އައްޑޫ ސިޓީގެ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދޭތީ މެމްބަރު އިލްޔާސް ލަބީބުގެ ހިތްހަމަނުޖެހުން ސަރުކާރަށް އަމާޒުކޮށް ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ.
އެމްޑީޕީ ޗެއަރޕާރސަންގެ އިންތިގެ ކެމްޕެއިންގައި ވާހަކަ ދައްކަވަމުން އިލްޔާސް ވަނީ އައްޑޫ ސިޓީގެ ރައްޔިތުންގެ ހުރި ގިނަ ކަންބޮޑުވުންތަކުގެ ވާހަކަ ހިއްސާކޮށްފައެވެ.
އެގޮތުން އައްޑޫ ސިޓީގައި ހުވަދޫއާއި ދެމެދު ސީޕްލެއިން ދަތުރުތައް ފެށުމަށް އަވީގައި ބައިތިއްބައިގެން ދެފަހަރެއްގެ މަތީން ސޮއިކޮށްފައިވީނަމަވެސް އެ ސޮއިތަކަށް ވީގޮތެއް ނޭނގޭ ކަމަށާއި އައްޑޫގައި ހެދި މަސްފެކްޓީ ހިންގާނެ ގޮތެއް ނެތި ހަތަރު އަހަރު ފާއިތުވާއިރު، އެއްވެސް އަޅާލުމެއް ނެތްކަން ވަނީ ފާހަގަ ކުރައްވާފައެވެ.
“އައްޑޫގައި މިސަރުކާރު އައި ފަހުން އުފެދުނު ވަޒީފާތަކާއި، ކުރެވުނު ކަންކަމުގެ ވާހަކަ ދައްކަން ސަރުކާރުގެ ވަޒީރުން ލަދުގަންނަން ޖެހޭނެ. ޚާއްސަކޮށް އިޤްތިޞާދީ ވަޒީރަކީ މިކަންކަމުގެ ޒިންމާ އުފުލަންޖެހޭ ބޭފުޅާ. އައްޑޫގެ އެއްވެސް މަސައްކަތެއް ނުހިނގާ އޮތް އޮތުމަކީ އެވަޒީރުގެ ފޭލިއަރއެއް.” އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން އިލްޔާސް ވަނީ އައްޑޫގައި ފަތުރުވެރިކަން ކުރުމަށް އޮތް ދޮރުތައް ބަންދުކޮށް ހުޅިވިފައި އޮތް ދެރިސޯޓް ބަންދު ކުރިތާ އެތައް އަހަރެއްވާއިރު މިއަދާއި ހަމައަށް ވެސް ހުޅުވިފައި ނުވާކަން ވެސް ފާހަގަކުރައްވާފައެވެ.
ހުރިހާ ބޭފުޅުން އަޑު އަހާލުން މުހިންމު. ވިސްނާލުން ރަނގަޅު މިކަންކަމުގަ
Ilyas Labeeb އަބަދު ވެސް ވަކާލާތު ކުރަނީ ހައްޤަށް #Adducity #Tharaavees#ThilafathugeRamzu#InthiAaEku pic.twitter.com/whnRStrZ4n
— Alaika Ayesh (@AlaikaAyesh) April 19, 2022
އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބުގައި އިންތިގެ ޓީމުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި، ސަރުކާރުން ތަރައްޤީއަށް މަސައްކަތް ނުކުރާކަމަށް ބުނަމުންނެވެ. އަދި ރައީސް ނަޝީދު ވެސް ވިދާޅުވެފައިވަނީ އިތުރަށް ވެރިކަން ލިބޭނެ ވަރުގެ ތާއީދެއް މިސަރުކާރަށް ނެތްކަމަށެވެ.
އެމްޑީޕީގެ ޗެއަރޕާރސަން އިންތިޚާބުގައި އިންތިގެ އިތުރުން ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ އަލް އުސްތާޛު ފައްޔާޒް އިސްމާޢިލެވެ.