English Edition
Dhivehi Edition
ކަވަރއާރޓް:މިގު/ބައިސްކޯފު

ލިޔުނީ: ޢަލީ ޝަހީމް /ރަބީޢު، ރ އަލިފުށި

” ފަޔާ، ފަޔާ ތެދުވާކަށް ނުވޭތަ؟ މިހާރު އެއޮށްގެން 7 ޖަހަނީ، ފޮނި ނިންޖެއްގެ ތެރެއިން އަހަންނަށް ޖަޒުބާތީ އަޑެއް އިވެން ފެށިއެވެ. ކަންފަތަށް އޮތް އިތުބާރު ޔަގީނަށް ބަދަލުވީ ލޯ ހުޅުވާ ބަލައިލުމުންނެވެ. އަހަރެންގެ މަގަތުގައި އިށީނދެލައިގެން ދޮޅީގައި އަތްވިދެލައިގެން އެއިނީ ނޫރާ އެވެ. ނޫރާ އަކީ އަހަރެންގެ އަންހެނުންނެވެ. ވަރަށް ރީތިވާނެއެވެ. ދޮންވާނެއެވެ. އެހާ ފަލައެއް ނުވާނެއެެވެ. މޫނު ވަށްވާނެއެވެ. ނޫރާ ހަމައެކަނި ރީތީކީ ނޫނެވެ. ވަރަށް ރަނގަޅުވެސްވާނެއެވެ. ފަސްވަގުތު ނަމާދު ކުރާނެއެވެ. މުރާލިވާނެއެވެ. ހިތްހެޔޮވާނެއެވެ. އޭނާގެ އެންމެ ޚާއްޞަ ސިފައަކީ އަބަދުވެސް ހިނިތުންވެފައި ހުންނަ ހުރުމުވެ.

ސާބަހޭ ފަޔާ، ދެން ތެދުވެބަލަ ،އޮފީސް މީހުން ބުނާނެ ފަޔާއަށް އޮފީހަށް ނާދެވުނީ އަހަންނާ ހެދީއެވެ. ފަޔާ އަކީ އަހަންނަށް އަހަރެން އަންހެނުން ލޯބިން ކިޔާ ނަމެކެވެ. އަސްލު އަހަރެންގެ ނަމަކީ ފަޔާޒެވެ. ހުސެއިން ފަޔާޒެވެ.

އޮފީހުގެ މަސައްކަތުގައިވެސް މާބޮޑަށް މަޝްޢޫލުވެ އުޅެވޭ ގޮތެއް ނުވިއެވެ. އަބަދުވެސް ނޫރާމަތިން ހަނދާންވަނީއެވެ. ހިތްވަރުކޮށްފައި މަސައްކަތައިގެން ފެށީމެވެ. މީހަކު ލަވައެއް ކިޔާލިހެން ހީވެގެން އެދިމާ ބަލާލީމެވެ.” އަސްތާ އަމާންތަ؟ އަމާން އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ވަރަށް ހިތްހެޔޮ ރަނގަޅު މީހެކެވެ. އަހަރެންގެ ކައިވެނީގެ ހުރިހާ އިންތިޒާމެއްވެސް ހަމަޖައްސައިދިނީ އަމާން އެވެ.” އަހަރެން ހީކުރީ ފަޔާ މިއަދު އޮފީހަށް ނާންނާނެކަމަށް، ކޮބާ ރޭގަ ކަންތައްތައް ރަނގަޅުތަ؟ ހިތްހަމަ ޖެހޭތަ؟ އާދައިގެ މަތިން އަމާންގެ ދިމާކުރުންތައް ފެށިއެވެ. ސާބަހޭ އަމާން، ނިމުނީތަ،،،،، ބުނަން އަލަތު ކައިވެނީގެ ރެއެއްގަ ވާންޖެހޭ ހުރިހާކަމެއްވެސް ރޭގަވި ،ހިތަށް އެރި މާލަހޭ މީހަކާ އިނދެވުންލެއް،،،،،، ހޫނ ދެން އެންމެ ރަނގަޅޭ ހިނގާ ސަޔަށް ދަމާ،، ވަރަށް ބަނޑުހައިވެއްޖެ، ހިނގާ ހިނގާ އަސްލު އަމާން އަންނަންދެނޭ މިއިންނަނީވެސް، ކައިވެނި ކުރިޔަސް 5 އަހަރުވަންދެން ދެމީހުން އެއްކޮށް ބުއި ސައިމަތިން ހަނދަނާން ނައްތާލަންވީ ކީއްވެ، އެހެންނު،ދެމީހުން އެއްކޮށް ދިޔައީ އޮފީސްކުރިމަތީގައި ހުންނަ ” ނައިނާ ” ކެފޭ އަށެވެ.

” ގަޑިން 3 ޖަހަން ފައިކުރު ކުރަނީއެވެ. އަހަރެން އަވަސް އަވަހަށް ގެއަށްދާން ތައްޔާރުވީމެވެ. ނޫރާގެ މަތިން މާބޮޑަށް ހަނދާންވެސް ވާން ފަށައިފިއެވެ. ގެއަށްގޮސް ދޮރުގައި ޓަކިޖަލާލީމެވެ. ދޮރު ހުޅުވާލި އިރު ނޫރާ ހުރީ އުފަލުން ފޮޅިފައެވެ. އަހަރެން ގޮސް ނޫރާގެ ގައިގާ އޮޅުލައި ގަތީމެވެ. ” އަޅެ ދެން ފަޔާ ދޫކޮށްލަ ބަލަ، އަޅެ ނޫން ދެން ފަޔާ ފަހުން،،،،،، ދުލެއް ނުކުރާނަން، ކީއްވެ އޮފީސްގަޑިގަ އެއްވެސް މެސެޖެއް ނުފޮނުވީ،،،،،ކީއްވެ ގުޅާ ނުލީ؟ އަހަރެންނަށް ޝަކުވާ ކުރެވުނެވެ. ” ފުރަތަމަ އަހަރެން ދޫކޮށްލަ ބަލަ އޭރުން ބުނާނަމޭ….. އަހަރެން ނޫރާގެ ގައިން ދޫކޮށްލީމެވެ. ނޫރާ ފެށިއެވެ.” ލޯބިވާ ފިރިމީހާ …… އޮފީސްގަޑީގަ އަންހެނުންގެ ފޯންކޯލްތަކާ މެސެޖްތައް ގިނަވީމަ އޮފީހުގެ މަސައްކަތަށް ހުރަސް އެޅޭނެ، އޭރުން ބޮޑުމީހާގެ ކުރިމަތީގަ ފަޔާގެ އަގުވެއްޓޭނެ، އަހަރެން ރަނގަޅަކަށް ނޫންތަ މިބުނީ،،،،،، ވަރަށް ރަނގަޅު ، އަހަރެން ހިތަށް އަރާ ނޫރާ އަކީ އަނެއްކާ ކާކުބާއޭ،،،، ފަޔާގެ އަންހެނުން، އަހަރެންގެ ވާހަކަ ނުނިމެނިކޮށް ނޫރާ ބުންޏެވެ. ” ހޫމް ދެން ހިނގާ ކާން ވަރަށް ބަނޑުހައިވެއްޖެ. ކައިގެން ދެމީހުންވެސް ދިޔައީ އަރާމް ކޮށްލާށެވެ.

