English Edition
Dhivehi Edition
ޝަޒާ ކަވަރ އާޓް ބައި މިގު/ބައިސްކޯފް

ލިޔުނީ: ޢާތިކާ ޢަބްދުއްލަޠީފް ވައިޖެހޭގެ/ހއ.ހޯރަފުށި

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށަށް ވަނީ އެކި އުމުރުފުރައިގެ މީހުން ޖަމާވެފައެވެ. އެމީހުންގެ ހުނުމާއި ސަކަރާތުގެ އަޑުން މުޅިތަންވަނީ ގުގުމާފައެވެ. މި ހަލަބޮލި އަޑުތަކުން ދަނީ ތަފާތު ރާގުތައް އުފެދެމުންނެވެ. މި އަޑުތަކުގެ އިތުރުން ފެނިގެންދަނީ އާއިލީ ގުޅުންތަކެވެ. އެކި އާއިލާތައް އެކި ކަންކަމުގައި ޝާމިލްވެ އަވަދިނެތި އުޅެމުންދާ މަންޒަރުތަކެވެ.

މި ހުރިހާކަމެއް ހިނގަމުން ދާއިރު ޒުވާން ނޫކަށި ފުރައިގެ ފިރިހެން ކުއްޖަކު މުސްކުޅި ފިރިހެނެއްގެ ބުރަކަށީގައި ހިފަހައްޓައިގެން އިނދެ ފައިގައި ވެލި މޮޑެދެމުން ގެންދެއެވެ. އިވެމުންދާ މި އަޑުތައް އޭނައަށް ނީވޭކަހަލައެވެ. އެނާގެ ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ އެ މުސްކުޅި ފިރިހެން މީހާއަށެވެ. ބަލާ ބެލުމަށް ހީވަނީ އެއީ އޭނާގެ ބައްޕަހެންނެވެ. ވެލި މޮޑެދެމުން ދިޔައިރު ފިރިހެންކުއްޖާގެ މޫނުމަތިން ފެންނަމުންދަނީ ހިތާމައާއި މޮޅިވެރިކަމެވެ. ލޮލުން ކަރުނަ ފޭދެމުންގޮސް އޭނާގެ ކޯތާފަތްމައްޗަށް އޮހޮރެމުން ދެއެވެ. އެހެން ނަމަވެސް އެ މަންޒަރު އެ މުސްކުޅި ފިރިހެން މީހާއަށް ދައްކަން ބޭނުން ނުވާކަން ޒުވާނާގެ އަމަލުތަކުން އެނގެއެވެ. މިހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެއީ މި ހާލަތައް އެ މުސްކުޅި ފިރިހެންމީހާ އައީ އޭނާގެ ސަބަބުންކަމަށް ޙުދު އޭނާ ގަބޫލްކުރާތީއެވެ. މިހާރުވެސް އެ ހަދާންތައް އޭނާއަށް އުނދަގޫކުރަމުން ދާކަހަލައެވެ.

އޭނާގެ ލޮލުން ފައިބާ ކަރުނަތަކާއިއެކު މާޒީގެ ސަފްޙާތައް އުކެމުންދެއެވެ. އެއީ މީގެ 5 އަހަރު ކުރިއެވެ. ޒުވާނާ އާދެ (ޝިޒާން) އަކީ އަހަންމައިދީއާއި ހައްވައްތަގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. މިހެންކަމުން އެ ދެމަފިރިން އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. ރެއާއި ދުވާލު މަސައްކަތްކޮށް ޝިޒާންއަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދޭން ޖާނާ މާލުން ޤުރުބާންވަމުން ގެންދެއެވެ. އެ މީހުން ޝިޒާންއާއި މެދު ފޮނި އުއްމީދުތަކެއް ކުރެއެވެ.

ރަށު މަދަރުސާއިން ސާނަވީއާއި ހަމައަށް ކިޔެވުމަށް ފަހު މަތީ ސާނަވީއަށް ކިޔެވުމަށް އޭނާ މާލެ ފޮނުވަން ނިންމިއެވެ. ޝިޒާންގެވެސް އެދުމުގެ މަތިންނެވެ. ސާނަވީ އިމްތިހާނުގެ ނަތީޖާ ވެސް ވަރަށް ރަނގަޅެވެ. އޭނާގެ މައިންބަފައިންނަކީ މާ ފުދުންތެރިބަޔަކަށް ނުވާތީ މާލޭގައި ބަހައްޓަން ނިންމީ އެނާގެ ބައްޕަގެ ރައްޓެއްސެއްގެ ގޭގައެވެ. ވީ އެންމެ އަވަހަކަށް ޝިޒާން މާލެ ފޮނުވުމުގެ ކަންތައް ހަމަޖައްސާ ޖެހިގެން އައި ދުވަހު ފުރުމަށް ތައްޔާރުވިއެވެ.

