‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ފުރަތަމަ ރެސިޕީއަކީ ރޯދަވީއްލާ ގަޑީގައި އިންސާފުކޮށްލަން ވަރަށް ކަމުދާނެ އަދި ފަސޭހައިން ތައްޔާރު ކޮށްލެވޭ ބުއިމެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “އައިސް ލެމަން ޓީ” ގެ ރެސިޕީ ތިއެންމެ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
ބޭނުންވާތަކެތި: (2 ތަށްޓަށް)
2 ތަށި
300މލ ހޫނުފެން
3 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް
2 މޭޒުމަތީ ސަމުސާ ޝުގާ ސިރަޕް
2 ސައިފަތް ޕެކެޓް (ލިޕްޓަން / ބޭނުން ވައްތަރެއް)
6 ފޮތި ލުނބޯ (ތުނިކޮށް ކޮށާފައި)
1 ޖޯޑު އައިސް ކިއުބް
މިންޓްފަތް ކޮޅެއް
ތައްޔާރުކުރާނެގޮތް:
ތަށްޓެއް ނަގާފައި އޭގެ ތެރެއަށް ހޫނުފެން އަޅާފައި ސައިފަތް ޕެކެޓް އަޅައި ފެނުގައި ކުލަހިފަން ދެން މަޑުކުރާށެވެ. ރަނގަޅަށް ސައިފަތުގެ ކުލަ ފެނުގައި ހިފީމަ ލުނބޯ ޖޫސް، ޝުގާ ސިރަޕް އެޅުމަށް ފަހު އައިސްކިބު އަޅާފައި ސަމުސަލަކުން ގިރާލާށެވެ. ދެން ގާނިޝް ކުރުމަށް ތަށްޓަކަށް 3 ލުނބޯފޮތި އަޅައި މިންޓްފަތް ވެސް އަޅާފައި ސާރވް ކުރާށެވެ.