މިގޮތުގައި އަހަންނާ ނޫރާގެ ދިރިއުޅުމުގެ ދުވަސްތައް ވޭތުވަމުން ދިޔައެވެ. ކައިވެންޏަށް 3 އަހަރު ވެއްޖެއެވެ. ކައިވެނީގެ ހަގީގީ މޭވާއެއް އަހަރެމެނަކަށް ނުލިބުނެވެ. ވަރަށް މަސައްކަތް ކުރެވިއްޖެއެވެ. އެކަމާ އަހަންނަށްވުރެ ބޮޑަށް ހިތާމަ ކުރަނީ ނޫރާއެވެ. ޑޮކްޓަރުން ބުނަނީ ދެމީހުންގެވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަހަރެންވެސް ދަރިއަކު ވަރަށް ބޭނުމެވެ. ނަމަވެސް ނޫރާ ދެރަވާވަރުން ބައެއް ފަހަރު ކުއްޖަކު ބޭނުމެއް ނޫނޭ ބުނެވެއެވެެ.

ދުވަސްތައް ހިތާމައާއި ހިތްދަތި ކަމުގެ ތެރޭގައި ގުނެމުން ދިޔައެވެ. އެހާ އުފާވެރިކޮށް އުޅެމުން އައި ދެމަފިރިން ދިރިއުޅުން މަތިން ފޫހި ވެއްޖެއެވެ. ނުކައި ނުކައި ނޫރާ ވަރަށް ހިކިއްޖެއެވެ. އެންމެފަހުން ނޫރާ އެދުނީ އަހަރެން އެހެން މީހަކާ އިނުމަށެވެ. އަހަންނަން އެކަން ވާނެ ހެއްޔެވެ؟ އަހަރެން ނޫރާދެކެ ވަނީ ހަގީގީ ލޯތްބެވެ. ހިތުގެ އެންމެ ފުންމިނުން ނޫރާދެކެެ ލޯބިވެއެވެ. މިހާރުވެސް އަހަރެން ހަނދާން އެބަހުއްޓެވެ. އެއްދުވަހަކު އަހަރެން ނޫރާއާ ދިމާއަށް ބުނީމެވެ. ” އަހަރެންގެ ޙަޔާތަށް ނޫރާ ނޫން ދެވަނަ އެހެން އަންހެނެއް ނުގެން ނާނަމެވެެ. ނޫރާ ނެއްދުވަހެއް އަތުވެއްޖެ ނަމަ އަހަރެން މުސްކުޅިވެގެން ފިޔަ ހުދުވިޔަސް އެހެން އަންހެނެއްގެ ބީހުން ހަރާމެވެ. ” އަހަރެން އެކިއެކި ގޮތްގޮތުން ނޫރާއަށް ވިސްނައިދެމެވެ. އެކަމަކު ނޫރާ ގަބޫލެއް ނުކުރެއެވެ. އުއްމީދު ކަނޑާ ނުލުމަށްޓަކައި އަހަރެން ﷲގެ ހަޟުރަތުގައި ދުޢާ ކުރަމުން ދިޔައީމެވެ.

އޭގެ 2 އަހަރު ފަހެވެ. އެއްދުވަހު އަހަރެން އޮފީހުން ގެއަށް އައިއިރު ނޫރާ ގެއަކު ނެތެވެ. އަހަރެން ވަރަށް ކަންތައް ބޮޑުވިއެވެ. މުޅި ގޯތިތެރެ ބެލިއްޖެއެވެ. ހަނދާނެގޮތް ހުސްވެގެން ކޮޓަރިއަށްވަދެ ބޮލުގައި ދެއަތުން ހިފާލެވުނެވެ. ރޮވެން އުޅުނެވެ. އެވަގުތު ކޮޓަރިއަށް ވަދެގެން އެ އައީ އަމާނެވެ. އަމާން އަކީ އަޖައިބެއްކަހަލަ ރައްޓެއްސެކެވެ. އަހަންނަށް ބޭނުންޖެހޭ ކޮންމެ ވަގުތަކު ހުންނަނީ އަހަރެންގެ އެންމެ ގާތުގައެވެ. ހިތާ ހިތުން އޭނާއަށްޝުކުރު އަދާކުރީމެވެ. ކަންވީގޮތް އަހަރެން އަމާނަށް ކިޔައިދިނީމެވެ. ދެމީހުންގެ ވާހަކަ މެދުކެނޑުނު ހިސާބުން އަހަންނަށް ފާޚާނާއާ ދިމާއިން އަޑެއް އިވެން ފެށިއެވެ. ކުރިން ފާޚާނާ ބަލާލަން ހަނދާން ނެތުނީއެވެ.

