English Edition
Dhivehi Edition

މި މައްސަރުގެ ޘަވާބާއި ދަރުމައަށް އެންމެ ދަހިވެތިވާންވީ ވަގުތު ކުރިއަށް އޮތީ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.

ރަމަޟާން މަހުގެ ފަހު ދިހައިގެ މާތް ކަމުގެ މައްޗަށް ޚާއްޞަކޮށްފައިވާ ޚުތުބާގައި ބުނީ ނަބިއްޔާ މުޅި އަހަރު އެހެން ވަގުތުތަކުގައި އަޅުކަމުގައި މަސްޣޫލުވެ ވަޑައިނުގަންނަވާ މިންވަރަށް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކުގައި އަޅުކަމައިގެން މަސްއޫލުވެ ވަޑައިގަންނަވާ ކަމަށެވެ. ރަހުމާންވަންތަ ﷲ ގެ އޯގާވަންތަކަމުން އަހަރެމެންނަށްޓަކައި ފަހު ދިހައިގެ ތެރޭގައި ބަރަކާތުން ފުރިގެންވާ ރެއެއް ލައްވާފައިވާ ކަމަށާއި އެއީ ލައިލަތުލް ގަދްރި ވިލޭރޭ ކަންވެސް ޚުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

ޚުތުބާގައި ބުނީ ﷲ ތައާލާ އެރޭގެ އަޅުކަން އެއްހާސް މައްސަރަށް ވުރެ މާތްކުރެއްވި ކަމަށާއި ލައިލަތުލް ގަދްރި ވިލޭރެއަކީ ރަހުމާންވަންތަ ﷲ ދެއްވާ ދެއްވުންތަކުގެ ތެރެއިން އަހަރެމެންގެ ހިތަށް ނުގެނެވޭ ފަދަ ދީލަތި, ބަރަކާތްތެރި ދެއްވުމެއް ކަމަށެވެ.

“ﷲ ތައާލާ މުޅި ކާއިނާތުގެ އެންމެހައި ކަމެއް ލައުހުލްމަހްފޫޒްގައި ވަނީ ލިޔުއްވާފަ. ނަމަވެސް ކުރިއަށްއޮތް އަހަރުގައި ހިނގާނެ އެންމެހައި ކަމެއް ކޮންމެ އަހަރެއްގެ ލައިލަތުލް ގަދްރި ވިލޭރޭ ކަނޑައަޅުއްވާ. އެހެންކަމުން މީސްތަކުންގެ ރިޒްގާއި އުފަންވުމާއި ދިރިހުރުމާއި މަރުވުން ފަދަ އެންމެހައި ކަންކަން އެރޭ ބަޔާންކުރެވޭނެ.” ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެންމެ އެދެވޭގޮތުގައި ރަމަޟާން މަހުގެ ދުވަސްތައް ހޭދަނުކުރެވުނު މީހުންނަށް ވެސް ފަހު ދިހައަކީ ރަނުގެ ފުރުޞަތެއް ކަމަށާއި ލައިލަތުލް ގަދްރި ވިލޭރޭގެ ޘަވާބު ލިބިގެންފި މީހަކަށް އެ ލިބެނީ އެމީހެއްގެ ހަޔާތުގައި ލިބޭނެ އެންމެ މަތިވެރި ހެޔޮކަމާއި ނަސީބު ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.