English Edition
Dhivehi Edition
އިމްނާ ކަވަރ އާޓް ބައި މިގު/ބައިސްކޯފް

ލިޔުނީ: ސާޖިދު ޢަބްދުﷲ އިރުމަތީގެ އއ.ތޮއްޑޫ

ޒަމާނީ ފެންވަރަށް ހަދާފައިވާ އަހަރެންގެ ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ދިރުމެއް ނުވެއެވެ. ޢާއިލާއިން ބާކީވެ، ޙަޔާތުގެ ފަހު ދުވަސްތައް ގުނަމުންދާއިރު އަހަރެންގެ މާޒީއާއި ދޭތެރޭ ވިސްނާލުމުން އަހަރެންގެ ހިތުގައި ހާދަ ރިހެއެވެ. އަހަރެންނަށް މިހެން ދިމާވާން މި ޖެހުނީ ކީއްވެބާވައޭ އަހަރެންގެ ހިތަށް އަރައެވެ. ކޮންމެ ގޮތަކަށް ކަންތައް ދިމާވި ކަމުގައިވިޔަސް އަހަރެން އުފާވާ ކަމެއް އެބައޮތެވެ. އެއީ އަހަރެންނަށް މާތް ﷲ ނަހީކުރެއްވި ފާފައަކަށް އަރައިނުގަނެވި ދުނިޔެއިން ވަކިވާން ޖެހޭތީއެވެ. އަހަރެން މަރުބަލީގައި ދާންމަތިވެފައި އޮވެވެސް އަހަރެންނަށް މި ދިމާވި ހިތްދަތި ގޮތް މި ކިޔައިދެނީ ތިޔަ އެންމެހާ ފަރާތްތަކަށް މިއިން ޢިބުރަތެއް ލިބޭނެކަމުގެ އުންމީދުގައެވެ.

އަހަރެންގެ ނަމަކީ އިމްނާއެވެ. އުމުރުން 30 އަހަރުގެ އަންހެނަކީމެވެ. ދެކުދިންގެ މަޔަކީމެވެ. ފިރިޔަކު ނެތެވެ. ބައްޕަ ވަނީ އެނބުރި އައުމެއް ނެތް ދުނިޔޭގައެވެ. މަންމަ ހުއްޓަސް ނެތްފަދައެވެ. ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރެމެ، އެ ލޯތްބާއި އޯގާތެރިކަމުން އަހަރެން ވަނީ މަޙުރޫމު ކޮށްލާފައެވެ. ކުށެއް ކޮށްގެނެއް ނޫނެވެ. މަންމަ އެދޭފަދަ މީހަކާ އަހަރެން ކައިވެނި ނުކުރީތީއެވެ. އަހަރެންގެ އަލަތު ފިރިމީހާ، ޒައިންއަކީ މަންމަ ބޭނުންވާފަދަ މުއްސަނދި މީހަކަށް ނުވީތީއެވެ.

އަހަރެންނާއި ޒައިންގެ ލޯބި ފެށުނީ އަހަރެމެން ގްރޭޑް 10 ގައި ކިޔަވަމުންދިޔަ ދުވަސްވަރުއެވެ. ޒައިންއަކީ މުއްސަންޖަކަށް ނުވިނަމަވެސް އޭނާއަކީ މަސައްކަތްކުރަން ކެރޭ، މުރާލި، މީހުންނަށް އޯގާތެރި ޒުވާނެކެވެ. ބަލައިލަންވެސް ރީތި ޒުވާނެކެވެ. އޭނާގެ ވަރުގަދަ ހަށިގަނޑަކީ އޭނާގެ މުރާލިކަމާއި މަސައްކަތްތެރިކަމުގެ ނިޝާނެކެވެ. އަހަރެންނަށް އޭނާ ކަމުދިޔަ ސަބަބަކަށް އެކަން ވިއެވެ. ނަމަވެސް އެންމެ ކަމުދިޔައީ މީހުންނަށް ހެޔޮވެފައި މުރާލިކަމުންނެވެ. އެކަންކަން ފުރިހަމަވުމުން އަހަރެންނަށް އޭނާގެ ފެންވަރެއް މުހިންމެއް ނުވިއެވެ.

