ފ. ނިލަންދޫގައި ހުރި މުވައްސަސާތައް ގުޅިގެން ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ޚާއްޞަ އެސެމްބްލީއެއް ބާއްވައިފިއެވެ.
ފ. އަތޮޅު ކައުންސިލާއި ފ. އަތޮޅު ޕޮލިސް ސްޓޭޝަނާއި ނިލަންދޫގައިހުރި އެހެނިހެން މުއައްސަސާތައް ގުޅިގެން ބޭއްވި މި އެސެމްބްލީ އޮތީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. މި ހަރަކާތް ޝަރަފްވެރި ކޮށްދެއްވީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް ހެޑްމާސްޓަރެއްގޮތުގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށްފަހު މިހާރު ރިޓަޔަރ ކުރައްވާފައިވާ ފ.ނިލަންދޫ / ފައުނު ، މުޙައްމަދު ފަރީދުއެވެ.
މުޙައްމަދު ފަރީދުގެ އެންމެ ޚާއްޞަ އެއް މަސައްކަތަކީ ނިލަންދޫ ތާރީޚު ދިރާސާކޮށް ނިލަންދޫއާއި ބެހޭ ގޮތުން މުހިންމު މަޢުލޫމާތުތަކެއް ހިމަނައިގެން ފޮތެއް ތައްޔާރުކޮށް އެފޮތް ވުޖޫދަށް ގެނައުމަށް ކުރެއްވި ބުރަ މަސައްކަތެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ފަރީދު ވިދާޅުވީ މިފަދަ މުހިންމު ދުވަހެއް ރަސްމީ ސިފައެއްގައި ފާހަގަކުރަމުން ގެންދާކަމީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ މިދިވެހިބަސް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ދިވެހި ބަހުގެ އުސްތާޛުން ބަސްކުރިއެރުވުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގައި ކުލަޖެހިގެންދާނީ ޅަދަރިންނަށް އެބަސްތައް ދަސްކޮށްދެވިގެން ކަމަށެވެ.
މިކަމަށްޓަކައި ތަޢުލީމީ މަންހަޖުގެތެރެއިން ޚާއްޞަ މަސައްކަތްތަކެއް ކުރެވިދާނެކަން ފާހަގަކުރައްވާ ފަރީދު ވަނީ ފަހުން އުފެދިގެން އައި ބައެއް ބަސްތަކަށް ވެސް އަލިއަޅުއްވާ ލައްވާފައެވެ. އެގޮތުން ރާއްޖޭގައި އަލަށް ބިނާކުރެވުނު ބްރިޖާއި ގުޅިގެން ރީތި ދިވެހިބަހެއް އުފެދިގެން ދިޔަ ކަމަށާއި އެގޮތުން “ދާލަން” މިއީ ވަރަށްވެސް ރީތި ނަމެއްކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ވިދާޅުވިއެވެ.
މިބަސް އައިސްފައިމިވަނީ ފާލަން މިލަފްޒާއި ގުޅިގެން ކަމަށާއި ފާލަމަކީ ރަށްރަށަށް އަރާ ފޭބުމަށާއި މުދާ އަރުވާ ބޭލުމަށް އެއްކޮޅު ރަށާއި ގުޅިފައިވާ ތަނަކަށް ކިޔާ ނަމެއްކަމަށާއި އެގޮތުން ދާލަން އަކީ އެއްރަށުން އަނެއް ރަށަށް ދިއުމަށް ބޭނުންކުރާ ދެކޮޅުންވެސް ރަށާއި ގުޅިފައިވާ ތަނަކަށް ކިޔާނަމެއްކަމަށް ފާހަގަ ކުރެއްވިއެވެ.
މިއެސެމްބްލީގައި ޚާއްޞަ ކަންތައްތަކެއް ހިމެނިގެން ދިޔައިރު ފ. އަތޮޅު ޕޮލިސް ސްޓޭޝަނުން ވަނީ ދިވެހި ބަހާއި ބެހޭ ގޮތުން ވަރަށް ޢިލްމީ ވާހަކަތަކެއް ހިމަނައިގެން ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ހުށަހަޅާ ދީފައެވެ. މިޕްރެޒެންޓޭޝަން ހުށަހަޅާ ދެއްވީ ނިލަންދޫ ޕޮލިސްގެ އިންޗާރޖް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އަޙުމަދު ޝަފީޢު ނަޢީމެވެ.
