މާދަމާއިން ފެށިގެން ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތައް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސައިފިއެވެ. މާލޭގައި ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނާނެ އެންމެ ފަހު ތާރީޚަކީ އޭޕްރީލް 30 ވާ ހޮނިހިރު ދުވަހެވެ.
މާލެސިޓީގައި ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00އަށް ، މެންދުރުފަހު 01:00 އިން 02:30 އަށް އަދި ރޭގަނޑު 09:00 އިން 10:30 އަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯލުގައެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމު ގޮތެއްގައި ބަނޑުކެއުމެއްގެ ގޮތުގައި ކާން ބޭނުންކުރާ ގޮވާމުގެ ބާވަތްތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނަ ގޮވާމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.
އެމީހަކު ބޭނުން ރަށަކަށް އޮންލައިންކޮށް ފައިސާއިން ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމްވެސް އިސްލާމިކް މިނިސްޓްރީން މިއަހަރުވަނީ ހަމަޖައްސާފައެވެ. އެގޮތުން އެސްއެމްއެސް މެދުވެރިކޮށް އުރީދޫ އަދި ދިރާގުގެ ކަސްޓަމަރުންނަށް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ އިރު، ބީއެމްއެލްގެ އޮންލައިން ޕޯޓަލް އާއި އުރީދޫގެ އެމްފައިސާ އަދި ދިރާގު ޕޭ އާއި ފަހިޕޭ މެދުވެރިކޮށްވެސް ފިތުރު ޒަކާތް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ.