ތ. ގުރައިދޫ އައިސް ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަ ރަނގަޅުކޮށް. އޮޕަރޭޓް ކުރުމަށް ފެނަކަ އާ ޙަވާލުކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިމަރަފުށި ދާއިރާގެ މަޖިލިސް މެމްބަރ ޢަބްދުﷲ ރިޔާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ރިޔާޒު ކުރެއްވި ސުވާލަކީ ތ. އަތޮޅު ގުރައިދޫގައި ހުންނަ އައިސްޕްލާންޓު އޮޕަރޭޝަނަލް ނޫންތާ ހަ އަހަރު ވެއްޖެ ކަމަށާއި އެ އަތޮޅު ހިރިލަންދޫގައި ހުރި އައިސްޕްލާންޓު އޮޕަރޭޝަނަލް ނޫންތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާތީ މިފްކޯ މެދުވެރިކޮށް ތ. އަތޮޅުގެ މަސްވެރިންނަށް އައިސްލިބޭނޭ ކަމުގެ ޔަގީން ކަމަކީ ކޮބައިތޯ އެވެ.
އެ ސުވާލުގެ ޖަވާބު ގައި މިނިސްޓަރ ވިދާޅުވީ ގުރައިދޫ އައިސްޕްލާންޓު ނުހިނގާ ހުއްޓިފަ ހުރީ އެ ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލަތަކާ ހެދި ކަމަށެވެ. އެކަން ރަނގަޅުކޮށް އޮޕަރޭޓް ކުރުމަށް ފެނެކަ އާ ހަވާލުކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށެވެ. އަދި މަދު ހަފުތާއެއްގެ ތެރޭގައި އެކަން ކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ހިރިލަންދޫ އައިސްޕްލާންޓާއި ބެހޭގޮތުން މިނިސްޓަރ ވިދަލުވީ އެ އައިސްޕްލާންޓު މިހާރުވެސް ހިންގަމުންދަނީ މިފްކޯ އިން ކަމަށާއި އެ އައިސްޕްލާންޓުގެ ޚިދުމަތް މެދުކެނޑި، ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ މިހައިތަނަށް މިނިސްޓަރާއި ހަމައަށް ލިބިފައި ނުވާ ކަމަށެވެ.
އެހެންނަމަވެސް މިފްކޯ އާ މިއަދު ވާހަކަ ދައްކައިގެން އެ ޕްލާންޓުގެ ޚިދުމަތް މެދުކެނދިފައިހުރީ ކީއްވެތޯ ބަލާ، އެކަން ރަނގަޅު ކުރެވޭތޯ ބައްލަވާނެ ކަމަށް ވެސް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.