English Edition
Dhivehi Edition

ފ. ނިލަންދޫ ކައުންސިލުން މުޅިން އަލަށް އިންތިޒާމުކޮށްގެން މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ނިލަންދޫ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ހަފްތާގެ ކިޔެވުން މިރޭ ނިލަންދޫގައި އޮންނާނެއެވެ.

މިއީ ނިލަންދޫ ކައުންސިލްގެ މިހާރު ތިއްބެވި މެމްބަރުން މިހާރު ހިންގަމުންމިދާ ދައުރަށް އިންތިޚާބުވެ ހުވާ ކުރުމާއި ގުޅިގެން ކައުންސިލްގެ ރައީސްގެ އިސްނެންގެވުމުގެ މަތިން ކައުންސިލުން ޚަރަދުކޮށްގެން ބާއްވާ ފުރަތަމަ މުބާރާތަކަށް ނިލަންދޫ ތަރި ހޮވުމުގެ ޤުރުއާން މުބާރާތްކަމަށް ނިންމާފައިވާ ނިންމުމަށް ޢަމަލީ ސިފަ ގެނައުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މިމުބާރާތް ބޭއްވުމަށް ކައުންސިލުންވަނީ ނިންމާފައެވެ.

ނިލަންދޫ ލާރނިންގ ސެންޓަރުގައި ކުރިއަށްދާ މުބާރާތުގެ މިރޭގެ ކިޔެވުން ފެށުމުގެ ކުރިން ފުރަތަމަ ހަފްތާގެ ނަތީޖާއަށް ބެލުމަށް ފަހު މުބާރާތުގައި ވާދަކުރާ 12 ބައިވެރިންގެ ތެރެއިން 3 ބައިވެރިއަކު މުބާރާތަށް އަލްވަދާޢު ކިޔާނެއެވެ. އެހެން ކަމުން ބައިވެރިންގެ އިތުރުން މުބާރާތް އަޑުއަހާ ، ބަލަމުންދާ ފަރާތްތަކުގެ އެންމެ ބޮޑު ސުވާލަކީ ފުރަތަމަ އެލިމިނޭޓް ވެގެންދާނީ ކޮން ބައިވެރިންތަކެއްތޯއެވެ. ހަމަ ޔަޤީނުންވެސް މުބާރާތުގައި ވާދަކުރާ 12 ބައިވެރިންތިބީ ވަރަށްވެސް މަތިވެރި ޢަޒުމެއްގައެވެ. އެހާމެ ފުރިހަމަ އުއްމީދެއްގައެވެ. މުބާރާތުގެ ފުރަތަމަ ހަފްތާގެ ކިޔެވުމުގައި ހުރިހާ ބައިވެރިންވެސްވަނީ ހުނަރުވެރި ހުށަހެޅުންތަކެއް ހުށަހަޅާދީފައެވެ.

ނިލަންދޫ ކައުންސިލުން މުބާރާތްރާވާފައިވަނީ މީގެ 3 އަހަރެއްހާ ދުވަސް ކުރިން ޓީވީ މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ އެންމެ އަލިގަދަ ތަރި މުބާރާތުގައި ހިމެނޭ ބައިތައް ހިމަނައިގެން އެފަދަ ގޮތަކަށެވެ. އެގޮތުން ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުން އަދި ތަޖުވީދުގެ ސުވާލުތަކާއި ބައިވެރިން ކުރިމަތިލާން ޖެހެއެވެ.

ނިލަންދޫއަކީ ޒަމާނުއްސުރެ ޤުރުއާނަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެކެވެ. މިކަމުގެ ފުރިހަމަ ހެއްކަކަށް ޓީވީ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ އަލިގަދަތަރި ޕްރޮގްރާމަށް ނަޒަރު ހިންގާލުމުންވެސް ފުދޭނެއެވެ. މުބާރާތުގެ 2 ވަނަ އަހަރު މުޅި މުބާރާތުން 2 ވަނަ ފ.ނިލަންދޫ / ފަތިސް ، އާމިނަތު އިސްމާޢީލް ޙާޞިލް ކޮށްފައިވާއިރު އެންމެ ފަހުން މުބާރާތް ބޭއްވި އަހަރު އެންމެ އަލިގަދަ ތަރިއަކަށް ހޮވިފައިވަނީ ފ.ނިލަންދޫ / ގްރީންހެވަން އަލްޤާރީ މުޙައްމަދު އިސްމާޢީލް އެވެ. މީގެ އިތުރުން ޤުރުއާނާއި ބެހޭ މަރުކަޒުން އެންމެ ފަހުން ބޭއްވި ޤައުމީ ޤުރުއާން މުބާރާތުން މުޅި ރާއްޖެއިން 1 ވަނަ އަތޮޅަކަށް ފ.އަތޮޅު ހޮވިފައިވާކަމީވެސް ނިލަންދޫގެ އިތުރުން ފ.އަތޮޅަކީވެސް މިފަންނުގެ ހުނަރުވެރިން ތިބި އަތޮޅެއްކަން ދަލީލުކޮށްދޭ ކަމެކެވެ.

ރަށުގައި އުފެދިފައިވާ ކްލަބް ޖަމްޢިއްޔާތަކާއި ހެޔޮއެދޭ އެތައްބައެއްގެ ދީލަތި އެހީތެރިކަމާއެކު މިމުބާރާތަށް ނިލަންދޫ ކައުންސިލުންނާއި އެހެނިހެން ފަރާތްތަކުންވަނީ އަގުހުރި ޢިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން މުޅި މުބާރާތުގެ 1 ވަނައަށް ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫގެ ފަރާތުން އަލްބްރޫޖް ޙައްޖު އެންޑް ޢުމުރާގެ ހެޔޮއެދުންތަކާއެކު ޢުމުރާ ދަތުރެއް ވަނީ ހުށަހަޅާފައެވެ.