ކޮންމެއަކަސް އަހަރެމެންގެ ލޯބީގެ ގުޅުން ކުރިއަށް ގެންދިޔައީ ވަރަށް ސިއްރުންނެވެ. ބަޔަކަށް ޝައްކެއްވެސް ނުވާނެހާ ސިއްރުންނެވެ. ފިލްމީ ގޮތަކަށް ބުނާނަމަ ވައިރޯޅިއަށްވެސް ސިއްރުންނެވެ. ބައްދަލުވެ ވާހަކަދެއްކުމުގެ ބަދަލުގައި އަހަރެމެން ޚިޔާރުކުރީ ލިޔުމެވެ. ކުދި ނޯޓްކޮޅުގައި ބޭނުންވާ ވާހަކަތައް ކުރުކޮށް ލިޔެލާފައި ސިއްރުން އެކަކު އަނެކަކު ފޮތުތެރެއަށް ލައިގެން އަހަރެމެންގެ ލޯބީގެ ގުލްޝަން ފަރިކުރަމުން ދިޔައީމެވެ. އެއީ މަޖާ ކަމެކެވެ. ނަމަވެސް ދިގު އިންތިޒާރެއްވެސް ކުރަން ޖެހުނު އުފާވެރި ދުވަސްތަކެކެވެ.

އޯލެވެލް ނިންމާފައި ޒައިން ނިންމީ ރިސޯޓަކަށް ވަޒީފާއަށް ދާށެވެ. އަހަރެން ބޭނުންވީ އިތުރަށް ކިޔަވާށެވެ. އޭރުވެސް އަހަރެމެންގެ ގުޅުން އޮތީ މުޅި ދުނިޔެއަށް ސިއްރެއްގެ ގޮތުގައެވެ. އަހަރެންގެ ކިޔެވުން ނިމުމުން ނޫނީ އެފަދަ ގުޅުމަކަށް ގޮސްގެން ނުވާނެކަމަށް ސާފު ބަހުން އަންގާފައި އޮތުމުން އަހަރެމެންނަށް އެ ގުޅުން ސިއްރުކުރަން މަޖުބޫރުވިއެވެ. ވަރަށް ސިއްރު ގޮތެއްގައި އަހަރެމެން ދެމީހުން އެންމެ ފުރަތަމަ ލޯބީގެ ބައްދަލުވުމެއް ބޭއްވީ ޒައިން ރިސޯޓަށް ފުރަން ދެތިން ދުވަހަށް ވެފައި އޮއްވައެވެ. އެއީވެސް ވަރަށް އުނދަގުލުން ހޯދުނު ފުރުސަތެކެވެ. މަންމައަށް ބޮޑު ދޮގެއް ހަދާފައި އެކަން ކުރަން ޖެހުމުން އުނދަގޫވެސް ވިއެވެ. ނަމަވެސް ޒައިންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އަހަރެން އެކަންވެސް ކުރީމެވެ.

“އިމްނާ.. ކިހިނެއް އަބަދު މިހެން ސިއްރުން އުޅޭނީ؟ އަހަރެން ރިސޯޓަށް ދިޔައިމަ ދެން ދެމީހުންނަށް ވާހަކައެއްވެސް ނުދެއްކޭނެ.. ހިނގާ މިކަން މަންމަމެންނަށް އަންގަމާ..” ޒައިން އަހަރެން ގާތު އެދުނެވެ.

“ނޫން ޒައިން.. މަންމަ އަހަރެން މަރާނެ.. އޭލެވެލް ނިންމާފަ ނޫނީ އަހަރެންނަކަށް ނުކެރޭނެ މަންމަ ގާތު މިވާހަކަ ބުނާކަށް..” އަހަރެން ބުނީމެވެ.

“ދެން އެކަމު ކިހިނެއް ވާހަކަ ނުދައްކާވެސް އުޅޭނީ؟ އަހަރެންނަށް ރިސޯޓަށް ގޮސްފަ އެންމެ އަވަހަށްވެސް އާދެވޭނީ ތިންމަސް ފަހުން.. އެހާދުވަސް ވަންދެން އިމްނާގެ އަޑު ނީވި، ފެނިނުލާ އަހަރެން ކިހިނެއް އުޅޭނީ؟ އަހަރެން އިމްނާދެކެ ހާދަ ލޯބިވެޔޭ..” ޒައިން އަނެއްކާވެސް ބުނެލިއެވެ.

އަހަރެންނަށް އޭނާގެ ވާހަކަ ޤަބޫލުކުރެވެއެވެ. އެ ލޯބީގައި އެއްވެސް އޮޅުވާލުމެއް ނުވެއެވެ. އޭނާ އަހަރެންދެކެ ވާ ސާފު ލޯބި އޭނާގެ ދެލޮލުން އަހަރެންނަށް ފެނެއެވެ.

