English Edition
Dhivehi Edition

އެންމެ ރިވެތި ވާހަކަތައް ބަޔާންވެގެންވަނީ ކީރިތި ޤުރުއާނުގައި ކަމަށް ޝައިޚް ނިމާލް ވިދާޅުވެއްޖެއެވެ.

އިޙްޔާ ފޯރަމްގައި ”އެންމެ ރިވެތި ވާހަކަ” މި މައުޟޫއަށް ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ ޤުރުއާނުގައި ޙަކީމުންނާއި، ރަސްރަސްކަލުންގެ ވާހަކައާއި އަންހެން ބޭފުޅުންގެ ތެރެއިން މަރްޔަމްގެފާނާއި އާސިޔަތުގެފާނުގެ ވާހަކައާއި އަނިޔާވެރިވި މީހުންނާއި، ނަބީބޭކަލުންގެ ވާހަކަތައް ހިމެނޭކަމަށެވެ.

އޭގެ ތެރެއިން 6 ނަބީބޭކަލެއްގެ ނަންފުޅުން ނަން ދެވިފައިވާ ސޫރަތްތައްވާއިރު މީގެ ތެރެއިން ވެސް އެންމެ ރިވެތި ވާހަކަ ހިމެނެނީ ޔޫސުފް ސޫރަތުގައިކަން ފާހަގަކުރެއްވިއެވެ. އަދި ސަމާވީ އެއްވެސް ފޮތެއްގައިވެސް އައިސްފައިނުވާފަދަ ފުރިހަމައަށް ތަފްސީލުކޮށް ޔޫސުފްގެފާނުގެވާހަކަ ޔޫސުފް ސޫރަތުގައިވާކަމަށް ވިދާޅުވިއެވެ.

މި ސޫރަތުގައި ޔޫސުފްގެފާނާއި އެކަލޭގެފާނުގެ އަޚުންގެ ވާހަކައިގައި ސުވާލުކުރާ މީހުންނަށް ހެކިތަކެއްވާ ކަމަށާއި މި ސޫރަތުގައި އެއްހާހަށްވުރެ ގިނަ ޢިބްރަތާއި ފައިދާ އެކުލެވިގެންވާކަމަށް ވިދާޅުވިއެވެ. އަދި މިއީ އިހުޒަމާނާއި މިޒަމާނުގައި ވެސް ޢިލްމުގެ އަހުލުވެރިން އެ ސޫރަތަކަށް ޚާއްޞަ އިނާޔަތެއް ދެއްވާފައިވާ ސޫރަތެއްކަމަށް ވެސް ވިދާޅުވިއެވެ.

މި ސޫރަތަކީ އެއިން އެތައް ޢިބުރަތްތަކެއް ލިބޭ، ދިރިއުޅުމުގެ މައިދާނުގައިއާއި ދަރިން ތަރުބިއްޔަތުކުރުމުގައި މުޙިންމު މެސެޖްތަކެއް ލިބިގެންދާ ސޫރަތެއްކަން ދެ ބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން ސޫރަތް ފެށިގެންދާއިރު ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅުގެ ވާހަކައިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އަލްއުސްތާޛް އަނީލް ވިދާޅުވީ، ޔޫސުފްގެފާނަށް އެ ހުވަފެންފުޅު ފެނިވަޑައިގެންނެވުމުން ވަޑައިގެންނެވީ ބައްޕާފުޅުގެ އަރިހަށްކަމަށާއި އެ ކަމުން ބައްޕައަކާއި ދަރިފުޅެއްގެ އޮތް ގާތްކަން ހާމަވެގެން ދާކަމަށެވެ.

ހުވަފެން 3 ބަޔަކަށް ބެހިގެންވާއިރު ޔޫސުފްގެފާނުގެ ހުވަފެނާއިމެދު އެކަލޭގެފާނުގެ ބައްޕާފުޅު ވިދާޅުވަނީ އެ ވާހަކަތައް ޔޫސުފްގެފާނުގެ ބޭބެމެންނާއި ހިއްސާނުކުރަން ކަމަށާއި އެއީ އިސްލާމްދީނުގައި ހުވަފެނެއް ފެނިއްޖެނަމަ ކަންކުރަން އޮންނަ އުސޫލުން ދެއްވި ނަސޭޙަތްފުޅެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ދީނުގައި އަންގަވާފައިވަނީ ނުބައި ހުވަފެނެއް ފެނިއްޖެނަމަ އެއްވެސް ގޮތަކަށް އެވާހަކަ ނުދެއްކުމަށްކަމަށާއި ރަނގަޅު ހުވަފެނެއް ފެނިއްޖެނަމަ އެންމެ ހެޔޮއެދޭ މީހެއްކައިރީގައި ނޫނީ އެވާހަކަ ނުދެއްކުމަށްކަމަށްވެސް ވިދާޅުވިއެވެ. އަދި ޔޫސުފްގެފާނުގެ ބޭބެއިންނާމެދު ނުބައިކޮށް ބަހެއް ބުނުމުގެ ބަދަލުގައި، ޝައިޠާނާއަކީ ބަޔާންވެ ފާޅުވެގެންވާ ޢަދާވާތްތެރިއެއްކަން ކިޔައިދެއްވިކަން ފާހަގަކުރެއްވިއެވެ.