English Edition
Dhivehi Edition
ދައުލަތު އިދާރާތަކަށް ހުށަހެޅި ޕެޓިޝަން ފޮޓޯ: ހުސައިން ރަޝީދު

އައްޑޫ ސިޓީގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އުމުރުން ދުވަސްވީ އަންހެން މީހާ ދޫކޮށްލުމަށް ގޮވާލާ، އެ ސިޓީގެ ގިނަ ބަޔަކު ސޮއިކުރި ޕެޓިޝަން ދައުލަތުގެ 04 އިދާރާއަކަށް ހުށަހަޅައިފިއެވެ.

ޖެންޑާ މިނިސްޓްރީ އާއި ޕޮލިސް، އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މި ޕެޓިޝަނުގައިވަނީ 2700 މީހުން ސޮއިކޮށްފައެވެ.

އައްޑޫ ސިޓީ ހިތަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށް. ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މިދިޔަ މާރިޗް މަހުގެ 25 ވަނަ ދުވަހުއެވެ.

‘ފްރޭމް’ކޮށްފައިވާ އަންހެންމީހާ ދޫކޮށްލުމަށް ގޮވާލާ, 2500 މީހުން ޕެޓިޝަނުގައި ސޮއިކޮށްފި

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާ ފްރޭމްކޮށްފައިވާކަމަށް ބުނެ ހިތަދޫގައި މެދުކެޑުމެއް ނެތި މުޒަހާރާ ކުރަމުން އަންނައިރު. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ، ކުއްޖާއާއި އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ މީހާ މިހާރު ރަށުން ފުރާފައިވާއިރު، މިއީ އެކަމަށް ބާރުދޭ އިތުރު ހެއްކެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެމީހާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަންހެންމީހާއަކީ ޝަރަފުއްދީން ސްކޫލްގައި މަސައްކަތްކުރާތާ 29 އަހަރުވެފައިވާ މީހެކެވެ. ޔަތީމް ތިން ކުދިން ބަލަމުންދާ އެ އަންހެން މީހާއަކީ، ދުވަހަކުވެސް އެ ފަދަ މައްސަލައެއްގައި ޝަކުވާއެއް އައިސްފައިވާ ފަރާތެއް ނޫންކަމަށް ހިތަދޫގެ ގިނަ ބަޔަކު ވަނީ ބުނެފައެވެ.