English Edition
Dhivehi Edition

މިސަރަހައްދުން ޑޮކްޓަރުން ލިބުމުގައި އޮތް ދަތިކަމަކީ އެންމެ ބޮޑު ގޮންޖެހުން ކަމަށް ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މަޖިލީހުގެ މިއަދު ޖަލްސާގައި ރާއްޖޭގެ ޞިއްޚީ ނިޒާމުގައި ހުރި މައްސަލަތަކުގެ ތެރެއިން ޑޮކްޓަރުންގެ ދަތިތަކަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ޚާއްޞަކޮށް ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ތިބި ގިނަ ޑޮކްޓަރުންތަކެއް ރާއްޖެ ދޫކޮށް ދިއުމާއި ގުޅިގެން ބަދަލުގައި ޑޮކްޓަރުން ހޯދުމަކީ ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށެވެ.

“އެކަމަކު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޞިއްޚީ ޚިދުމަތް ދިނުމަށް ބޭނުންވާ މިންވަރަށް ޑޮކްޓަރުންނާއި، މުވައްޒިފުންނާއި، ވަސީލަތް ހަމަޖެއްސުމަށް.” މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އިތުރަށް ވިދާޅުވީ މެއި މަހުގެ ތެރޭގައި ކިއުބާއިން 26 ސްޕެޝަލިސްޓް ޑޮކްޓަރުން އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމުން ޑޮކްޓަރުންގެ ދަތިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.