English Edition
Dhivehi Edition
ފުރުސަތު ކަވަރ އާޓް ބައި މިގު/ބައިސްކޯފް

ލިޔުނީ: އާމިނަތު ރާފިޤާ- ފެސްކޯ/އދ.އޮމަދޫ

ހަތަރުބުރީގެ އުސް އިމާރާތެކެވެ. ކޮޓަރިތެރެއިން ބެލްކަންޏަށް ނުކުތުމުން ފެންނަނީ ބިޔަ ގަސްތަކުގެ ޖަންގައްޔެކެވެ. ކޮންމެވެސް ފަރުބަދައެއްގެ މަތިން ދެމިގެންއައިސްފައިވާ ފެންކޯރެއް ގަސްތަކުގެ ކަނާއަތް ފަރާތުންފެންނަން އޮތެވެ. ދޫނިސޫފާސޫފީގެ މިއުޒިކީ އަޑު ޖައްވުގައިގުގުމާލައިފައި ހުއްޓެވެ.ހިތަށް ފިނިކަން ގެނެސްދޭ ހިތްގައިމު ގުދުރަތީ މަންޒަރެކެވެ. ހެނދުނުގެ ފިނި ވައިރޯޅިތައް އައިސް ހަށިގަނޑުގައި ބީހިލުމުން ހަށިގަނޑަށް އިތުރު އަރާމެއް ލިބިގެންދިޔައެވެ.ހަށިފުރައި ނޭވާއެއް ލުމަށްފަހު ބެލްކަނީގެ ރެއިލިންގައި ދެއަތުން ހިފަހައްޓާލީމެވެ. އެވަގުތު އަހަރެންގެ ހަށިގަނޑުގައި ފުރަގަހުން މީހަކު ބައްދައިލިއެވެ. އަހަރެންގެ ދެއަތުން އޭނާގެ ދެއަތުގައި ހިފަހައްޓައިލީމެވެ.

”މާލެ ދާހިތެއްނުވޭ ދޯ! އެއްވެސް މީހެއްގެ ފަރާތުން އުނދަގުލަކާ ކުރިމަތިނުވެ ކިހާ މިނިވަންކަމާއެކު މިތަނުގައި އެބަ އުޅެވޭ.“ އަހަރެންގެ ކޮނޑުމަތީގައި ދަތްދޮޅި ޖައްސައިލަމުން ރޭޝަމް ބުންޏެވެ.

އަހަރެން ކުޑަކޮށް ހީލީމެވެ. ” އަބަދު ކިހިނެތް މިތަނުގައި ތިބޭނީ ؟……. ދެން ކައިވެންޏަށްފަހު އަލުން ކޮންމެވެސް އެހެން ގައުމަކަށް ހަނީމޫނަށް ދާނީ ! ” ރޭޝަމް ހިތްހަމަ ޖައްސައިދޭންވެގެން އަހަރެން ބުނީމެވެ.

މިއީ އަހަންނާއި އަހަރެންގެ ޕާސަނަލް ސެކްރެޓަރީ ތައިލޭންޑް ގެ ވެރިރަށް ބެންކޮކަށް ކުރި އެއް ހަފްތާގެ “ވިޔަފާރި ދަތުރެކެވެ.” އެއް ހަފްތާ ހަމަވެ އެނބުރި މާލެ އަށް ދިޔުމުގެ ވަގުތު ޖެހުނުއިރު ވެސް ރޭޝަމް ބޭނުންވަނީ އަދިވެސް ތައިލޭންޑްގައި މަޑުކުރާށެވެ. އަހަންނަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެއް ކަމުން ބޭނުންހާ ދުވަހެއް ވަންދެން ރާއްޖޭން ބޭރުގައެއް ނޫޅެވެއެވެ. އަމިއްލަ އަތުން މަސައްކަތް ނުކުރި ނަމަވެސް އެހެން މީހުންލައްވާ މަސައްކަތް ކުރުވައި ވިޔަފާރީގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން ދެކެން އަހަރެން މާލޭގައި ހުންނަން ޖެހެއެވެ. އަދި އޭގެ އިތުރުން އަހަރެންގެ އަނބިދަރީން ވެސް ތިބީ މާލޭގައެވެ.