އަހަންނަށް އިވުނީ ހަމަ ރަނގަޅު އަޑެކެވެ. އިވެނީ އިސްކޫރަކުން ފެން ފައިބާ އަޑެވެ. ދުވެފަ ގޮސް ފާޚާނާގެ ދޮރު ހުޅުވާލީމެވެ. އަހަރެންގެ މޭގަނޑު އަތަށް ނައީ ކިރިޔާއެވެ. ފާޚާނާތެރޭގައި ނޫރާ އޮތީ ވެއްޓިފައެވެ. ހެދޭ ނުހެދޭ ގޮތެއްވެސް ނޭނގެއެވެ. އަނބުރައި ގަންނަގޮތްވެސް ވިއެވެ. އަމާންއާ ދެމީހުންވެގެން ނޫރާ ހޮސްޕިޓަލަށް ގެެންދިޔައީމެވެ. އޭރުވެސް ނޫރާ ހެއެއް ނާރައެވެ. ޑޮކްޓަރުން ނޫރާ ބަލަން ފެށިއެވެ. އަހަންނަށް ގޮނޑީގައި އިށީނދެ ލެވުނެވެ. އަމާން އަހަންނަށް ހިތްވަރު ދިނެވެ. ކެތްތެރިވުމަށެވެ. ބައިގަޑިއެއްހާއިރު ފަހުން ޑޮކްޓަރު ކޮޓަރިން ނުކުމެއްޖެއެވެ. އަދި ނޫރާގެ ފިރިމީހާއަކީ ކާކުތޯ އެހިއެވެ. އަހަރެން އަވަސްއަވަހަށް އަހަންނޭ ބުނީމެވެ. ” މަރުހަބާ ” ނޫރާ ބަނޑުބޮޑު އެހެންވެ އަނބުރައިގަތީ، ކަންބޮޑުވާންޖެހޭވަރުގެ އެއްވެސް ކަމެއްނެތް، ޑޮކްޓަރު ބުނިއެއްޗެއް އަހަންނަކަށް ޔަގީނެއް ނުކުރެވުނެވެ. ” ޑޮކްޓަރ ސަމާސަ ނުކުރައްވާ، ” އައި އެމް ސީރިއަސް ” ޑޮކްޓަރު އެހެން ބުނުމުން އަހަންނަށް ވީގޮތެއް ބުނެދޭނެ ގޮތެއް ހަމަ އެއްގޮތަކަށްވެސް ނޭނގުނެވެ. އަމާންގެ ގައިގާ އޮޅުލައިގަނެވުނެވެ. އަވަސް އަވަހަށް އެތެރެއަށްވަދެ ނޫރާގެ ގައިގާ އޮޅުލައިގަތީމެވެ. އެތަންމިތަނުގައި ބޮސްދިނީމެވެ. ނޫރާވެސް ހަމަ އެގޮތެވެ. ދެމީހުނަށްވެސް ހޭވަރިކަންވީ އަމާން ކަރުކެހިލުމުންނެވެ. އަމާންވެސް އަހަރެމެން ދެމީހުނަށްމަރުހަބާ ކިއެވެ.

ރޭދުވާތައް އޭގެ އަސްލާ އެއްގޮތަށް ދައުރުވަމުން ދެއެވެ، އިރުއަރާ އޮއްސުމުގައެވެ. ނޫރާގެ ބަނޑަށްވެސް މިހާރު 8މަސް ފުރުނީއެވެ. ވިހެއުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއް އަހަރެން ދިޔައީ ވަމުންނެވެ. ﷲ ގަންދީ ތެެދެއް ބުނަން ހެއްޔެވެ. ވޭތުވެ ދިޔަ 8މަސް ދުވަހުގެ ތެރޭގައި ނޫރާގެ އަތުން ބަތްކޮޅެއް މޮޑެފައެއް ނުހުންނާނެއެވެ. ކިރުތައްޓެއް ގިރާފައެއް ނުހުންނާއެވެ. އެއްޗެއް ދޮވެ އިސްތިރިކުރާކަށް ނުޖައްސަމެވެ. ހުރިހާ ކަމެއްވެސް ކުރީ ހަމަ އަހަންނެވެ. ހަމަ ފަޔާއެވެ. ނޫރާގެ ފަޔާއެވެ. އަހަރެން ރަނގަޅެއް ނޫންހެއްޔެވެ.

ނޫރާގެ ބަނޑަށް ނުވަމަސް ފުރިއްޖެއެވެ. ވިހަން މާލެދާ ދުވަސް އަތުވެއްޖެއެވެ. އަހަންނަކީ ރާއްޖެތެރޭގެ މީހެކެވެ. އާއިލާގެ އަދި ރައްޓެހި ގިނަ ބަޔަކު މާލެއަކު ނުތިބެއެވެ. އެހެންކަމުން އަހަރެމެން ދެމީހުންގެ މާލޭގަ ތިބުމުގެ ހުރިހާ އިންތިޒާމެއްވެސް ހަމަޖައްސައިދިނީ އަމާންއެވެ. އޭނާއަށް ހެޔޮ ރަޙްމަތްލައްވާ އޭނާގެ ހިތުގެ ފިނިވާރޭ ކަމުގައިވާ ލީނާ އޭނާއަށް ދެއްވާނދެއެވެ. ކިޔުންތެރިންވެސް ދުޢާ ކޮށްލަދެއްޗެވެ.

ނޮވެމްބަރުމަހެއްގެ 7 ވަނަ ދުވަހެވެ. އަހަރެން އިނީ ސިޓިންގ ރޫމްގައި ފިލްމެއް ބަލާށެވެ. ފިލްމުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެ ގެއްލިފައެވެ. ކޮޓަރިތެރޭގައި އިން ނޫރާގެ މައްޗަކުން މާބޮޑަށް ހަނދާނެއް ނެތެވެ. ފިލްމު ބަލަން އިންނަތާ ގަޑިއެއްހާއިރު ފަހުން އެއްޗެހިތަކެއް ތަޅައިިގެން ދާކަހަލަ އަޑެއް އިވުނެވެ. ހެޑްސެޓްނައްޓުވާލައި އަޑުއައި ދިމާއަށް ދުއްވައި ގަނެވުނުވެ. އަޑުއައީ ކޮޓަރިއާ ދިމާއިންނެވެ. ކޮޓަރީގެ ދޮރުމައްޗަށް އެރުމާއެކު މޫނުމައްޗަށް އަނދިރިވާގޮތް ވިއެވެ. ނޫރާ އޮތީ މުށިތައްމަތީގައި ވެއްޓިގެން ބަނޑުގައި އަތްއަޅައިގެން ރޯށެވެ. ބައިވަރު ލޭވެސް މުށިތައްމަތީގައި ހުއްޓެވެ. އަހަންނަށް ނޫރާއޭ ކިޔައި ހަޅޭލަވާ ގަނެވުނެވެ. އަމާން އައިނައިތަނެއްވެސް އަހަންނަކަށް ނޭނގުނެވެ. ފެނުނީ ކޮޓަރިތެރެއަށް ވަދެގެން އައި ތަނެވެ. ދެމީހުންވެގެން ނޫރާ ހޮސްޕިޓަލަށް ގެންދިޔައީމެވެ. އެމެޖެންސީކޮށެވެ.

