ދައުލަތަށް ލިބެމުންދާ އާމްދަނީ މަދުވާގޮތަށް، ވަކިބަޔަކަށް ފައިދާވާ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން އެއްވެސްގޮތަކަށް ޤަބޫލެއް ނުކުރެވޭ ކަމަށް ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ޢަބްދުﷲ ރިޔާޒު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޓޫރިޒަމާއިބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާޢީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމް ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުގެ ތެރެއިން ގިނަ އިސްލާހުތަކަކީ ވަރަށްމުހިންމު ކަންތައްތަކެއް އޭގާ ހިމެނޭ ކަމަށެވެ. ނަމަވެސް އެ ބިލުގައި ތާއީދު ނުކުރާ އެއް އިސްލާހުވާ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
“ޚާއްޞަކޮށް މާލެއާއި މާލެ އަތޮޅުގަ ހުރި، މި ސަރަހައްދުގަ ހުރި ރިޒޯޓުތަކުގެ ލޭންޑް ރެންޓް ކުޑަކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމަކީ އެެއްވެސްގޮތަކަށް ޤައުމަށް، ދައުލަތަށް ފައިދާވާގޮތަށް ހުށަހެޅިފައިވާ ހުށަހެޅުމެއްނޫން. މި ފުރުޞަތުގަ އެ އިސްލާހު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލަން.” ރިޔާޒު ވިދާޅުވިއެވެ.
ރިޔާޒު އިތުރަށް ވިދާޅުވީ ރާއްޖޭގެ ދަރަނީގެ ހާލަތު ވަރަށްބޮޑު ކަމަށާއި ރާއްޖޭގެ ރައްޔިތުން އުޅެމުންދާ ހާލަތު ވަރަށް ވެސް ގޯސް ކަމަށެވެ.
އެގޮތުން ކަރްނޓު ބިލާއި ފެން ބިލު ނުދެއްކިގެންނާއި ސިއްހީގޮތުން އެތައް ޚަރަދުތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ ސޯޝަލް ހައުސިންގ ގަ އުޅޭ މީހުންގެ ހާލަތު ވެސް އެހާބޮޑުކަމަށް ރިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މެމްބަރ ރިޔާޒު ވަނީ ތ. އަތޮޅުގެ ރިޒޯޓުތަކުގެ ލޭންޑް ރެންޓް ވެސް ބޮޑުކަން ފާހަގަ ކުރައްވާފައެވެ.
“މިހާލަތުގައި އޮއްވާ ދައުލަތަށް ލިބެމުންދާ އާމްދަނީ މަދުވާގޮތަށް، ވަކިބަޔަކަށް ފައިދާވާ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން އެއްވެސްގޮތަކަށް ޤަބޫލެއް ނުކުރެވޭ.” މެމްބަރު ރިޔާޒު ވިދާޅުވިއެވެ.
މި ބިލާއިމެދު ކޮމެޓީ މަރުޙަލާގައި އިތުރަށް ވާހަކަ ދައްކާ، އިތުރަށް މަޝްވަރާކުރެވިގެން އެކަންކަމަށް އިސްލާހު ގެންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.