English Edition
Dhivehi Edition
މުބާރާތުގައި ވާދަކުރާ 12 ބައިވެރިން

12 ބައިވެރިންނާއެކު “ނިލަންދޫ ތަރި ޤުރްއާން މުބާރާތް” މިރޭ ފަށަން ތައްޔާރުވެއްޖެއެވެ.

ފ. ނިލަންދޫ ކައުންސިލުން މުޅިން އަލަށް އިންތިޒާމުކޮށްގެން މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އެރަށު ކައުންސިލްގެ މިހާރު ތިއްބެވި މެމްބަރުން މިހާރު ހިންގަމުންމިދާ ދައުރަށް އިންތިޚާބުވެ ހުވާ ކުރުމާއި ގުޅިގެން ކައުންސިލްގެ ރައީސްގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ކައުންސިލުން ޚަރަދުކޮށްގެންނެވެ.

އެ ކައުންސިލުން ނިންމާފައިވަނީ މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް މިމުބާރާތް ބޭއްވުމަށެވެ.

ހަމައެކަނި 12 އަހަރުންމަތީގެ ނިލަންދޫގެ ރަށްވެހިންނަށް މި މުބާރާތް ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި މުބާރާތުގެ ފައިނަލް ބުރަށް ހޮވުމަށް ކަނޑައަޅާފައިވާ 12 ބައިވެރިން ހޮވުމަށް މާރޗް މަހު ދެ އޮޑިޝަނެއްވަނީ ބާއްވާފައެވެ. ފުރަތަމަ އޮޑިޝަންގައި މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު ދެވަނަ އޮޑިޝަން ކުރިއަށް ގެންދިޔައީ ފުރަތަމަ އޮޑިޝަނުން ހޮވުނު 20 ބައިވެރިންގެ މެދުގައެވެ.

މިމުބާރާތުގެ ފައިނަލް ބުރަށް ހޮވުނު 12 ބައިވެރިން މުބާރާތަށް ފުރިހަމައަށް ތައްޔާރުކޮށްދިނުމަށް ނިލަންދޫ ކައުންސިލުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ރަށުގައި ތިބި މިފަންނުގެ އެދުރުންނާއި މާލޭގައި ދިރިއުޅޭ ނިލަންދޫގެ ދަރިންގެ އެހީތެރިކަމާއެކު 12 ބައިވެރިން ބައިވެރިކޮށްގެން އުނގަންނައި ދިނުމުގެ ގިނަ ކްލާސްތަކެއްވަނީ ކުރިއަށް ގެންގޮސްދީފައެވެ.

މިރޭފަށާ މުބާރާތަށް ހޯލް ތައްޔާރުކޮށްފައި

މިކަމަށްޓަކައި ރަށުގައި ތިއްބެވި ފަރާތްތަކާއި މާލޭގައި ދިރިއުޅެމުންދާ ނިލަންދޫ ދަރިންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން ކައުންސިލުން ޝުކުރުވެރިކަމާއެކުވަނީ ފާހަގަ ކޮށްފައެވެ. މުބާރާތް ކުރިއަށްދާއިރުވެސް މިފަދަ އިތުރު ކްލާސްތައް ކުރިއަށްދާނެ ކަމަށް ކައުންސިލުންވަނީ މަޢުލޫމާތު ދެއްވާފައެވެ.

ނިލަންދޫއަކީ ޒަމާނުއްސުރެ ޤުރުއާނަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅެމުންދާ ރަށަކަށްވެފައި ރަށުގައި މިފަންނު އިތުރަށް ދިރުވައި އާލާކުރުމަށް އެކިއެކި މުއައްސަސާތަކާއި ޢާންމު ފަރުދުންދަނީ ގިނަގުނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން ނިލަންދޫ ލާރނިންގ ސެންޓަރުގައި މިރޭ ފެށިގެންމިދާ މުބާރާތަކީ ވެސް މިކަމަށް ހުޅުވިގެންދާ އިތުރު ބޮޅަކަށް ވެގެންދާނެއެވެ.

ރަށުގައި ހުރި ކްލަބް ޖަމްޢިއްޔާތަކާއި ހެޔޮއެދޭ އެތައްބައެއްގެ ދީލަތި އެހީތެރިކަމާއެކު މިރޭފެށިގެންދާ މުބާރާތަށް ނިލަންދޫ ކައުންސިލުންނާއި އެހެނިހެން ފަރާތްތަކުންވަނީ އަގުހުރި ޢިނާމުތަކެއް ހުށަހަޅާފައެވެ. އެގޮތުން މުޅި މުބާރާތުގެ 1 ވަނައަށް ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫގެ ފަރާތުން އަލްބްރޫޖް ޙައްޖު އެންޑް ޢުމުރާގެ ހެޔޮއެދުންތަކާއެކު ޢުމުރާ ދަތުރެއް ވަނީ ހުށަހަޅާފައެވެ.