މިޕްރެޒެންޓޭޝަނުގައި ވާހަކަ ދެއްކުމުގެ މިންގަނޑުތަކާއި އުޞޫލުތަކާއި މުޢާމަލާތާއި މުވާޞަލާތު ކުރުމަކީ ކޮބާކަން ބަޔާންކޮށްދެއްވާ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ބަހުގެ މާހިރުން ވިދާޅުވެފައިވާ މުހިންމު ބަސްތަކަށްވެސް އަލިއަޅުއްވާލެއްވިއެވެ. އަދި ދޭދޭ ދެމީހަކު ވާހަކަ ދައްކާއިރު ދެފަރާތުންވެސް ވިސްނުން ބަހައްޓަންވީ ކަންތަކަކަށްވެސް ބައްލަވާލެއެވިއެވެ.
މި ރަސްމިއްޔާތުގައި ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންވެސްވަނީ ދިވެހި ބަހުގެ ބަސްކޮމެޓީގެ މުހިންމު ޖަލްސާއެއް ބާއްވާ އަލަށް އުފެދިފައިވާ ބަސްތަކާއި އެބަސްތައް ބޭނުންކުރުމުގެ މުހިންމު ކަމާއި ބެހޭ ގޮތުން ބަސްކޮމެޓީގައި ފުޅާ ދާއިރާއެއްގައި ވާހަކަ ދައްކާފައެވެ. މިގޮތުން ދަރިވަރުން މަޝްވަރާ ކުރި ބަސްތަކުގެ ތެރޭގައި ފަންނިއްޔާތު، ދާލަން، ނަފްސީ، ވޭދަނަ، ފައްސި، ނައްސި، ދޮވަތި، މަހާސިންތާ، ފުރަދާރު ފަދަ ބަސްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައިވެއެވެ.
ފ. އަތޮޅު ހޮސްޕިޓަލުން ވަނީ އަންބާ ކިއުމާއި ރައިވަރު ކިއުމާއި ލަވަކިއުމާއި ޅެންބައިތު ކިއުމާއި ފަރިހި ހުށަހަޅައި ދީފައެވެ. މިބައިބައި ހުށަހަޅައިދިނީ ނިލަންދޫގައި ތިބި މިކަމުގެ ފަންނު ވެރިންނެވެ. ނިލަންދޫގެ ގިނަ ޢަދަދަދެއްގެ ރައްޔިތުން ބައިވެރިވި މި އެސެމްބްލީގައި މި ހަރަކާތްވެގެންދިޔައީ ހުރިހާ އެންމެންގެ ލޭކައްކުވާލާފަދަ އައިޓަމަކަށެވެ.
ދިވެހި ބަސްބޭނުން ކުރުމުގައި ސަމާލުކަން ދޭންވީ ބައެއް ކަންކަމަށް އަލިއަޅުއްވައްވާ ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދު ވިދާޅުވީ މިއަދު މުޖުތަމަޢުގައި ދިވެހި ބަހަށް ދެވިފައިވާ ޤަދަރު ވަރަށްބޮޑަށް ކުޑަވެގެން ގޮސްފައިވާ ކަމަށާއި މުޖުތަމަޢުގައި ދިރިއުޅޭ ދިވެހިން ނޫން އެހެން މީސްމީހުން ދިވެހި ބަހުން ވާހަކަ ދައްކާއިރު ބަސްބަސް ބޭނުން ކުރަމުންދާ ގޮތަށް ދިވެހިންވެސް ބަސްތައް ބޭނުން ކުރަމުންދާކަން ފާހަގަ ކުރައްވައި މިކަމުން ދުރުހެލިވެ އެންމެ ގުޅިގެން މުއްސަދި ބަހެއް ގޮތުގައި އޮތް ދިވެހިބަސް ރަނގަޅު ގޮތުގައި ބޭނުން ކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.