ވިއްސާކޮޓަރިއަށް ނޫރާ ވައްދައިފިއެވެ. އަހަންނަށް ހަމަ ރޮވެނީއެވެ. އަހަރެންގެ ފަރުވާކުޑަކަމުން ނޫރާ އަށް ވެފައި އޮތްގޮތް ހަނދާން ވަނީއެވެ. އަހަންނަށް ގިސްލެވެނީއެވެ. އަހަރެންގެ ގާތުގައި އަމާން ނެތްނަމަ އަހަރެން މޮޔަވީހެވެ. އަމާން އަހަންނަށް ވަރަށް ހިތްވަރު ދިނެވެ. ވިއްސާ ކޮޓަރިއަށް ނޫރާ ވެއްދިފަހުން 7 ގަޑިއިރު ވެއްޖެއެވެ. އެސްފިޔަ ޖަހާނުލާ އަހަންނަށް އެކޮޓަރީގެ ދޮރާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ޑޮކްޓަރު ނުކުމެގެން އައީ ސީދާ އަހަންނާ ދިމާއަށެވެ. ޑޮކްޓަރުގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމެވެ. ” މަރުޙަބާ އަންހެންކުއްޖެއް ” މަޑުމޮޅިރާގަކަށް ޑޮކްޓަރު ބުނެލިއެވެ. ” ކޮބާ ނޫރާ ؟ ނޫރާ ރަނގަޅުތަ؟ އަހަންނަށް ނޫރާ ދައްކަބަލަ……ފަޔާޒް ނޫރާ މިތަނަށް ގެނެވުންލެއް މާލަސްވީ،،،،، މާގިނަ ލޭފޭބުމުގެ ސަބަބުން ނޫރާގެ ފުރާނައަށް ނުރައްކާވީ،،،، ފަޔާޒް ހިތްވަރު ދޭންވެސް ޖެހިލުންވޭ،،، އެކަމަކުވެސް ހިތްވަރުކުރާތި،،،،، ޑޮކްޓަރުގެ ވާހަކަ އެހިސާބަށް ދިޔައިރު އަހަންނަކަށް ވާނުވާއެއް ނޭނގެއެވެ. އަރިއަޅާލިހެން ހީވިއެވެ. ދެންވީ ގޮތެއް ނޭނގުނެވެ.

ހޭވެރިކަން ވީއިރު އޮތީ ހޮސްޕިޓަލުގެ އެނދެއްގައެވެ. ގާތުގައި އަމާންއާ އަހަރެންގެ މަންމަވެސް ހުއްޓެވެ. ހޭއެރުމާއެކު ނޫރާއޭ ކިޔާ ރޮއިގަނެވުނުވެ. އަމާންގެ އެހީގައި ނޫރާގެ ގާތަށް ދިޔައީމެވެ. ހުދުފޮތިގަނޑަކުން ނިވާކޮށްފައި އެއޮތީ ހަމަ ނޫރާ ހެއްޔެވެ. ނޫރާ ހަމަ މަރުވީ ހެއްޔެވެ؟ އަހަރެން ދޫކޮށްފަ ދިޔައީ ހެއްޔެވެ؟ ތުރުތުރު އަޅަމުން އަހަރެން ނޫރާގެ މޫނުމަތިން ފޮތިގަނޑު ނެގީމެވެ. ސުބުހާނަﷲ އެވެ. މަގޭ ނޫރާ އެއޮތީ ހަމަ މަރުވެފައެވެ. އަހަންނަށް ނޫރާގެ ގައިގާ އޮޅުލައި ގަނެވުނެވެ. ނޫރާއެވެ. ނުދާށެވެ. އަންނާށެވެ. އަހަރެން އެކަނި ނުކުރާށެވެ. ނޫރާއެވެ. ތިޔައީ އަހަރެންގެ ދިރިހުރުމެވެ. އަހަރެންގެ ވިންދެވެ. އަހަރެންގެ ނޭވާއެވެ. ނޫރާއާ ނުލާ އަހަރެން ދިރިއުޅޭނީ ކިހިނެތް ހެއްޔެވެ؟ ކުޑަކުޑަ ތުއްތު ތުއްތު ދަރިފުޅަށް އަހަންނަށް ބަލާލެވުނެވެ. ނޫރާއެވެ. މި މައުސޫމު ދަރިފުޅަށް ތިޔަހެން ނުހަދާށެވެ. މިޒިންމާ އަހަރެން ނަގާނީ ކިހިނެތް ހެއްޔެވެ؟ މިތުއްތު ދަރިފުޅުގެ މަންމައާ ނުލާ އެދަރިފުޅަށް އުޅެވިދާނެ ހެއްޔެވެ؟ ނޫރާއެވެ. ތިޔަހެން ނުހަދާށެވެ. އާދޭސް ކުރަމެވެ. މަރުނުވާށެވެ. އަހަރެމެން ދޫކޮށްފައި ތިޔަހެން ނުދާށެވެ. އެދަރިފުޅަށް އިހުމާލެއް ވެވިދާނެއެވެ. މީ ވަރަށް ބިޒީ ބައްޕައެކެވެ. ނޫރާއެވެ. ނޫރާއެވެ. ނޫރާއެވެ. ޑޮކްޓަރާ އަމާންވެގެން އަހަރެން އެތަނުން ދުރުކުރިއެވެ.

ނޫރާގެ ކަށުކަމާކެމީގެ އެންމެހައި ކަންތައްތައް ނިމިއްޖެއެވެ. އަހަންނަށް އިނދެވުނީ ގަނޑުވެފަ ކަމެއް ހޭބުއްދި ފިލާފަކަމެއް ނޭނގެއެވެ. އެނގޭ ކަމަކީ އަޑުތަކެއް އިވި މީހުން އުޅޭ ނޫޅޭ ކަމެވެ. ކުރާކަމެއް ނޭނގެއެވެ. ” ނޫރާގެ މޫނު އަޅަންވެއްޖެ ” އަމާންގެ އެޖުމްލަ އަހަންނަށް އަޑު އިވުނީ ބާވައެވެ. އަހަންނަށް ކުއްލިއަކަށް ތެދުވެވުނެވެ. ނޫރާއޮތް ދިމާއަށް ހިނގައިގަނެވުނެވެ. ނޫރާގެ އެމައުސޫމު މޫނަށް ކަޅިޖަހާ ނުލާ ބަލަން ހުރެވުނެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަހަރެން ލައިގެންހުރި މަޑުނޫކުލައިގެ ގަމީސް ތެއްމަމުން ދިޔައެވެ. ވަރަށް ހިތްވަރުކޮށްފަ ނޫރާގެ މޫނުގައި ބޮސް ދިނީމެވެ. އެއަށް ފަހު ނޫރާގެ މޫނު އަޅައިފިއެވެ. އަބަދަށްޓަކައި ފަޔާގެ ނޫރާ ދިޔައީއެވެ. މުޅިން އެހެން ޢާލަމަކަށެވެ. ދާއިމީ ގޮވައްޗަކަށެވެ. ޔާ ﷲ ނޫރާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ ފާނދޭއެވެ. ކިޔުންތެރިންވެސް ނޫރާއަށް ހެޔޮދުޢާ ކޮށްލަދޭށެވެ.

