English Edition
Dhivehi Edition

ކަލަކު ވޮޑިގެންވާކަމުގެ މައުޟޫޢުއަކީ ކާއިނާތުގައިވާ އެންމެ ބޮޑު ހަޤީޤަތް ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން އޭނާ ވިދާޅުވީ ދުނިޔެއާއި ދުނިޔޭގައި ވާހަކަތަކެއްޗަކާއި އިންސާނުންނަށް އެނގޭ އަދި ނޭނގޭކަންކަމަށް ފިކުރުކޮށް ބަލާލުމުން ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް ފެންނަކަމަށެވެ.

މިއީ ސައިންސްގެ ޒަމާން ކަމަށާއި އައު ހޯދުންތައް ހޯދަމުންދާ، ޢިލްމީ ގޮތުން ކުރިއަރާފައިވާ ޒަމާނެއްކަން ފާހަގަކުރައްވާ ޝައިޚް ވިދާޅުވީ މިފަދަ ޒަމާނެއްގައި އުޅޭއިރު އަޅުގަނޑުމެން ކާބަފައިންނަށްވުރެވެސް އީމާންތެރިކަމާއި ދީންވެރިކަން މާބޮޑުވާންޖެހޭނެކަމަށެވެ.

“ކަލަކު ވޮޑިގެންވާކަން ޔަޤީންކުރަން ކޮންމެހެން ދިރާސާއެއް ހަދަން ނުޖެހޭ. އިންސާނުންނަށް އަތްލެވޭ، ފެންނަ ހިފާގެންގުޅޭ ތަކެތީގެ ތެރެއިން ކަލަކު ވޮޑިގެންވާކަމުގެ ހެކިތައް މާތްﷲ ދައްކަވާފައިވޭ. މާތްﷲ ވަނީ، ވިސްނާ ފިކުރުކޮށް ކާއިނާތާއި ދުނިޔެއިން ފެންނަ ތަކެއްޗަށްބަލާ ދިރާސާކުރުމަށް އަންގަވާފަ. އޭގެ ބޭނުމަކީ އެކަލާނގެ ވޮޑިގެންވާކަން އިންސާނާ ޤަބޫލުކުރުމަށްޓަކާ.” ޝައިޚް ވިދާޅުވިއެވެ.

ޝައިޚް ސަމީރު ވަނީ ކަލަކު ވޮޑިގެންވާކަމުގެ ހެކިތަކުގެ ތެރެއިން ކައުނާއި، އުޑާއި، އުޑުގައިވާހާއެއްޗަކާއި، ބިމާއި ބިމުގައިވާހާ އެއްޗެއް އުފެދުނުގޮތަށް ބައްލަވާލައްވާފައެވެ. އޭނާ ވިދާޅުވީ އެކަމުން ވެސް ކަލަކުވޮޑިގެންވާކަން އެނގިގެންދާކަމަށާއި އެތަކެތި އުފެދިފައިވަނީ ހަމަ ހުރެފައި ނޫންކަން ފާހަގަކުރައްވާ އެތަކެތި ލައްވާ، ބަލަހައްޓަވާ ފަރާތެއްވާކަން އެ ތަކެތިން އެނގިގެންދާކަމަށެވެ.