ޝިޒާންގެ ގައިގައި އޮޅުލައިގަނެގެން ހުރެ ހައްވައްތަ އަޑުން އަޑުނަގާ ރޮނީއެވެ. ވާނީވެސް އެހެންތާއެވެ. ހުރި ހަމައެކަނި ދަރިފުޅާއި ވަކިވާން ޖެހޭތީ ކުރާ ހިތާމަ މަޔަކަށް ނޫނީ އިޙްސާސެއް ނުކުރެވޭނެއެވެ. މައިލަނގޮޑިއަށް ކުރާ އިޙްސާސްތަކަކީ ދެވަނަ ފަރާތަކަށް ބަޔާންކުރުމަށް ފަސޭހަ އިޙްސާސްތަކަކަށް ނުވާނެއެވެ. ޝިޒާން މަތީ ސާނަވީއަށް ކިޔަވަން މާލެ ފުރަނީއެވެ. އަހަންމައިދީއާއި ބަނދަރު މައްޗަށް އެއްވެފައި ތިބި މީހުން ވެގެން ހައްވައްތަ މަސަލަސް ކުރެވޭތޯ ބަލަނީއެވެ. ނަމަވެސް އޭނާ ހަމައަކަށް ނޭޅެއެވެ. ޝިޒާން ބޯޓަށް އަރާ ވަގުތު އައިސް ޖެހުނީއެވެ. އެންމެ ފަހުގެ ވަދާޢީ ސަލާމް މަންމައާއި ބައްޕައަށް ކުރުމަށް ފަހު އޭނާ ބޯޓަށް އަރައިފިއެވެ.

ބޯޓުގެ ވާ މޮހާލުމަށް ފަހު އިންޖީނު ހިންގާލިއެވެ. އެއަށް ފަހު ރަށުގެ ނެރުން ނިކުމެ، ބޯޓު ގޮސް ލޮލުކޮޅަށް އޮބާލައިފިއެވެ. ހައްވައްތަ އަށް އަދިވެސް ހުރެވުނީ ދަރިފުޅުގެ އެންމެ ފަހުގެ ވަދާޢުއަށް އަތްނެގި ގޮތަށް އަތްތިރި ކުރަންވެސް ނޭގިފައެވެ.

ޝިޒާން ދަތުރު ކުރި ބޯޓު މާލެއަށް ބަނދަރު ކޮށްފިއެވެ. ބޯޓުން ފައިބެ މާލޭގެ ފަސްގަނޑުގައި ފައި ޖެހުނު ވަގުތަކީ އޭނާއަށް ތަފާތު އިޙްސާސެއް ކުރެވުނު ވަގުތުކޮޅެކެވެ. ދުވަހަކުވެސް ފެނިފާނުވާފަދަ އުސް އިމާރާތްތައް ފެނިފައި އޭނާ ހުރީ ހައިރާންވެފައެވެ. ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. އޭނާ ސިހިގެން ދިޔައީ ކާރެއްގެ ބަރުގޮނުގެ އަޑަށެވެ. އެނބުރި ފަސްބަލައިލިއިރު ދާދި ގާތުގައި ބަރުގޮނު އަޅަ އަޅާ ކާރެއް އޮތެވެ. ޑުރައިވަރު ކާރުން ބޭރަށް ބޯ ދިއްކޮށްލުމަށްފަހު ޝިޒާން ގާތު ދާންވީ ކޮންތަނަކަށްތޯ އެހިއެވެ. އެވަގުތު އޭނާ ކާރަށް އަރައި ބައްޕަ ދިން އެޑްރެސް، ޑުރައިވަރު ގާތު ބުނެލުމާއެކު ކާރު ދުއްވާލިއެވެ. އިސާހިތަކު ކާރު ގޮސް މަޑުކޮށްލީ ހ. ވައިޖެހޭގެ ކައިރީގައެވެ. އޭނާ ކާރަށް ލާރި ދައްކައި އެގޭގެ ދޮރާށި ހުޅުވާލިއެވެ. ސަލާމް ގޮވާލުމަށްފަހު އެތެރެއަށް ވަނެވެ. ސަލާމް ބަލައިގަތީ މެދުއުމުރުގެ އަންހެނެކެވެ. [މިއީ ޖަމީލްބެގެ ގެ ތޯ؟ އަޅުގަނޑު މީ އަހައްމައިދީގެ ކުއްޖެއް.] ޝިޒާން ލަތުވެތި ގޮތަކަށް ބުނެލިއެވެ. [އަހައްމައިދީގެ ޝިޒާންތަ ތީ! ހާދަ ބޮޑުވެއްޖޭ! ދައްތައަކަށް ނުވެސް އެނގުނު. އަވަހަށް އާދޭ!] އެ އަންހެންމީހާ އެނާ ގޮވައިގެން ގެންގޮސް ގޭތެރެގައިހުރި ސޯފާއެއްގައި އިށީންނަށް ބުންޏެވެ. [އާނ! އަހައްމައިދީ ބުނި ގުޅައިފަ މިއަދު ޝިޒާން މާލެ އަންނާނެ ވާހަކަ. ދައްތައަށް ކިޔަނީ ސަކީނާ. ޝިޒާންގެ ބައްޕަ އާއި ޖަމީލްބެ އަކީ ވަރަށް ގާތް ދެ ރަޙުމަތްތެރިން! އަހަރެމެން ވަރަށް ކުރިން ތި ރަށަށް ދިޔައިން. އޭރު ޝިޒާން ވަރަށް ކުޑަވާނެ! އަހައްމައިދީގެ ދެމަފިރިންނަކީ ވަރަށް ހެޔޮ ބައެއް. އަހަރެމެންނަށް ލިބުނު ޖަވާހިރެއްކަހަލަ ރަނގަޅު ރައްޓެހިންތަކެއް އެއީ. ] މިހެން ސަކީނާ ބުނިވަގުތު ޖަމީލްބެ ބޭރުން އައިސް ދޮރު ހުޅުވާލިއެވެ. [ޖަމީލޫ! އެނގޭތަ މީ ކޮން ކުއްޖެއްކަން. މީ އަހައްމައިދީގެ ޝިޒާން.] ސަކީނާ ވަރަށް ހިނިތުންވެ ހުރެ ބުންޏެވެ. ޖަމީލްބެ އައިސް ޝިޒާންއަށް ސަލާމް ކުރުމަށްފަހު އެގޭގައި އޭނާ ކިޔެވުމަށް ދަތި އެއްކަމެއްވެސް ނޯންނާނެ ކަމަށް ބުންޔެވެ.