މީގެ ކުރިންވެސް ވިޔަފާރީގެ ކަންކަމުގައި ރާއްޖޭން ބޭރަށާއި،އަތޮޅުތެރެއަށް މަދުމަދުން ގޮސްއުޅެމެވެ. ނަމަވެސް ރޭޝަމް އަހަރެންގެ އޮފީހަށް ވަންފަހުން “ވިޔަފާރި ދަތުރުތައް” އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެއެވެ. އަހަރެމެން ދެމީހުން އެކުގައި ރަށުން ބޭރަށް ނުދާ އެންމެ މަހެއް ވެސް ފާއިތުވެގެނެއް ނުދާނެ އެވެ. ރޭޝަމްއާ ބައްދަލުވީފަހުން އަހަންނަށް އަންނަމުން ދިޔަ ބަދަލުތައް މާބޮޑަށް ޔަނާލް އަށް ފާހަގަ ނުކުރެވެއެވެ .އޭނާ ހީކުރަނީ ހަގީގަތުގައިވެސް އަހަރެން މަސައްކަތުގައި މާބުރަކޮށް އުޅެނީ ކަމަށެވެ. އާމްދަނި ލިބޭ ކަހަލަ ވަޒީފާއެއް އަދާނުކުރި ނަމަވެސް އަހަންނަށް ވުރެ ޔަނާލް ގެ ބިޒީކަން އެއްމެ ތަންކޮޅެއްވެސް ކުޑައެއް ނޫނެވެ. އަހަންނަށް އަންނަމުންދާ ބަދަލުތައް އޭނާއަށް ފާހަގަ ނުކުރެވުނު އެންމެ ބޮޑު ސަބަބަކީ އެއީއެވެ. ޔަނާލް އަހަރެން ދެކެ ލޯބިވާކަން އަހަރެން ގަބޫލްކުރަމެވެ. ނަމަވެސް މައްސަލައަކީ އޭނާގެ މަސައްކަތް ގިނަ ،ބުރަ ދިރިއުޅުމުން އަހައްނަށް އެއްވެސް ވަރަކަށް ވަގުތު ނުދެވޭ ކަމެވެ. ހަގީގަތުގައި ވަގުތު ނުދެނީއެއް ނޫނެވެ. ވަގުތު ނުވަނީއެވެ. ފަސް ދަރިންނާއި ، ބޮޑު ގެއެއްގެ ހުރިހާ ކަމެއް އަމިއްލައަށް ބަލަހައްޓާ މީހަކަށް ދުވަހުގެ ސައުވީސް ގަޑިއިރުގެ ތެރެއިން އެންމެ ސިކުންތެއްވެސް ހުސްކޮށެއް ނުލިބެނެއެވެ. ރެއާއި ދުވާލު އަހަރެން މަސައްކަތް ކުރަނީ ޔަނާލް އާއި ދަރިންގެ މުސްތަގްބަލަށްޓަކައެވެ. އެމީހުންގެ އުފަލައްޓަކައެވެ. ޔަނާލްއަށް ލުއިކުރުމުގެ ގޮތުން ގެންގުޅޭ މީހަކު ގެއައް ގެންނަން އުޅުމުންވެސް ޔަނާލް ގަބޫލެއް ނުވިއެވެ.އެހެން މީހަކާ މަސައްކަތްތައް ހަވާލުކޮއްފިނަމަ ކަންކަން ބޮއްސުންލާނެ ކަމަށް އޭނަ ދެކެއެވެ.