ނޫރާ ވަޅުލުމުގެ ހުރިހާ ކަމެއްވެސް ނިމިއްޖެއެވެ. ހުރިހާ ކަމެއްވެސް ހަމަޖެއްސީ އަމާންއެވެ. ކިޔުންތެރިންނޭވެ. ހަގީގީ ރައްޓެހިންނަކީ ތިމާއަށް ބޮޑުކަމެއް ޖެހޭ ދުވަހު އެހީތެރިވާ މީހާއެވެ. އެކަން ދަންނާށެވެ.

ދަރިފުޅުގެ ޢުމުރުން 7 ދުވަސް ވީއެވެ. ނަން ކިޔަން ވެއްޖެއެވެ. ދަރިފުޅަށް ކިޔާނީ ކޮންނަމެއް ހެއްޔެވެ. އަމާނަށް ގުޅީމެވެ. އަމާން އަތުވެއްޖެއެވެ. ނަމަކާމެދު ވިސްނަން ފެށީމެވެ. އަހަރެން ދީފާނަން ރީތި ނަމެއް، އަމާން ބުންޏެވެ. ރަނާ ،،، ރަނާ ހުސެއިން ފަޔާޒް، ލޯބިންވެސް ކިޔާނީ ރަނާ،،، ރީއްޗެއްނޫންތަ، އެނަން އަހަންނަށް ވަރަށް ކަމުދިޔައެވެ. ވަރަށް ރީތިވިއެވެ. އަދި ވަގުތުން އެނަން ކިޔަން އެއްބަސް ވެވުނެވެ. ނަންކިޔުމުގެ ހުރިހާ ކަމެއްވެސް ދިޔައީ ވަރަށް ފުރިހަމަ ކޮށެވެ.

ދަރިފުޅުގެ 7 ވަނަ އުފަންދުވަސް ކުލަގަދަކޮށް ފާހަގަކޮށްދިނީމެވެ. އަދި އަހަރެންވެސް މަޑުމަޑުން މަސައްކަތައިގެން މަޝްޢޫލުވެގެން އުޅެން ފެށީމެވެ. އޮފީހަށްދާން ފެށީމެވެ. ދަރިފުޅުގެ ކަންކަން ބަލަހައްޓަމުން އައީ މަންމައެވެ. އަދި ގޭގައި ގެންގުޅޭ އައިންތުއެވެ.

2014 ވަނަ އަހަރުގެ ދެވަނަޓާރމްގެ ދުވަސްތަކުން ދުވަހެކެވެ. އިންޓަރހައުސް 8 ވަނަ މަދަޙަ މުބާރާތް އޮތް ދުވަހެވެ. މަދަޙަ މުބާރާތަށް ޕްރެކްޓީސް ފެށުނީއްސުރެ ދަރިފުޅު ބުނަމުން ދިޔައީ ދަރިފުޅު މަދަޙަކިޔާތަނަށް އަހަރެން ދިއުމަށެވެ. އަހަރެން ވަޢުދު ވީމެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އެދުވަހު ދަރިފުޅު މަދަޙަ ކިޔާކަމެއް އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. އޮފީހުގެ ފަރާތުން ސާރވޭއަކަށް ރަށުތެރޭގައި އުޅެން ޖެހިގެނެވެ. ހަވީރު ގެއަށް އައިއިރު ދަރިފުޅު އިނީ ވަރަށް ދެރަވެފައެވެ. ” ދަރިފުޅު ބައްޕި ވަރަށް ސޮރީ” ބައްޕިއަށް މާފުކުރޭ،، ދަރިފުޅު ބޮޑާހާކަން ފެށިއެވެ. ބައްޕި އަބަދުވެސް ބުނާނެ އަންނާނަމޭ އެކަމަކު އެއްފަހަރު ވެސް ރަނާގެ އެއްވެސް މީޓިން އަކަށްވެސް މުބާރާތަކަށް ބައްޕިއެއް ނާދޭ،،، ދަރިފުޅު އެ ޖުމްލަތައް ތޫނު ޚަންޖަރެއްފަދައިން އަހަރެންގެ ހިތަށް ހެރެމުން ދިޔައެވެ. އެކިކަހަލަ ވާހަކަދައްކައިގެން ދަރިފުޅު ހިތްހަމަ ޖައްސައިދެވޭތޯ މަސައްކަތް ކުރީމެވެ.

އެއަހަރުގެ ރިޕޯޓްފޮތް ދިނުމުގެ ޖަލްސާއެވެ. ދަރިފުޅު ސްކޫލަށް ދިއުމުގެ ކުރިން ދަރިފުޅާއެކު ދާން ވަޢުދުވީމެވެ. ގެއިން ނުކުމެ ނުކުމެ ހުއްޓާ އައީ ފޯނެކެވެ. ކޮންމެހެން އޮފީހަށް ދާންޖެހިއްޖެއެވެ. ވަގުތުން އަމާނަށް ގުޅީމެވެ. ދަރިފުޅާއެކު ދިއުމަށް ބުނީމެވެ. އޮފީހުގެ މަސައްކަތް ދޫކޮށްލާފަ ދަރިފުޅާއެކު ދިއުމަށް އަމާން އެދުނެވެ. ނަމަވެސް މަސައްކަތުގެ މުޙިއްމުކަމުން އަހަރެން އެކަމަށް އިންކާރުކުރުމުން އަމާން ދިޔައެވެ. ދެގަޑިއިރެއްހާ ފަހުން އަމާންގެ މެސެޖެއް ލިބުނެވެ. ؛؛ މުޅިޕްރައިމަރީން އެއްވަނަ ރަނާ ހުސެއިން ފަޔާޒް ” މަރުޙަބާ ، އެ މެސެޖްކިޔާލެވުމުން ކުޑަވަގުތުކޮޅަކަށް އަހަރެންގެ ނޭވާ ހުއްޓުނު ކަހަލައެވެ. ވީ އުފަލެއްގެ ބޮޑުކަމުންނެވެ. އެދަރިފުޅުގެ ފޮތްތައް ބަލާލާނެ އަވައްޖެއްވެސް ނުވާއިރު އެދަރިފުޅު ކިހާ މަސައްކަތެއް އެބަކުރޭހެއްޔެވެ. އަހަންނަށް ރޮވުނެވެ.

