ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބުރާހިމް މިއަދު ބޮޑުތިލަދުންމައްޗަށް ވަޑައިގަތުމުން އިހުޒަމާނުގައި ރާނީންނަށް ކިޔާފަދަ ހޫނު މަރުހަބާއެއް އެރަށުން ކިޔައިފިއެވެ.
2017 ވަނަ އަހަރު ފެއްޓެވި “އެންމެ ގާތުން” ކެމްޕެއިންގެ ދަށުން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރައްވަމުން އަންނަ ދަތުރުފުޅުތަކުގެ ތެރެއިން ބޮޑުތިލަދުންމައްޗަށް އެކަމަނާ ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ހދ.ކުޅުދުއްފުއްޓަށް މިއަދު ވަނީ ވަޑައިގެންފައެވެ.
އެކަމަނާގެ މި ޒިޔާރަތުގައި އެރަށުގެ ޚާއްޞަ އެހީ އަށް ބޭނުންވާ ފަރާތްތަކާއި ވަނީ ބައްދަލުކުރައްވާފައެވެ.
މީގެއިތުރުން މާދަމާ އެރަށުގެ ސްކޫލުތަކަށް އެކަމަނާ ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ އިރު، އެރަށުގެ އިސްރަށްވެހިންނާއި، ކަނބަލުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އަދި ރަށުގެ ޒުވާނުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއިވެސް ބައްދަލުކުރައްވަން ވަނީ ހަަމަޖެހިފައެވެ.
މިދަތުރުފުޅުގައި އެކަމަނާގެ ދެވަނަ މަންޒިލެއްގެ ގޮތުން މިމަހުގެ 19 ވާ ހުކުރު ދުވަހު ޒިޔާރަތްކުރައްވާނީ ހދ.ނޮޅިވަރަމަށެވެ. އޭގެ ފަހުން ހަމަ އެދުވަހު ނޮޅިވަރަންފަރަށްވެސް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ރަށަކަށް ވަޑައިގެންވެސް ރަށުގެ އިސްރަށްވެހިންނާއި، ކަނބަލުންނާއި، ޚާއްޞަ އެހީ އަށް ބޭނުންވާ ފަރާތްތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އަދި ރަށުގެ ޒުވާނުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކާއިވެސް ބައްދަލުކުރައްވާނެއެވެ.
މެޑަމް ފާތުން މި ދަތުރު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނި މިމަހުގެ 20ވަނަ ދުވަހުއެވެ.