ހަފްތާއެއްގެ ތެރޭގައި މަތީ ސާނަވީއަށް ކިޔެވެމުގެ ކަންތައްތައް ހަމަޖެހި، ކިޔެވުން ފެށިއްޖެއެވެ. އެނާއަށް ޖާގަ ލިބުނީ މަތީ ސާނަވީއަށް މާލޭގައި ކިޔަވައިދޭ ނަން މަޝްހޫރު ސްކޫލަކުންނެވެ. ޖަމީލްބެގެ ދެމަފިރިން ޝިޒާންއަށް ވަރަށް ރަނގަޅެވެ. އެދެމަފިރިންނަށް ދަރިއަކުވެސް ލިބިފައި ނުވުމާއެކު، ޝިޒާން އެ މީހުން ދެކެނީ އަމިއްލަ ދަރިއެއްފަދައިންނެވެ. ދަތި އެއްވެސް ކަމެއް ނޯވެއެވެ. އުފަލާއި އަރާމުގައި އެ ދެމެފިރިންގެ ކައިރީ ހުރެ، ޝިޒާން ކިޔެވުން ކުރިޔަށް ގެންދަމުން ދެއެވެ.

ޖަމީލްބެ ޝިޒާން އަށް ފޯނެއްވެސް ގަނެދިނެވެ. މައިންބަފައިންނަށް ގުޅުމަށެވެ. މާލެ އައިތާ ކުރީކޮޅު ޝިޒާން ރަށް މަތިން ހަދާންވެ ދެރަވިއެވެ. ނަމަވެސް މިހާރު އެނާ މާލެއަށް ދިރިއްޖެއެވެ. އެނާގެ މައިންބަފައިން ކޮންމެ ދުވަހަކު އޭނައަށް ފޯނުކުރެއެވެ. ޝިޒާންވެސް ކޮންމެ ދުވަހަކުހެން އޭނާގެ މައިންބަފައިންނަށް ވާހަކަދައްކައެވެ. އެންމެ ދުވަހަކު މައިންބަފައިންނަށް ނުގުޅުނަސް ޝިޒާން އެކަމާ ވަރަށް ކަންބޮޑުވެއެވެ. ގުޅާ ކޮންމެ ފަހަރަކު މަންމަ ޝިޒާންއަށް ނަސޭހަތްތެރިވެއެވެ. މަންމަމެންގެ ހުވަފެންތައް ވެއްޔާ މޮޑެނުލާނެކަމަށް އުއްމީދު ކުރާ ވާހަކަ ތަކުރާރުކޮށް ބުނަމުންދެއެވެ. ވިޔާ ނުދާ ރަހުމަތްތެރިން އިޚްތިޔާރު ނުކުރުމަށް ބުނަމުން ގެންދެއެވެ.