ރޭޝަމް ފެނުމުގެ ކުރިން އަހަންނަށް ޔަނާލް ވަރެއްނެތެއެވެ. ޔަނާލް އަކީ ޖަވާހިރެއް ކަމުގައި ދުށިމެވެ. އެހެނަސް އަހަރެންގެ ވިސްނުން ބަދަލުކޮއްލީ ރޭޝަމްގެ ޅަދޮޅުކަމެއެވެ. އޭނާގެ ރީތި ސިފައެވެ. އެހެންކަމުން އަހަންނަށް ޔަނާލްގެ އުނި ސިފަތައް ފެންނަން ފަށައިފިއެވެ. ކައިރިކައިރީގައި ފަސްކުދިން ވިހެއުމުގެ ސަބަބުން ފަލަވެ، މަސްޖަހާފައިވާ ޔަނާލްގެ ހަށިގަނޑު ހުތުރުވެއްޖެއެވެ. އިސްކޮޅުން އެހާ ކުރުކޮށް ހުންނައިރު މާބޮޑަށް ފަލަވުމުގެ ސަބަބުން މިހާރު އޭނާ ހުންނަނީ ސިފަ ގެއްލިފައެވެ. އަދި އުމުރަށްވުރެ މާބޮޑަށް މުސްކުޅިހެންވެސް ހީވެއެވެ. އަހަރެންގެ ބައެއް ލާނަތް ރައްޓެހިން ޔަނާލް އަކީ އަހަރެންގެ “މާމައޭ” ކިޔައިގެން ދިމާކުރެއެވެ. އެއްގޮތަކަށް ވެސް އަހަންނާ ޔަނާލް އާ އެކަށީގެންނުވާ ކަމައް ބުނެއެވެ. މީގެކުރިން ރައްޓެހިންގެ އެކަހަލަ ސަމާސާތައް އަހަންނަށް ވަނީ މަޖާކަމަށެވެ. އެހެނަސް މިހާރު ހުރިހާ ކަމެއް ވެސް ބަދަލުވެއްޖެއެވެ. ހަގީގަތުގައިވެސް ޔަނާލް އަހަންނާ އެކަށީގެން ނުވާކަމުގައި ހީކުރެވިއްޖެ އެވެ. އަހަންނަށް އަހަރެންގެ ރީތި ސިފަ ފެންނަން ފަށައިފިއެވެ. ޔަނާލް އަށް އެހާބޮޑު ބަދަލެއްއައި އިރުވެސް އަހަންނަށް އެއްވެސް ބަދަލެއް ނާންނަކަމުގެ އިހުސާސް ކުރެވިއްޖެއެވެ. އަހަންނަކީ އުމުރުން ސާޅީސް ފަސްއަހަރު ވެފައިވާ މީހެއްނަމަވެސް އަދިވެސް ޅަޒުވާނުން އުޅޭގޮތަށް އުޅެވިދާނެޔޭ ހިތްބުނަން ފަށައިފިއެވެ.

ރޭޝަމް އޮފީހަށް އައި ފުރަތަމަ ދުވަހު ވެސް އެންމެންގެ ނަޒަރު އޭނާ އަށް ހުއްޓުނެވެ. އޭނާގެ އުމުރުން އެކާވީސް އަހަރު ކަމުގައި ވިޔަސް ފެންނަ ފެނުމަށް އުމުރަށްވުރެ ވެސް ޅަހެން ހީވެއެވެ. އޮފީހުގެ ހުރިހާ ފިރިހެން މުވައްޒަފުން ތިބެނީ “މަށަށް މަށަށް” ކިޔައިލަކިޔައިލައެވެ އަހަންނަކީ ރޭޝަމްގެ ބައްޕަގެ އުމުރު މީހެއް ނަމަވެސް ހުރިހާ ޒުވާން ފިރިހެން ކުދިންނާއި ވާދަކޮށްގެން ރޭޝަމް ކާމިޔާބު ކުރުމުގެ ރޭހުގައި ކުރި ލިބުނީ އަހަންނަށެވެ. މަސް ދާނީ ފެން އޮތް ދިމާއަކަށޭ ބުނާ އުސޫލުން ރީތި އަންހެން ކުދިން ދާނީ ފައިސާ ގިނަ ދިމާއަށެވެ. އެއީ ދުނިޔޭގެ އާދައެވެ.