” ބައްޕީ ދެން ތެދުވެބަލަ ” މިހާރު ސެވަން ވަނީއޭ” ސިއްސައިގެންގޮސް އަހަންނަށް ހޭލެވުނެވެ. އެއަޑު މީގެ އެތައް ދުވަހެއް ކުރިން ނޫރާވެސް އަހަންނަށް އިއްވިއެވެ. ދެމައިންގެ އަޑުވެސް ހާދަ ވައްތަރެވެ. އަހަރެން ލޯހުޅުވާލުމުން ދަރިފުޅު ބުންޏެވެ. ބައްޕި ބިޒީކަމުން ދޯ އިއްޔެ ރަނާގެ ރިޕޯޓްފޯމް ދޭތަނަށް ނާދެވުނީ…. އޯކޭ ބައްޕީ،،، ހިނގާ މިއަދު ރަނާ ގޮވައިގެން މޫދަށްދާން،،،،، އަހަރެން އަވަސް އަވަހަށް ދަރިފުޅު މެޔާލާ ބޮނޑިކޮށްލީމެވެ. އަދި އައިންތު ދައްތަ ގާތު ބުނެގެން މޫދަށް ދާން ރެޑީވާށޭ ބުނީމެވެ. ހުކުރު ދުވަހަށް ވީތީ ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

ފާޚާނާއަށް ވަދެ ނުކުތްއިރު ބޮސް ތިންފަހަރު ގުޅާފަ އޮތެވެ. މިނިސްޓްރީގެ ބަޔަކު އަންނަނީއެވެ. އެމީހުން އިސްތިޤުބާލު ކުރަން ކޮންމެހެން ވެސް ދާންޖެހުނީއެވެ. ދަރިފުޅުގާތު ތައްޔާރުވާށޭ ބައްޕި އެބަ އަންނަމޭ ކިޔާފަ އަހަރެން ދިޔައީ އޮފީހަށެވެ. މިނިސްޓްރީގެ މީހުންގެ ކަންކަމުގަ އުޅެންހަދައިގެން ވަގުތު ދިޔަ ގޮތެއްވެސް ނޭނގުނެވެ. ފެނުނީ ގަޑިން ބާރަ ޖަހަނިކޮށެވެ. ވަރަށް ދެރަވިއެވެ. ދަރިފުޅު މަތިން ހަނދާންވީމައެވެ. ގެއަށްދާންވެސް ދެރަވިއެވެ.

ޖެހިގެން އައިދުވަހު މެންދުރުފަހު ދަރިފުޅު ގޮވައިގެން ބުރެއްޖަހާލަން ދިޔައީ ދަރިފުޅު އުފާކޮށްލާށެވެ. ރަށްވަށައިގެން ދުއްވާލުމަށް ފަހު އަތިރިމަތީގައި ހުރި ނައިނާ ކެފޭއަށް ވަނީ ދަރިފުޅަށް އައިސްކްރީމެއް ގަނެދޭށެވެ. ދަރިފުޅު އައިސްކްރީމް ބޯންފެށިތަނާ އަހަންނަށް އޮފީހުން ގުޅިއެވެ. ވަރަށް އަވަހަށް އޮފީހަށް ދާންޖެހުނެވެ. މިއޮއްހުރިހާ ދުވަހުން ދަރިފުޅު ގޮވައިގެން އަންނައިރަށް ދާންޖެހުނީއެވެ. ދަރިފުޅު ގޮވައިގެން އަވަސް އަވަހަށް ގެއަށްދާން ނައްޓާލީމެވެ. ގޭކުރިމަތީގައި ދަރިފުޅު ބެހެއްޓުމަށް ފަހު އަވަހަށް އެތެރެއަށް ދާށޭ ކިޔާފައި އަހަރެން މިސްރާބު ޖެހީ އޮފީހާ ދިމާއަށެވެ. އޮފީހަށްގޮސް ވަންތަނުން ބޮސް އަހަންނަށް މަރުޙަބާ ކިއެވެ. ” ކިހިނެއްތޯ ވީ….! 2 އަހަރު ދުވަހަށް އޮސްޓްރޭލިއާއިން ކޯހެއް ފަޔާޒަށް،،، ސީރިއަސްކޮށްތޯ؟ ގަބޫލުކުރަން ދަތިވެގެން އަހަރެން އަހާލީމެވެ. މާދަމާ މާލެފުރަންޖެހޭނެ…….. ދެން އެންމެ ރަނގަޅު ގެއަށް ދިޔަސް…..އަހަރެން ވަރަށް އުފަލުން ގެއަށް ދިޔައީމެވެ.

ދަރިފުޅު ފެނުމާއެކު އޮޅުލައިގަތީމެވެ. ދަރިފުޅޫ ބައްޕިއަށް ކޯހެއްލިބުނީ،،،،، އޮސްޓްރޭލިއާއަށް ދަނީ ދެއަހަރަށް ،،،،، އަހަރެން އެހެން ބުނުމާއެކު ދަރިފުޅު ހިމޭން ވިއެވެ. ކަރުނުން ދެލޯ ފޯވިއެވެ. ރަނާ ދޫކޮށްލާފަ ބައްޕި ދަނީތަ،،،،،، އެހިސާބުން އަހަރެންވީ އުފާވެސް ނެތި ހިނގައްޖެއެވެ. ތެދެކެވެ. އަހަރެން ދާން މިއުޅެނީ އެ ތުއްތު ތުއްތު ދަރިފުޅު އެކަނި ކޮށްލާފައެވެ. މީ ކޮންކަހަލަ ބައްޕައެއް ހެއްޔެވެ. ދަރިފުޅު ގެނެސް މެޔާލައި ބޮނޑިކޮށްލީމެވެ. ” ބައްޕި ނޫޅެމޭ ދަރިފުޅު ދޫކޮށްލާފަ ދާކަށް،،، ބައްޕި ބުނީ ކޯސް ލިބުން ވާހަކަ، ބައްޕި ކިހިނެއް ދަރިފުޅު ދޫކޮށްލާފަ ދާނީ…. ފްލައިޓަށް އަރައިގެން ދާނީ،،،،،، އެއީ ކޮއްކޮ އެހެން ބުނިއެއްޗެއް ނޫނޭ ބައްޕީ ،، ބައްޕި ދާންވާނެ ،، ކޮއްކޮ ހުންނާނީ އައިތު ދައްތަ ގާތުގަ،،، ބަސްއަހާނަމޭ ޕްލީޒް ބައްޕީ ދާންވާނެ،،، އެކަމަކު ބައްޕިވާނެ ކޮންމެ ދުވަހަކު ރަނާއާ ގުޅަން….އަހަންނަށް ބާރަށް ރޮއިގަނެވުނެވެ. އެދަރިފުޅުގެ އެހުރީ ކޮންކަހަލަ ތޫނުފިލިކަމެއް ހެއްޔެވެ؟ އެއީ އަޖައިބެއް ކަހަލަ ދަރިއެކެވެ.