ޝިޒާން އަކީ ދީންވެރި ކުއްޖެއްކަމުން އެނާ ފަސްވަގުތު ނާޅައި ނަމާދު ކުރެއެވެ. ގިނަ ވަގުތު އެނާ ހޭދަކުރަނީ މިސްކިތުގައި ފިލާވަޅު ދަސްކުރުމުގައެއެވެ. އޭނާ މިސްކިތުގައި ފިލާވަޅު ދަސްކުރަނީ ފިލާވަޅު ދަސްކުރަން ފަސޭހަވެފައި ދަސްކުރާ އެއްޗެހި ހަނދާނުގައި ގިނަ ވަގުތު ހަރުލާފައި ހުންނާތީއެވެ.

ދުވަސްތައް މަސްތަކަށް، ބަދަލުވަމުން ދަނީ އެސްފިޔަ ޖަހައިލާހާ ހަލުވި މިނެއްގައެވެ. ޝިޒާންގެ އުޅުމަށް މަޑުމަޑުން ބަދަލުތަކެއް އަންނަން ފަށައިފިއެވެ. މިސްކިތުން އެނާއަށް ދިމާވަންފެށީ އާ ރަހުމަތްތެރިންނެވެ. އެމީހުންނަކީ ދީނަށް ވަރަށްބޮޑަށް ލޯބިކުރާ ބައެއްގެ ގޮތުގައި ޝިޒާންއަށް ހީވާން ފެށިއެވެ. އެމީހުންގެ ވާހަކަތައް އެއީ ޙަޤީޤީ ވާހަކަތަކެއްގެ ގޮތުގައި ބަލަން ފެށުނެވެ. އެމީހުންގެ ވިސްނުމާއި ފިކުރު ވަރަށް ތަފާތެވެ. އިސާހިތަކު އެނާ އެމީހުންގެ ބަހަށް ހެއްލިއްޖެއެވެ. ވާނީވެސް އެހެންތާއެވެ. އެމީހުން ވަރަށް ރަނގަޅެވެ. ބަރާބަރަށް ނަމާދު ކުރެއެވެ. އެހީތެރިކަން ފޯރުކޮށްދެއެވެ. މިދެވެނީ ހަރުކަށި ފިކުރާ ދިމާއަށްކަން ޝިޒާންގެ ޅަ ސިކުނޑިއަށް އިޙްސާސެއް ނުކުރެވެއެވެ.

އެހިސާބުން މައިންބަފައިންނާއި އޮންނަ ގުޅުން ހީނަރުވާން ފަށައިފިއެވެ. ކޮންމެ ދުވަހަކު ކުރަމުން އައި ފޯނުކޯލުތައް ހަފްތާ ފަހަނަ އަޅައިގޮސް މަހަކު އެއްފަހަރަށް ބަދަލުވާން ފަށައިފިއެވެ. މިހެން ދަމުންގޮސް މިހާރު ފޯނު ކޯލުތަކަށް ޖަވާބުވެސް ނުދެވެއެވެ. އެކަމާ ހައްވައްތަ ވަރަށް ކަންބޮޑުވެއެވެ. ދަރިފުޅުގެ މި ބަދަލާމެދު ވިސްނަމުންގޮސް ހައްވައްތަ ބަލިވާން ފެށިއެވެ. ހައްވައްތަ ބެލުމަށް ރަށުގައި ހުންނަން ޖެހުމުން އަހައްމައިދީއަށް މަހަށް ނުދެވި ރަށުގައި ބަންދުވާން ޖެހުނެވެ. އަހައްމައިދީ ޝިޒާންއަށް ގުޅޭތޯ ވަރަށް މަސައްކަތްކުރިއެވެ. އޭނާގެ ފޯނު އޮންނަނީ ނިވާލާފައެވެ. މިކަމާ ކަންބޮޑުވެ، ޖަމީލްބެއަށް ގުޅުމުން އެނގުނީ ޝިޒާން އެނގެއިން ނިކުމެގެން ދިޔަތާ ކިތައްމެ ދުވަހެއް ކަމެވެ. ފޯނު ނަންބަރުވެސް ބަދަލު ކޮށްގެން އުޅޭ ކަމެވެ. މިސްކިތުން ދިމާވި ހަރުކަށި ފިކުރުގެ ރައްޓެހިންތަކެއްގެ އަވާގައި ޖެހި އޭނާ ގެއްލި ހަލާކުވި ވާހަކައެވެ.

އަހައްމައިދީމެން ދެރަވާނެ ވަރު ވިސްނާލާފައި އެ ވާހަކަ ބުނަން ޖަމީލްބެއަށްވެސް ނުކެރުނީއެވެ. އެހާ ހިތްވަރެއް އޭނަގެ ގައިގައި ނެތީއެވެ. މި ވާހަކަތައް އަޑު އަހާފައި އަހަންމައިދީ ހުރީ ގަނޑުވެފައެވެ. ރޯންވެސް ނޭގިފައެވެ. ވާހަކަ ދައްކަންވެސް ނޭގިފައެވެ. ގުޅާފައި ހުރި ފޯނު ކަނޑާލެވުނު ކަންވެސް އަހައްމައިދީ އަކަށް ނޭނގުނެވެ.

މިއަދު އަހައްމައިދީއަށް ޝިޒާންގެ ފަސްފަހަތް ބަލަން މާލެ ދެވޭކަށް ނެތެވެ. އެއަށްވުރެ އެނާގެ އަންހެނުންގެ ބަލިހާލަތު މާ ބޮޑެވެ. ދުވަހެއް ދުވަހަކަށް ހައްވައްތަގެ ހާލުދަނީ ދެރަވަމުންނެވެ. ރަށު ސިއްޙީ މަރުކަޒުގައި އެނާ އެނދުމަތި ކޮށްފިއެވެ. ޖަމީލްބެއާ ގުޅިގެން ޝިޒާން އުޅޭތަނެއް ހޯދުމަށް އަހައްމައިދީ ކުރަމުން ދިޔަ މަސައްކަތްވީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އެންމެފަހުން މަސައްކަތް ހުއްޓާލީ މާޔޫސްވެގެންނެވެ. އަލި މަގެއް ނުފެނިގެންނެވެ. ޝިޒާންގެ ޚަބަރެއް ނުވާތާ މިހާރު ބަރާބަރު 6 މަސްދުވަސް ވީއެވެ.

ގަޑިން ރޭނގަޑު އަށެއް ޖެހީއެވެ. ޓީވީން އަށެއްގެ ޚަބަރު ކިޔަމުން ގެންދެއެވެ. އަހައްމައިދީ އިނީ އޭނާ ގޭގެ ސިޓިންރޫމްގައި އަށެއްގެ ޚަބަރު ބަލާށެވެ. ކުއްލިއަކަށް އޭނާގެ ލޯހުއްޓުނީ ޓިވީން ދައްކާލި 3 މޫނުގެ ތެރެއިން އެއްމޫނަށެވެ. އާދެ އެއީ ދެވަނަ ދެމީހެއް ނޫނެވެ. ޓީވީން އެ ދައްކަނީ އޭނާގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޝިޒާންއެވެ. ސީރިޔާ ހަނގުރާމައަށް މާލެއިން މީހުން ފޮނުވާ އިސް ބަޔަކު އަތުލައިގަނެގެން އުޅޭ ޚަބެރެވެ. އެގޮތުން އެމީހުން އެންމެ ފަހުން ހަނގުރާމަ އަށް ފޮނުވި 3 ދިވެއްސެއްގެ ވަނަވަރު އާއްމު ކުރަނީއެވެ. އެމީހުން ސީރިޔާގައި ހާލުގައި ޖެހި ރާއްޖެ ނާދެވިފައި ތާށިވެފައި ތިބި ޚަބަރެވެ. އަދި ދިވެހި ސަރުކާރުން އެމީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ޚަބަރެވެ.

އަހައްމައިދީ އަވަސް އަވަހަށް ޖަމީލްބެ އަށް ފޯނު ކުރިއެވެ. އޭރު ޖަމީލްބެވެސް ދިޔައީ އަށެއްގެ ޚަބަރު ބަލަމުންނެވެ. ޖަމީލްބޭގެ އަޑު ޖެހުނުތަނާ އަހައްމައިދީ އަށް އަޑުން އަޑުނަގާ ރޯންފެށުނެވެ. އެނާ ހިތްދަތިވެފައި ހުރި ވަރުން ވާހަކަވެސް ދެއްކެނީ ހަމަ ކިރިޔާއެވެ. ޖަމީލްބެ އަހައްމައިދީއަށް ވަރަށް ނަސޭހަތްދިނެވެ. ހުރިހާ ކަމެއްވެސް ﷲ ގެ އިރާދަފުޅުން ރަނގަޅުވާނެ ކަމަށް ބުންޏެވެ. ސަރުކާރުން ސީރީޔާގައި ތިބި ދިވެހިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ބުނެ ހިތްވަރުދެމުން ގެންދިޔައެވެ.

ކޮންމެ ދުވަހަކުވެސް އިރުއަރަނީ ޝިޒާންއާ ބައްދަލުވާނެ ކަމުގެ އުއްމީދުގައި އަހައްމައިދީ ހުއްޓައެވެ. ކުއްލިއަކަށް އަހައްމައިދީއަށް ފޯނެއް އައެވެ. ގުޅަނީ ރަށު ސިއްޙީ މަރުކަޒުންނެވެ. ތެޅިތެޅި އޮތް ހިތަކައިގެން އޭނާ ފޯނު ނެގިއެވެ. ހައްވައްތަގެ ހާލު ސީރިއަސް ވެގެން އުޅޭ ކަމުގެ ޚަބަރު ދިނެވެ. އަވަހަށް މަރުކަޒާ ދިމާލަށް ދުއްވައިގަތެވެ. އޭރު ހައްވައްތަގެ ހާލުދަނީ ފަހަރަކަށް ވުރެ ފަހަރެއް ދަށްވަމުންނެވެ. [ނޭންގެ ވީގޮތެއް. ހަމަ ކުއްލިއަކަށް ދެރަކޮށްލީ.] އެތާހުރި އަހައްމައިދީގެ ދައްތަ ހަލީމަތު ބުންޏެވެ. ޑޮކޮޓަރު ހައްވައްތައަށް އަވަސް ފަރުވާ ދެމުން ގެންދެއެވެ. އިތުރު ފަރުވާއަށް ހައްވައްތަ މާލެ ގެންދަން ޑޮކޮޓަރު ލަފާދެއްވުމުން ސީ އެންބިޔުލަންސްގައި އިމަޖެންސީކޮށް މާލެ ގެންދެވުނުވެ.

އޭޑީކޭ ހޮސްޕިޓަލުގައި ހައްވައްތައަށް އަވަސް ފަރުވާ ދެމުން ގެންދެއެވެ. ޖަމީލްބެވެސް އެމީހުންގެ ހާލު ވަރަށް ކައިރިން ބަލަމުން ގެންދެއެވެ. އާސަންދައިގެ އެހީގައި ބޭސްފަރުވާގެ ހުރިހާ ކަމެއް ހަމަޖެހުނެވެ.

ޖަމީލްބެ އަހައްމައިދީއަށް ގުޅާފައި ދިން ޚަބަރުން އޭނައަށް އުފަލުން ރޮވިއްޖެއެވެ. ޝިޒާންމެން މާލެ ގެނައި ޚަބަރެވެ. އަވަސްވެ ގަތީ ދަރިފުޅާ ބައްދަލުކުރަން ދިއުމަށެވެ. ހައްވައްތަ ކައިރީ ތިމާގެ މީހަކު ބަހައްޓާފައި ޖަމީލްބެ އާއެކު ދިޔައީ ދަރިފުޅާ ބައްދަލު ކުރާށެވެ. އިރުކޮޅަކުން ޖަމީލްބެއަށް އައީ ފޯނެކެވެ. ވާހަކަދެއްކީ ޕޮލިސް އޮފިސަރެކެވެ. ވީ އެންމެ އަވަހަކަށް ޕޮލިސް ސްޓޭޝަންއަށް ދުރުވުމަށް އެދުނެވެ. ދިޔައިރު އިސްޖަހައިލައިގެން އެތާ އެ އިނީ ޝިޒާންއެވެ. މީހާގެ ސިފަ ވަކިކުރަންވެސް ނޭގެއެވެ. ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ވަނީ މީހާގެ ސިފަ ނޭގޭވަރަށް ދިގުވެފައެވެ. ޖަމީލްބެ އައިސް ހުއްޓުމާއެކު ޝިޒާން އިސް އުފުލާލިއެވެ. އެވަގުތު އޭނައަށް ބައްޕަވެސް އެތާ ހުރިތަން ފެނުމުން ގިސްލެވިއްޖެއެވެ. އޭނާގެ އަޑު ބެދުނެވެ. ވާހަކަ ދައްކަން މަސައްކަތް ކުރިޔަސް އޭނާގެ އަޑު އެކަމަށް ހުރަސް އެޅިއެވެ.

އަހައްމައިދީ ގޮސް ޝިޒާންގެ ގައިގައި ބައްދައިގަތެވެ. މަންމަ ކޮބައިތޯ އޭނާ ސުވާލުކުރިއެވެ. މަންމަގެ ޙާލަތު ކިޔައިދިނުމުން ޝިޒާން ބޭނުންވީ މަންމަ އާއި ބައްދަލުކުރަން ވީހާވެސް އަވަހަކަށް ދާށެވެ.

ޕޮލިސް އޮފިސަރު ވާހަކަދައްކަން ފެށިއެވެ. [ޖަމީލަށް އަށް ގުޅީ އަޅުގަނޑު. އެއީ ޝިޒާން ދިން ފޯނު ނަމްބަރެއް. ގުޅާލީ ޝިޒާން، ބެލެނިވެރިޔާއާ ހަވާލުކުރުމަށް، ސޮއިކުރަންޖެހޭ ލިޔެކިޔުންތަކެއްގައި ސޮއިކުރުމަށް.] ހުރިހާ ލިޔެކިޔުންތަކެއްގައި ސޮއިކޮށް ނިމިގެން ޝިޒާން ގޮވައިގެން ޖަމީލްބެ ދިޔައީ އެނާގެ ގެއަށެވެ. މަންމަ ކައިރިއަށް ދާނީ ފެންވަރައި ހަމަޖެހިލައިގެން ކަމަށް ބުނެއެވެ.

