެކަމަނާ ބައްދަލުކުރައްވާނެއެވެ. އަދި އިސް ރަށްވެހިންގެ ގޮތުގައި ބަލަމުންއަންނަ 50 އަހަރުން މަތީގެ މީހުންނާވެސް ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރަށް ޒުވާނުންނާއި، އަންހެނުންނާއި، ޕީޕީއެމްގެ ސަޕޯޓަރުންނާ އެކަމަނާ ވަކިވަކިން ބައްދަލު ކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.
ހޮނިހިރު ދުވަހު ކުޅޭ 19 އަހަރުގެ ގައުމީޓީމާއި އައްޑޫއިން ހޮވައިލައިފައިވާ ފުޓުބޯޅަ ޓީމްކުޅޭ މެޗު އެކަމަނާ ޝަރަފްވެރި ކޮށްދެއްވާނެއެވެ. ހަމައެރޭ އެކަމަނާ ބައިވެރިވެ ވަޑައިގަންނަވާ ޚާއްސަ ޖަލްސާއެއްވެސް ސްޓޭޖު ސަރަހައްދުގައި އޮންނާނެއެވެ.