ޖެހިގެން އައިދުވަހު އޮސްޓްރޭލިއާއަށް ފުރުމަށްޓަކައި އަހަރެން މާލެދާން ފުރީމެވެ. އަހަރެންގެ ޙަޔާތުގަ އެހާ ދެރަވި ދުވަހެއް ނާދެއެވެ. 7 އަހަރުގެ އެދަރިފުޅު ދޫކޮށްލާފަ ދާންޖެހުނީމައެއް ނޫނެވެ. އެދަރިފުޅު ދެއްކި ވާހަކައިންނެވެ. ކޮޓަރިން ނުކުމެ ނުކުމެ ހުއްޓާ ގޮވާލިއެވެ. އަދި އަހަރެންގެ ގައިގާ ބައްދައިގަނެ ކިޔަންފެށިއެވެ. ” ބައްޕީ މޮޅަށް ކިޔަވައްޗޭ،،،،، ނަމާދުކުރައްޗޭ،،، ގޯސްކޮށް ނޫޅެއްޗޭ،،،، ރަނާއަށް ގުޅައްޗޭ ، ދަރިފުޅު މެޔާލައި ބޮނޑިކޮށްލާފައި އަހަންނަށްވެސް ބާރަށް ރޮއިގަނެވުނެވެ.

އަހަރެން އޮސްޓްރޭލިއާއަށް ފުރައިފީމެވެ. ކިޔުންތެރިންނޭވެ. އަޑުއެހުންތެރިންގެ ހިތުގައި މިހާރު ސުވާލު އުފެދޭނެއެވެ. އަމާން ކޮބާހެއްޔެވެ؟ އޭނާގެ ވާހަކަ ނުދައްކަނީ ހެއްޔެވެ. އެނގޭހެއްޔެވެ. އަމާން އަށް ލީނާ ލިބުނީއެވެ. އެހެން ހުރިހާ ކަމެއްގެ މަތިން އަމާން ހަނދާން ނެތުނީއެވެ. އަހަރެން މެސެޖެއް ކުރިޔަސް މިހާރު އަމާން އެއަށް ޖަވާބު ދޭން ބޭނުން ނުވާކަމަށް ބުންޏެވެ. ކުރާނެ ކަމެއްނެތެވެ. ފަޔާގެ ހިތް ހަމަ އަމާނަށްޓަކައި އެންމެ ކުރިއެކޭވެސް އެއްގޮތެވެ.

ދެއަހަރުކޮށްފައި އަހަރެން އޮސްޓްރޭލިއާއިން އައީމެވެ. ޖެހިގެން އައި ދުވަހު ރަށަށް ފުރީމެވެ. ޖެޓީއަށް ފެރީ ކައިރި ކޮށްލުމުން އަހަރެން އަޖައިބު ވިއެވެ. އަހަންނަށް ފެނުނީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. އަހަރެންގެ ދަރިފުޅުގެ އަތުގަ ހިފައިގެން ހުރީ އަމާންއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަރެން ފޭބުމާއެކު ދަރިފުޅުއައިސް އޮޅުލަައިގަތެވެ. އަހަރެން އަމާންއަކާ ވާހަކައެއް ނުދައްކަމެވެ. އަހަރެން ހިނގައިގަންނަށް އުޅެނިކޮށް އަމާން އަތްދިއްކޮށްލީ ސަލާމްކުރާށެވެ. ކަންތައް ކުރެވުނު ގޮތުން މަޢާފަށް އެދުނެވެ. ކެނިޑިފައިވާ ރަޙްމަތްތެރިކަން އަލުން ލިބުމުން އަހަރެންވެސް ވަރަށް އުފާވިއެވެ.

ދުވަސްތައް ތޮށަލިދުޅަޔަށް ދެއެވެ. މިއަދަކީ ދަރިފުޅުގެ ސާނަވީ މަރުޙަލާނިމި ނަތީޖާ އަންނަ ދުވަހެވެ. ދަރިފުޅު ބޮޑުވީއެވެ. ދަރިފުޅު އެހުރީ ހަމަ ނޫރާގެ ގޮތުގައެވެ. ބައެއް މީހުނަށް އޮޅެންވެސް އޮޅޭނެއެވެ. އެހާވެސް ވައްތެރެވެ. ދަރިފުޅު ބޭނުންވީ ނަތީޖާބަލާ އަހަންނާއެކު ސްކޫލަށް ދާށެވެ. ކަންދިމާކުރިގޮތުން އަހަންނަށް ނުދެވުނީއެވެ. އަހަރެން އޮފީހުގައި އުޅެނިކޮށް ފޯނަށް އައީ މެސެޖެކެވެ. ބަލާލުމާއެކު ގައިން ހީބިހިނަގައި ގަތެވެ. ރަނާ ކިޔެވި ހުރިހާ މާއްދާއަކުންވެސް ގެނެސްފައިވަނީ ” އޭ ” ގްރޭޑެވެ. އަހަންނަށް އުފަލުން ނަށައިގަނެވުނެވެ. ވަގުތުން ދަރިފުޅުގާތަށް ދިޔުމަށްޓަކައި ސައިކަލަށްއަރާ ދުއްވާލީމެވެ. ގެއަށް ވަދެވުމާއެކު ދަރިފުޅު އަހަންނާ ދިމާއަށް ފެންކަޅިވެފައިވާ ދެލޮލުން ބަލައިލިއެވެ. އެމޫނުގައި ވަނީ މާޔޫސްކަމާ ހިތްދަތިކަމެވެ. ބައްޕީ ރަނާ …. ރަނާ….. ދަރިފުޅަކަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. އަރިއަޅާލައިގެން ވެއްޓުނީއެވެ. އަހަންނަށް ހަޅޭލަވައިގަނެވުނެވެ. އަމާން އައިނައިތަނެއްވެސް ނޭނގެއެވެ. ފެނުނީ ރަނާގެ ގައިގާ ހިފާ އަހަންނާއެކު ސޯފާއަށްލީތަނެވެ. އެތައްއިރެއްވަންދެން މަސައްކަތް ކުރިފަހުން ދަރިފުޅު ލޯ ހުޅުވާލިއެވެ. އަހަންނަށް ބާރަށް ރޮއިގަނެވުނެވެ. ދަރިފުޅާ ދަރިފުޅަށް ކިހިނެއްވީ،،،، ނޭނގެ ބައްޕީ ބޮލަށް އެނބުރުން އަރަނީ ….. ދަރިފުޅަށް ކާންދީފައި ކޮޓަރީގައި އަރާމްކޮށްލަން ބޭއްވީމެވެ. އަދި ދަރިފުޅަށް އެހެން ދިމާވި ސަބަބަކީ އަހަރެން ކަމުގައި އަމިއްލައަށް ޔަގީންކުރީމެވެ.

