English Edition
Dhivehi Edition

އޭއޯ ނިއުސް އިން އިންތިޒާމު ކޮށްގެން މި ރަމަޟާން މަހު ކުރިއަށް ގެންދާ “ރައުކް އޭއޯ މަދަޙަ މުބާރާތް 1443” މިއަދު ފަށައިފިއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ކުދިން ވަނީ ބައިވެރިވެފައެވެ.

7 ޢުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 6 އަހަރުން ދަށުގެ ބަޔާއި، 8 އަހަރުން ދަށުގެ ބަޔާއި، 10 އަހަރުން ދަށުގެ ބަޔާއި، 12 އަހަރުން ދަށުގެ ބައި އަދި 14 އަހަރުން ދަށުގެ ބަޔާއި، 16 އަހަރުން ދަށުގެ ބައިގެ އިތުރުން 18 އަހަރުން ދަށުގެ ޢުމުރުފުރާ ހިމެނެއެވެ.

މުބާރާތް ފަށާފައިވަނީ 18 އަހަރުން ދަށުގެ ޢުމުރުފުރައިންނެވެ. އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތުގެ ވީޑިއޯ ތައް އޭއޯ ފޭސްބުކް، އޭއޯ ޔޫޓިއުބް ޗެނަލް އަދި އޭއޯ ޓިކްޓޮކް އެކައުންޓުން ފެންނާނެއެވެ.

އޭއޯ އިން ކޮންމެ އަހަރެއްގެ ރަަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތުގެ މިއީ 6 ވަނަ މުބާރާތެވެ. މި ފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ހެޕީމާކެޓެވެ. އަދި ކޯ ސްޕޮންސަރުންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް އާއި ސޮގްނޯ މޯލްޑިވްސް ގެ އިތުރުން ފުރުޓީ މެލޯ ކޭކްސް އާއި މަލްޓި ސުޕަރމާޓުން ވަނީ މުބާރާތަށް އެހީތެރިކަން ފޯރުކޮށް ދެއްވަވާފައެވެ.

އޭއޯ އިން ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މަދަޙަ މުބާރާތަކީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ރޫހު އާލާ ކުރުމާއި ދީނީ ޝިއާރު ފާޅުކުރުމުގެ އިތުރުން މަދަޙަ ކިޔުމުގެ ހުނަރު ހުރި ހަމަ ކޮންމެ ކުއްޖަކަށް އެ ކުއްޖެއްގެ ހުނަރު ކުރިއެރުވުމަށް ފުރުސަތު ހޯދައި ދިނުމުގެ މަގުޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މީގެ އިތުރުން އޮންލައިން ޕްލެޓްފޯމެއްގައި، އެކުއްޖެއްގެ އަމިއްލަ ރަށުގައި ހުރެގެން މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވެ ވާދަކުރުމުގެ ފުރުސަތު ހޯދައިދެވުމަކީ ވެސް މުބާރާތުގެ އެއް މަގުޞަދެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް މުބާރާތުގައި ބައިވެރިވި ކަމުގެ އީ ސެޓްފިކެޓެއް ދޭ ގޮތަށް ހަމަޖެހިފައިވާއިރު މުޅި މުބާރާތުން 1ވަނަ، 2 ވަނަ، 3 ވަނަ އާއި ކޮންމެ ޢުމުރުފުރައަކުން 1ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.