ޖަމީލްބޭގެ ކާރުގައި އެމީހުން ގެއަށްދާން ދުއްވާލިއެވެ. މިހާހިސާބުން ޝިޒާންއަށް ދިމާވި ކަންތައްތަކުގެ ވާހަކަ ބައްޕައާއި ޖަމީލުބެއަށް ކިޔައިދޭން ފެށިއެވެ. [މިސްކިތުން އަހަރެންނާ ހަރުކަށި ފިކުރުގެ ބަޔެއް ދިމާވި. އެމީހުންގެ ބަހަށް އަހަރެންނަށް ހެއްލެވުނު. އަހަރެންގެ ފިކުރު ބަދަލުކޮށް ހަނގުރާމައަށް ފޮނުވީ ހުރިހާ ޒިންމާއެއް އެމީހުން ނަގާނެކަމަށް ބުނެ. މައިންބަފައިން ބަލާނެ ވާހަކަ ބުނި. ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ އެމީހުން ބިކަވިޔަ ނުދޭނެކަމަށްވެސް ބުނި. ނަމަވެސް ކަންތައްވީ ދިމާ އިދިކޮޅަށް. ސީރިޔާއަށް ދިޔަފަހުން އެމީހުންގެ ޚަބަރެއްވެސްނުވެ. ސީރިއާގައި ތިބި އެމީހުންގެ މީހުން އަހަރެންގެ ޕާސްޕޯޓްވެސް އަތުލި. އަދި އަނބުރާ ރާއްޖެ ދާން މަސައްކަތްކޮށްފިނަމަ މަރާލާނެ ކަމުގެ އިންޒާރުވެސް ދިން.

އަހަރެންނަކީ ކިވައިގެން ހުރި މީހެއްކަމުން ހަނގުރާމައަށް ދިޔަ ދިވެހި 2 މީހެއްގެ އެހީތެރިކަމާއި އެކު އެމީހުންގެ ކިބައިން ސަލާމަތްވެ ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައި އަހަރެންގެ ވާހަކަ ހިއްސާ ކުރިން. މި ދުވަސްތަކުގައި އަހަރެން މަންމައާއި ބައްޕަ މަތިން ވަރަށް ހަނދާންވި.] މިހެން ބުނި ހިސާބުން އޭނާގެ އަރު ބެދުނެވެ. އިތުރަށް އެންމެ ލަފްޒެއްވެސް ބޭރު ނުވިއެވެ. އޭނާއަށް ރޯންފެށުނެވެ. އިރުކޮޅަކުން އަހައްމައިދީއަށް ފޯނެއް އަޔެވެ. [ބޭބޭ ދައްތަ ނިޔާވެއްޖެ!] އެކޮޅުން ވާހަކަ ދެއްކީ އެނާގެ ތިމާގެ އަންހެނެކެވެ. އަހައްމައިދީއަށް ބުނެވުނީ އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫންއެވެ. ދެން ވީގޮތެއް ނޭގެއެވެ. ހޭވެރިކަން ވީއިރު އޮތީ އޭޑީކޭ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައެވެ. އަވަސްވެ ގަތީ އަންހެނުން ކައިރިއަށްދާށެވެ. ޑޮކްޓަރުން މަރު ފޯމްގައި އަހައްމައިދީ ލައްވާ ސޮއިކުރުމަށްފަހު ހައްވައްތަގެ ފުރާނަނެތް މަސްގަނޑު އެމީހުންނާ ހަވާލުކުރިއެވެ.

ހިނަވައި މޫނު ދެއްކުން އޮތީ މ. އާސަހަރާގައެވެ. ޝިޒާން ހުރީ މަންމަގެ މޫނުބަލަން ވަދެވެއެވެ. އޭނާ މަންމަގެ ގައިގައި ބައްދާލުމަށްފަހު ރޯންފެށިއެވެ. އަދި ގިސްލަމުން ކަހަލަ ގޮތަކަށް އޭނާއަށް މަޢާފުކުރުމަށް މަންމަ ގާތު ބުނަމުން ގެންދިޔައެވެ. އަހައްމައިދީވެސް ހިތްވަރުކޮށް އަނބިމީހާގެ ކަށުކަމާކެމީގެ ކަންތައް ނިންމާލުމަށް ފަހު ގެއަށް ދާން ކާރަށް އަރަން ހިނގައިގަތެވެ. އޭރު ޖަމީލުބެ އަދި ޝިޒާންވެސް އެތާ ހުއްޓެވެ. އަހައްމައިދީ ކާރުގެ ދޮރުފަތް ހުޅުވާލިތަނާ އޭނާގެ މެޔަށް ތަދެއް އެރިއެވެ. އަވަހަށް ކާރަށް އެނާ އަރުވައިގެން އޭޑިކޭ ހޮސްޕިޓަލަށް ގެންދެވުނެވެ. އޭޑީކޭ ހޮސްޕިޓަލްގެ އަވަސްފަރުވާގައި ފަރުވާ ދޭން ފަށައިފިއެވެ. ބަރާބަރު 2 ގަޑިއިރު ފަހުން ޑޮކްޓަރ އައިސް ބުނުއްވީ އަހައްމައިދީއަށް ސްޓްރޯކެއް ޖެހުނީކަމަށެވެ. އަދި އޭނަގެ ކަނާތް ފަޅީގައި އެއްވެސް ޙަރަކާތެއް ނެތްކަމަށެވެ. ކުރިމަގުގައިވެސް ފުރިހަމައަށް ޙަރަކާތްތެރިވެ އުޅުމަކީ ނާދިރުކަމެއްކަމުގައެވެ.