ދެހަފުތާފަހެވެ. މިހާރަކަށްއައިސް ދަރިފުޅު އަބަދުވެސް އުޅެނީ ބަލިވެއެވެ. އެކަމަކު އަހަރެންގާތު ނުބުނާން ވެގެން ވަރަށް މަސައްކަތް ކުރެއެވެ. މިރެއަކީ ސްކޫލްގެ ޕްރައިޒްޑޭ ބާއްވާ ރެއެެވެ. ދަރިފުޅާއެކު ދިޔުމަށް އަހަރެން އައީ މާކުރިންވެސް ތައްޔާރުވަމުންނެވެ. ހެނދުނު އޮފީހަށްގޮސް މަސައްކަތުގައި އަވަދިނެތި އުޅުނީ ރޭގަނޑު ހުސްކުރާށެވެ. މަސައްކަތުގައި އުޅެނިކޮށް ބޮސް ވިދާޅުވީ އޮފީހުގެ ތިޖޫރީއަށް ޖެހުނު މައްސަލަ ޙައްލުކުރުމަށް މިއަދު 12ގެ ފެރީން މާލެދިއުމަށެވެ. ފައިސާ ބަލަހައްޓަނީ އަހަންނެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ. އެއްކޮޅުން މަގޭ ދަރިފުޅެވެ. އަނެއްކޮޅުން ޖާނު ދެމުން އަންނަ ވަޒީފާއެވެ. ކޮންމެއަކަސް ދަތުރު ކެންސަލްކުރެވޭނެ އެއްވެސް ގޮތެއްނެތެވެ. ވަގުތުން އަމާންއާ ގުޅާ ކަންތަންވީގޮތް ކިޔައި ދިނީމެވެ. އަދި ދަރިފުޅާއެކު ދިއުމަށް ބުނީމެވެ. އަހަރެން މާލެ އައީ ދަރިފުޅުގާތު ނުވެސް ބުނެއެވެ. ބުނާނެ ހިތްވަރެއް ، ގޮތެއް އަހަންނަކަށް ނޭނގުނެވެ.

ޖަލްސާ ފެށިއްޖެއެވެ. އެކިއެކި އައިޓަމްތައް ފުރިހަމަވަމުން ގޮސް ދެން އޮތީ އެންމެ ޝަރަފުވެރި ވަނައެވެ. ” ބެސްޓްއޯލްރައުންޑް ” އެވެ. އެނައުންސް ކުރިފަރާތުން އެ އިއުލާން ކުރީއެވެ. ބެސްޓްއޯލްރައުންޑެވެ. އާއެކެވެ. ދެވަނަ ނަމެއް ނޫނެެވެ. ރަނާ ހުސެއިން ފަޔާޒެވެ. މުޅި ހޯލްތެރޭގައި އަތްޖަަހަނީއެވެ. މަޑު ހިނގުމެއްގައި ރަނާ ހިނގަމުން ދެއެވެ. ދެވުނީ ވަކި ހިސާބަކަށެވެ. އަރިއަޅާލައިގެން ވެއްޓުނީއެވެ. އެންމެންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެއްބަޔަކު ރަނާ ނަގައިގަނެގެން ގެންދަނީއެވެ. އެންމެ ގާތުގައި ހުރީ އަމާނެވެ. ރަނާ ގެންދެވުނީ ހޮސްޕިޓަލަށެވެ. އެމެޖެންސީކޮށް ރަނާ ބަލަން ފެށިއެވެ. 15 ވަރަކަށް މިނެޓްފަހުން ޑޮކްޓަރު ނުކުމެއްޖެއެވެ. ކެތްމަދުވެފައިވާ އަމާންގޮސް ޑޮކްޓަރުގެ ކުރިމައްޗަށް ހުއްޓުނެވެ. ” އައި އެމް ސޮރީ ޝީ އިޒް ޑެޑް،، އޭނާ ވަނީ މަރުވެފަ،،، އަމާން ހަޅޭލަވާގަތެވެ. ހިތަށްލިބުު ގެއްލުމަކާ ގުޅިގެން ހިތްހުއްޓުނީކަމަށް ބެލެވެނީ،،،، ހަޓްޕޭޝަންޓެއްތަ،،،، އަމާނަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ފަޔާޒަށް ގުޅިއެވެ. އެކަމަކު އެވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ. އަމާން ވަރަށް ހިތްވަރު ކުރިއެވެ. ” ހަލޯ އަމާން ކޮބާ ދަރިފުޅުތަ ބެސްޓްއޯލްރައުންޑް،،، މަށަށް މާކުރިންވެސް ޔަޤީންވިއޭ،،، ތޭންކްސް އިނގޭ ވަރަށް އަމާންގެ ޚިދުމަތްތައް އަހަރެން ހަނދާން ނައްތައެއް ނުލާނަން….. ކޮބާ ރަނާ ދީބަލަ އޭނަ އަތަށް ފޯނު،،،،، ފަޔާ ،،، ފަޔާ،،، ރަނާ،،،، ރަނާ،،،،، ރަނާ،،،،، މަރު…. މަރު،،،، ފަޔާޒް ރަނާ މަރުވެއްޖެ، އަހަރެމެން އެންމެ ދޫކޮށްލާފަ އޭނާގެ މަންމަގާތަށް ހިނގައްޖެ،،، ކަންވީގޮތް ފަށްޗަކަށް އަމާން އަމުނާލިއެވެ. އެކޮޅުން އެއްވެސް އެއްޗެކޭ ނުބުންޏެވެ. ފަޔާޒް … ފަޔާޒް،،،، އެކޮޅުން އިވެނީ ފަޔާޒް ރޯއަޑެވެ. ބާރަށެވެ. އަޑުން އަޑުނަގައެވެ. ދަރިފުޅާ ރަނާ ،،،،، ދަރިފުޅާ ބައްޕިއަށް މާފުކުރޭ…… ދަރިފުޅާ…… އަމާން މަގޭ ދަރިފުޅުކޮބާ ،،،،، ބުނެބަލަ ބައްޕި އެބަދަމޭ އެހަށް މަޑުކުރާށޭ،،،، ޕްލީޒް އަމާން،،،، ދެންވެސް އިވުނީ ފަޔާޒް ރޯންފެށި އަޑެވެ. ފޯން ބާޢްވަމުން ފަޔާޒް ބުނެލި އަޑު އިވުނެވެ. ” ދަރިފުޅާއެވެ. ބައްޕިއަށް މާފުކުރާށެވެ. ބައްޕި ހަމަ ބިޒީއެވެ.

https://www.baiskoafu.com/view/audio/MzM5NQ==

ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.

1 ކޮމެންޓް
މަހުވާ
އޭޕްރީލް 14, 2022
Rovijje hama