އަހަންނަށް ވިސްނޭ ގޮތުގައި އަހަރެން އަދި މުސްކުޅިއެއް ނުވެއެވެ. މިއީ ޒުވާންކަމުގެ އެންމެ ފޮނި ދުވަސްވަރެވެ. ހިތް އެދޭ ކަންކަމާއި، ހިތްރުހޭ ކަންކަން ކުރަންވީ ވަގުތެވެ. އަހަރެން ދެވަނަ އަނތްބަކު ބޭނުމެވެ. އަނބިމީހާގެ އަތުގައި ހިފައިގެން ރައްޓެހިން ގެ ކުރިމައްޗައްގޮސް “މިއީ އަހަރެންގެ އަންހެނުންނޭ” ފަހުރުވެރިކަމާއެކު ބުނެލަން ބޭނުމެވެ.

އަހަރެން ޔަނާލް ވަރިނުކުރި ނަމަވެސް ރޭޝަމްގެ އެއްވެސް ޝަކުވާއެއްނެތެވެ. އަހަންނާ ދެއަނތްބަށް އިންނަންވެސް އޭނާ ހުރީ ތައްޔާރަށެވެ. އޭނާއާއި އެއް އުމުރެއްގެ ކުދިންތަކެއްގެ ދޮން މަންމައަކަށް ވާންޖެހޭތީ އޭނާ ޖެހިލުމެއްނުވެއެވެ. އަހަންނާއި ރޭޝަމްގެ ގުޅުން އެންމެންނަށް އެނގޭ ބޮޑު ސިއްރަކަށްވީ މާލޭގެ ހިތްފަސޭހަ ހިސާބެއްގައި ހުރި އިމާރާތަކުން އަހަރެން ރޭޝަމްއަށް އަގުބޮޑު އެޕާޓްމެންޓެއް ކުއްޔަށް ހިފައިދިނުމުންނެވެ. އެކި މީސްމީހުންގެ ދޫތަކުން ޔަނާލްގެ ކަންފަތާ ހަމައަށް އެޚަބަރު ފޯރާކަށް ގިނަ ދުވަހެއް ނުވިއެވެ. ޔަނާލަށް އެކަން އެނގުނު ދުވަހު އަހަރެންވެސް އޭނާއަށް ހުރިހާ ވާހަކައެއް ތެދަށް ކިޔައިދިނީމެވެ. ރޭޝަމްއާ ކައިވެނި ކުރަންއުޅޭ ވާހަކަވެސް ބުނީމެވެ.

ޔަނާލްއަކީ ދުވަހަކުވެސް އަހަރެންގެ ކުރިމަތީގައި އަޑުގަދަކޮށް، ޒުވާބުކުރި މީހެއް ނޫނެވެ. ނަމަވެސް އެވާހަކަބުނުމުން އޭނާގެ ދުލުގައިވެސް ބާރު ހުރިކަން އަހަންނަށް އަންގައިލިއެވެ. އަންހެނުން ހިމޭނުން ތިބެނީ ކިޔާނެ އެއްޗެހި ނޭނގޭތީ ނޫންކަން އަހަންނަށް ވިސްނުނެވެ. ޔަނާލްގެ ރުޅިގަނޑުގެ ސަބަބުން ވެސް އަހަރެންގެ ނިންމުން ބަދަލެއް ނުކުރީމެވެ. ޔަނާލް އެގެއިންނިކުމެ މަންމަމެންގެ ގެއަށް ބަދަލުވިއެވެ.