ދެ ހަފްތާ ފަހުން އަހައްމައިދީ ހޮސްޕިޓަލުން ދޫކޮށްލިއެވެ. ޝިޒާން އޭނާގެ ބައްޕަ ގޮވައިގެން ރަށަށް ދިޔައެވެ. ބައްޕަ ބަލަން ރަށުގައި މަޑުކުރިއެވެ. އޭނަގެ ބައްޕަ ފަރާތު ބޮޑު ބޭބެ އަކީ ފުދުންތެރި މީހަކަށް ވުމުން އެމީހުންގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ބޮޑުބޭބެއެވެ. ޝިޒާންގެ ޒުވާން އުމުރު ޤުރުބާން ކުރީ އޭނަގެ ބައްޕައަށް ހޭހަން ކުރުމުގައެވެ. އޭނާއަށް ހެދުނު ގޯހެއްގެ ސަބަބުން މަންމައާއި ބައްޕަގެ އުއްމީދުތައް ފުނޑު ފުނޑުވެގެންދިޔައީއެވެ. މަންމަ މި ފަނާވި ދުނިޔެއާއި އަލްވަދާޢު ކީ ލިބުނު ހިތްދަތިކަމުގައެވެ. ބައްޕައަށް އެ ހާލު ޖެހުނީ މަންމަގެ ކުއްލި ވަކިވުމާ ގުޅިގެން ލިބުނު ހިތާމަތަކަށް ކެތްނުކުރެވިގެންނެވެ.

މާޒީގެ އެ ހިތި ހަދާން ތަކުން އޭނާއަށް ނިކުމެވުނީ އަންހެނަކު އައިސް އޭނާއަށް ގޮވާލުމުނުންނެވެ. [ޝިޒާން! ހިނގާ ގެއަށް ދަމާ! މިހާރު މާ ލަސްވެއްޖެއެއްނު. ބައްޕައަށް މާ ބޮޑަށް ފިނި ވެދާނެ.] ދެލޯ ފުހެލުމަށްފަހު ޝިޒާން އެ އަންހެންމީހާގެ މޫނަށް ބަލާލާފައި ހިނިތުންވެލުމަށް މަސައްކަތްކުރިއެވެ. އެއީ އޭނާގެ އަނބިމީހާ ޖީޒާއެވެ. ޖީޒާގެ އެހީތެރިކަމާއެކު ބައްޕަ ނަގައި ވެލި ފިލުވައި ފުރޮޅުލީ ގޮނޑިއަށްލިއެވެ. އަދި ގެއާ ދިމާލަށް ދާން މިސްރާބު ޖެހިއެވެ. އަދިވެސް ޝިޒާންގެ ހިތުގައި ވަނީ އެ ހަނދާންތަކެވެ. މަންމަ އާއި ބައްޕައަށް ދެވުނު ހިތްދަތިކަމެވެ. ޝިޒާންގެ އަޒުމަކީ އޭނާގެ މާޒީން ޢިބުރަތް ޙާޞިލްކޮށް، ކުރެވުނު ކުށަށް ތަޢުބާވެ، ދިރިއުޅުމައިގެން ކުރިއަށް ދިޔުމެވެ. މިއަދުވެސް ޝިޒާން ދެމިހުރީ އެގޮތުގައެވެ. ނަމަވެސް އެއްވެސް ހިތްހަމަޖެހުމެއް އޭނާގެ ހިތަކަށް ނުލިބެއެވެ. މިއަދު ޝިޒާން ތަޙައްމަލު ކުރަމުން އެދަނީ އޭނާއަށް ކުރެވުނު ކުށުގެ ހައްގު ޝަޒާއެވެ.

https://www.baiskoafu.com/view/audio/NDEy

ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.