އައްޑޫ ސިޓީގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، އުމުރުން ދުވަސްވީ އަންހެން މީހާ ދޫކޮށްލުމަށް ގޮވާލާ، އެ ސިޓީގެ ގިނަ ބަޔަކު ޕެޓިޝަނުގައި ސޮއިކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީ އާއި ޕޮލިސް، އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ގެ އިތުރުން އައްޑޫ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ސޮއިކުރަމުންދާ މި ޕެޓިޝަނުގައި އައްޑޫ ސިޓީއިން 2500 އަށްވުރެ ގިނަ މީހުން ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ހުސައިން ރަޝީދު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެމުން ބުނީ މިހާރު އައްޑޫ ސިޓީ ހިތަދޫގެ އިތުރުން އެހެން އަވަށްތަކުގައިވެސް ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތްކުރިއަށްދާކަމަށެވެ.
މި ޕެޓިޝަނުގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު، ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއުގެ އިތުރުން ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު މަރްޔަމް ސަލްމާ އާއި ފޭދޫ މާދެލަ ދާއިރާގެ ކައުންސިލަރު ފައިސަލް ވަނީ ސޮއިކުރައްވާފައެވެ. އަދި މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދުވަނީ ސޮއިކުރައްވާފައެވެ.
މި ޕެޓިޝަނުގައި ސޮއިކުރައްވާ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކަންބޮޑުވުން ޖެހޭ އެތައް ކަމެއް އެބަ ހުރި ކަމަށެވެ. އަންހެން މީހާއަށް ކުރެވޭ ތުހުމަތުތަކުގައި ހެއްކެއް ނެތް ކަމަށް އޭނާގެ ވަކީލުން ވެސް ބުނެފައިވާކަން ފާހަގަކުރައްވާ ނިޒާރު ވަނީ އޭނާ ހައްޔަރުކޮށްގެން ބަހައްޓަން ޖެހޭ ސަބަބެއް ނުފެންނަކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން މި ޕެޓިޝަނުގައި ސޮއިކުރި ކައުންސިލަރުން ވަނީ މި މައްސަލައިގައި ހައްޔަޔަރުކޮށްފައިވާ އަންހެން މީހާ ދޫކޮށްލުމަށް ގޮވާލާފައެވެ.
އައްޑޫ ސިޓީ ހިތަދޫގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 59 އަހަރުގެ އަންހެނަކު ހައްޔަރުކޮށް. ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ މިދިޔަ މާރިޗް މަހުގެ 25 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާ ފްރޭމްކޮށްފައިވާކަމަށް ބުނެ ހިތަދޫގައި މުޒަހާރާ ކުރަމުން އަންނައިރު. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީ ، ކުއްޖާއާއި އާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އަދި އެ މީހާ މިހާރު ރަށުން ފުރާފައިވާއިރު، މިއީ އެކަމަށް ބާރުދޭ އިތުރު ހެއްކެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެމީހާ ހައްޔަރުކުރުމަށް ގޮވާލަމުންނެވެ.