އަހަރެންގެ އެންމެ ދޮށީދަރިފުޅު ހިލްޔާން ހުންނަނީ މެލޭޝިޔާގައި ކިޔަވަންކަމުން ޔަނާލް ދިޔުމުން އަހަރެންގެ ގަނޑުވަރެއްފަދަ ބޮޑުގޭގައި އަހަރެން އެކަނިވިއެވެ. ރޭޝަމް އަހަންނާ ކިތަންމެ ގާތުގައި ވީނަމަވެސް ޔަނާލް ދިޔުމުން ކޮންމެވެސް އެއްޗެއް މަދުވެފައިވާކަން އިހުސާސް ކުރެވެންފެށިއެވެ. ކޮންމެ އެއްޗެއްގެވެސް މުހިންމުކަން އިހުސާސް ކުރެވޭނީ އެއެއްޗެއް ނެތުމުންނެވެ. އެއްހަފުތާ ވީއިރު މުޅި ގޭތެރެ ވަނީ ނުތާހިރުވެފައެވެ. ހުރިހާ އެއްޗެއްސަކަށް ވަނީ ހިރަފުސްއަރައި، އަސްލުކުލަ ގެއްލިފައެވެ. ދާވެފައިވާ އަންނައުނުތައް ކޮޓަރިތެރޭގައި ފުނިޖެހިފައެވެ. ގަމީހާއި ފަޓުލޫނު އިސްތިރިކުރަންޖެހެނީ އަމިއްލައަށެވެ. ކާންޖެހެނީ ބޭރުންނެވެ. ރެސްޓޯރެންޓަކުން ކިތަންމެމީރު ކެއުމެއް ކެއި ނަމަވެސް ޔަނާލް ކައްކާ އެއްޗެހީގައި ލާފަދަ މީރުރަހައެއް ނުލައެވެ. ފިރިހެނުން ބިނާކުރާ އިމާރަތް ގެއަކަށް ހަދާބަޔަކީ ގެވެހި އަނބިންނެވެ. ކިތަންމެގިނަ ފައިސާ ހުރިނަމަވެސް ފާޑުވެރި އަނތްބަކުނެތި ދިރިއުޅުން އާބާދެއް ނުކުރެވޭނެއެވެ.

ދެން ހުރިހާ ކަމެއް ވެސް ހައްލުވާނީ ރޭޝަމްއާ ކައިވެނިކުރުމުން ކަމުގައި ހީކުރެވުނެވެ. ނަމަވެސް ހަގީގަތް އެނގުނުއިރު ރޭޝަމްގެ ހާލު އަހަންނަށްވުރެ ބޮޑެވެ. ގަމީހަކުން ރޫފިލުވައިލަންވެސް އޭނާ ނުދަނެއެވެ. އެއްޗެއް ކައްކައިލަން އުނދުން ރޯކޮށްލަންވެސް ނޭނގެއެވެ. ރޭޝަމް އަކީ ބަލައިލަން ރީތި ބުދެކެވެ. އެތެރެއޮތީ ހުސްކޮންނެވެ. އެއްވެސް ދިރުމެއްނުވެއެވެ. ކުރެވެން މިއުޅޭ ކަންތަކާ ދޭތެރޭގައި ފުންކޮށް ވިސްނަން އަހަންނަށް މަޖުބޫރުވެއްޖެއެވެ. ޔަނާލްއާ އި ރޭޝަމްއާ ދެމީހުން ކުރެން އަހަންނަށް ބޮޑަށް މުހިންމުވާނީ ފަހެ ކާކު ހެއްޔެވެ؟ އަހަރެންނަށް ދިރިއުޅުމުގެ ހަގީގީ ފޮނިކަން ލިބޭނީ ކާކުގެ ފަރާތުން ހެއްޔެވެ؟ ޕޮއިންޓްދީގެން މިނެކިރަލައިފިނަމަ ބަރުވާނި ޔަނާލް ގެ ކޮޅުކަން ގައިމެވެ. އަނބިންނަކީ ރީތި ބަޔަކަށް ވުމަކީ ލާޒިމު ކަމެއް ހެއްޔެވެ. އަނބިމީހާ ކޮންމެ ސިފައަކަށް ހުއްޓަސް އެ މީހަކީ ހެޔޮ ،ރަނގަޅު މީހެއްނަމަ އޭނަ ހިމެނޭނި ރީތި އަނބިންގެ ތެރޭގައެވެ.

