English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮވިޗް ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު 3-2 އިން ކާމިޔާބު ކޮށް ޕޮއިންޓް ތާވަލްގެ ފަސްވަނައަށް މެންޗެސްޓާ ޔުނައިޓެޑުން ޖެހިލައިފިއެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ތިން ލަނޑުވެސް ޖަހާފައިވަނީ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއިރު، ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު ނެގީ ވެސް ޔުނައިޓެޑުންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑަށް ލިޑު ނަގައިދިން ލަނޑު ޖަހައިދިނީ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

އޭގެ ފަހުން ޔުނައިޓެޑުގެ ދެވަނަ ލަނޑު މެޗުގެ 32 ވަނަ މިނިޓްގައި އަލެކްސް ޓެލޭސްގެ އެހީތެރިކަމާއި އެކު ޖަހައިދިނީ ވެސް ރޮނާލްޑޯއެވެ.

ރޮނާލްޑޯގެ ދެ ލަނޑުން ޔުނައިޓެޑް ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް ނޮވިޗް ސިޓީން ވަނީ ހިތްވަރާއި އެކު ކުޅެ ދާދި ގާތުގައި ދެ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ކިއެރަން ޑޮވެލް އަދި ޕޫކީ ގެ ލަނޑު ތަކުން ނޮވިޗް ސިޓީން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ނަމަވެސް މެޗުގެ 76 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެވަނަ ފަހަރަށް ޔުނައިޓެޑަށް މެޗުގެ ލީޑު ނަގައިދީފައެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ތިން ލަނޑު ޖަހައި ހެޓްރިކް ފުރިހަމަ ކުރިއިރު، މިއީ ރޮނާލްޑޯ އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގައި ފުރިހަމަ ކުރި 60 ވަނަ ހެޓްރިކެވެ. އަދި ކުލަބް ލެވެލް ގައި ފުރިހަމަ ކުރި 50 ވަނަ ހެޓްރިކް އެވެ. އަދި މިއީ މި ފަހަރު ލީގުގައި ރޮނާލްޑޯ ޔުނައިޓެޑަށް ކާމިޔާބު ކޮށްދިން 15 ވަނަ ލަނޑެވެ.

ރޭގެ މޮޅާއި އެކު ތުނައިޓެޑް ފަސްވަނައަށް ޖެހިލިއިރު، އެޓީމު ފަސް ވަނައިގައި އޮތީ ކުޅުނު 32 މެޗުން ލިބުނު 54 ޕޮއިންޓާއި އެކުގަ އެވެ.