މީގޭ ކުރިން އަހައްނަށް ޔަނާލް ގެ ފަރާތުން ފާހަގަކުރެވުނު އަހަރެން ހިތްހަމަ ނުޖެހޭ އެއްމެ ބޮޑު އެއް ކަމަކީ ޔަނާލް އަހައްނަށް ވަގުތު ނުދިނުމެވެ. އެއާ ހިލަފަށް ރޭޝަމް ހުރިހާ ވަގުތެއް އަހައްނަށްޓަކައި ހުސްކޮއްދިނެއެވެ. އޭނަ އެންމެ އިސްކަމެއްދިނީ އަހައްނާ އެކުގައި ،އުފާކޮއް މަޖާކުރާށެވެ. ނަތީގާ އަކައްވީ ކުރިއައްވުރެ ބޮޑަށް ދިރިއުޅުމުގެ ހާލަތު ދަށައް ދިޔުމެވެ. މުސާރަވެރިންގެ އަތްމައްޗައް ގޭތެރޭގެކަންކަން ދޫކޮއްލުމުން ގޭތެރޭގައިވާ ދިރުންގެއްލި ،ވީރާނާ ވުމުގެ ކުލަވަރު ފެންނަންފެށިއެވެ.

ކޮއްމެ އެއްޗެއް ދެކެވެސް ހަގީގީ ލޯބިވާނި އެ އެއްޗެއްގެ ވެރިފަރާތެވެ. ވެރިފަރާތުން ފަރުވާކުޑަކޮއްފިނަމަ ނެތިދިއުމުގެ ވަގުތު އޮއްނާނީ ނުހަނު ގާތުގައެވެ. މިހާރު އަހަރެންގެ ހިތައްއަރައެވެ. އަނބިންގެ އަގު ވަޒަންކުރަނި ކިތައްފިރިންހެއްޔެވެ؟

ދިރިއުޅުމުގައި އަނބިން އަދާކުރާ މުހިއްމު ދައުރު އިހުސާސް ކުރެވެނީ ކިތައް ފިރިންނައްހެއްޔެވެ؟ ޔަގީނުންވެސް އަހަރެން ހިމެނޭނީ އަނބިންގެ އަގު ވަޒަން ނުކުރާ ފިރިންގެ ލިސްޓްގައެވެ.

ދެން އިތުރަށް ކިތައްމެ ފުންކޮށް ވިސްނިނަމަވެސް އަހަރެންގެ ނިންމުން ބަދަލްކުރެވޭކަށް ނެތެވެ.ފަހުން ވަރިކުރަން ޖެހުނަސް ދުނިޔޭގެ ލަދުން ރޭޝަމް ސަލާމަތް ކުރަން އޭނާ އާއި ކައިވެނި ކުރަންޖެހެއެވެ. އޭނަގެ ބަނޑުގައި ވަނީ އަހަރެންގެ ދަރިއެއްކަމުން ކޮއްމެ ގޮތެއްވިޔަސް ވަރިހަމަ ކަމަށް އަހަރެންގެ ދެވަނަ އަންބެއްގެ މަގާމު އެނާއަށް ދިނީމެވެ. ކައިވެންޏައްފަހު ވެސް އެއީ ހަމަ ކުރީގެ ރޭޝަމްއެވެ. އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. އެއްވެސް ހަރުދަނާ ކަމެއް ނުހުރެއެވެ. އޭނަ އާއި ކައިވެނި ކުރުމުން އަހައްނަށް ލިބުނު ހަމައެކަނި އުފަލަކީ ރައްޓެހިންގެ ފަރާތުން ތައުރީފް ބަސްތައް އޮހެމުން ދިޔުމެވެ. ރޭޝަމްގެ ރީތިކަމާ މެދުގައެވެ. އަހަރެންގެ ކާމިޔާބު ކަމާ މެދުގައެވެ. ކިޔަވައިނިމިގެން ހިލްޔާން އެނބުރި މާލެއަށްއައީ ރޭޝަމް ވިހަން ތައްޔާރުވެފައި ވަނިކޮންނެވެ. ކުރިން ގޯސްނުވެހުރި ހުރިހާކަމެއް ގޯސްވީ އެހާހިސާބުންނެވެ. ހިލްޔާންގެ މައްސަލައަކަށްވީ ޔަނާލް ނިކަމެތިކޮށްލައި، ދަރިންތަކާއެކު އެކަނި އުޅެން ދޫކޮށްލުމެއް ނޫނެވެ. އަހަރެންގެ ދެވަނަ އަނތްބަކީ ރޭޝަމް ކަން އެނގުމުންނެވެ. ބައްޕަ އާއި ދަރިފުޅު އެކަކު ދެކެ ލޯބިވެ، އެކަކާ ކައިވެނިކުރަން ބޭނުންވުމަކީ ކޮންކަހަލަ އިއްތިފާގެއް ހެއްޔެވެ؟ މިއީ މިދުނިޔޭގައިވެސް މިކަހަލަ ކަމެއް ހިނގި ފުރަތަމަ ފަހަރުކަން ނޭނގެއެވެ.ހިލްޔާން ވެސް އަދި ޔަނާލް ވެސް ކުށްވެރިކުރީ އަހަންނެވެ.އެއީއެކަން ވާނެ ގޮތެވެ.ކުރިން އުޅުނު ގޮތަށް އަހަރެން ޔަނާލްއާ އެކުގައި އުޅުނުނަމަ މިހުރިހާ ކަމެއް ކުރިމައްޗެއްނުވީހެވެ. އަހަރެން ކުށް ގަބޫލުކުރަމެވެ. އެހެނަސް އަހަންނާ އެއްވަރަށް ރޭޝަމް ވެސް ކުއްވެރިވާކަމުގައި އަހަރެން ދެކެމެވެ. ރޭޝަމްވެސް ހިލްޔާންއަށް ވަފާތެރިވީނަމަ އަހަންނަށް މިގޯހެއް ނުހެދުނީހެވެ. ދެމީހުންނަށްވެސް ދިފާއުގައި ވާހަކަ ދެއްކިދާނެއެވެ. އެހެނަސް މި ވަގުތު ބަހަށްވުރެ މުހިންމީ އަމަލެވެ.

ރޭޝަމް ވިހެއުމުން އަހަރެން އޭނާ މިނިވަންކުރީމެވެ. އޭނާއަކީ އަހަރެންގެ ހަޔާތަށް އައި ބޭކާރުމީހެކެވެ. ރޭޝަމްއާ އެކުގައި މި ކުޅެވުނީ އެއްވެސް އަގެއްނެތް ކުޅިގަނޑެކެވެ. ޔަނާލްއާ ދަރިންގެ ކުރިމަތީގައި އަހަރެންގެ ގަދަރު ކުޑަވެގެން ހިނގައްޖެއެވެ. ޔަނާލް ބޭނުންނަމަ އަހަރެންހުރީ ހިތާ ދެކޮޅަށް ނަމަވެސް ޔަނާލް ވެސް މިނިވަންކުރަން ތައްޔާރަށެވެ. އޭނާގެ ފަރާތުން މަޢާފަށްއެދި، އާދޭސްކުރާނެހާ ހިތްވަރެއް އަހަރެންއަކަށް ނުލިބުނެވެ. އެހެނަސް ޔަނާލް އަކީ ވިސްނޭ އަންހެނެކެވެ. ވަކިވުމަކީ މައްސަލައިގެ ހައްލު ނޫން ކަމުގައި ދެކި، އޭނާ އެނބުރި އަހަރެންގެ ގާތަށް އައެވެ. އޭނާ އަހަރެން ދެކެވާ ތެދުވެރި ލޯތްބާއި، ދަރިންގެ ހައްގުގައެވެ. އަހަރެންގެ ނަސީބާ މެދު އަހަރެން ޝުކުރުކުރީމެވެ. ދިރިއުޅުމުގައި ދެވަނަ ފުރުޞަތު ލިބޭނީ މަދުފަހަރަކު ، މަދުމީހަކަށެވެ…..

(ނިމުނީ)

https://www.baiskoafu.com/view/audio/NDEy

ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.