“އަހަރެންނަށް ތިކަން އެނގެޔޭ.. ޤަބޫލުވެސް ކުރަން.. އަހަރެންވެސް ޒައިންދެކެ ވަރަށް ވަރަށް ލޯބިވޭ.. މަންމަ އެހެން ބުނެފަ އޮއްވާ އެކަން ކޮށްފިއްޔާ ހަމަ ޔަޤީން އަހަރެން ޒައިންއާ ވަކިވާން ޖެހޭނެކަން.. އެހެން އެކަން ވާކަށް އަހަރެން ބޭނުމެއް ނޫން.. ޒައިންއާ ވަކިން އަހަރެންނަކަށް ނޫޅެވޭނެ..” އަހަރެންނަށް ރޮވޭގޮތްވިއެވެ.

“އޭތް.. ރޮނީތަ؟ އަދި ރޯވަރު ކަމެއް ނުވެއެއްނު.. އިރާދަކުރެއްވިއްޔާ އަހަރެމެން ވަކިވާން ޖެހޭނެ ދުވަހެއް ނާންނާނެ.. އިރާދަކުރެއްވިއްޔާ މަރު ފިޔަވައި އަހަރެމެން ދެމީހުން ދުރުކުރެވޭނެ އެއްވެސް ބާރެއް މިދުނިޔެ މައްޗަކު ނުވާނެ..” ޒައިންގެ އެ ބަސްތަކުން އަހަރެންގެ ހިތަށް އުފާވެރިކަމެއް ވެރިވިއިރު، ބިރުވެރިކަމެއްވެސް ހިތަށް ވަނެވެ. މަރަކީ ކޮންމެ ވަގުތަކުވެސް ތިމާއާ ބައްދަލުވެދާނެ އެއްޗެއްކަން އަހަރެންގެ ހަނދާނުގައި އަބަދުވެސް ބަހައްޓަމެވެ.

“ދެން އިމްނާ މަންމަ ގާތު ބުނަންވީނު ފޯނެއް ގަނެދޭން.. ނޫނީ އަހަރެން ގަނެދެންތަ؟” ޒައިން އެހިއެވެ.

“ނޫން.. އަހަރެން މަންމަ ގާތު ބުނާނަން.. މަންމަ ގަނެނުދީފިއްޔާ ޒައިން އަހަރެންނަށް ފޯނެއް ގަނެދޭނީ.. އެގޮތަށް ނަމަވެސް އަހަރެން ޒައިންއާ ވާހަކަދައްކަން ބޭނުން..” އަހަރެން ބުނީމެވެ.

އެރޭގެ ބައްދަލުވުން ނިމުނީ ވަރަށް އުފާވެރި، އުންމީދީ ވާހަކަތަކަކާ އެކުގައެވެ. އެކަކު އަނެކަކަށް ލޯބީގެ ވަޢުދުތައް ވެފައެވެ. މާލަސްނުކޮށް އަހަރެމެން ގެޔަށް ދިޔައީ ލަސްވެއްޖެނަމަ މަންމަ އަހަރެން ހޯދަން ނުކުންނާނެކަން އެނގޭތީއެވެ.

ޒައިން ރިސޯޓަށް ދިޔައީ އޭނާގެ ފޯނު ނަންބަރު އަހަރެންނަށް ދީފައެވެ. އޭރުން އަހަރެންނަށް ފޯނެއް ލިބުމުން އޭނާއަށް ގުޅޭނެ މަގު ތަނަވަސްވާނެތީއެވެ. މަންމަ ގާތު ފޯނެއްގެ ވާހަކަ ބުނުމުން މަންމަވެސް މާގިނަ ވާހަކައެއް ނުދައްކާ، މާގިނަ ދުވަހެއްވެސް ނުކޮށް ފޯނެއް ގަނެދީފިއެވެ. ހީވެސް ނުކުރާހާ ފަސޭހައިން ފޯނެއް ލިބުމުން އަހަރެން ހުރީ އުފަލުން މޮޔަވާވަރުވެފައެވެ. ވަގުތުން އަހަރެން ޒައިންއަށް ގުޅީމެވެ. ނަމަވެސް އޭނައަކަށް ނުގުޅުނެވެ. ޑިއުޓީ ގަޑިކަމަށް ނިންމާފައި އަހަރެން އޭނާއަށް މެސެޖަކުން އަންގާލީމެވެ.

ޒައިންއަށް މެސެޖު ފެނުމާއެކު އޭނާ ގުޅިއެވެ. އޭނާ ހުރީ އަހަރެންނާ ނުގުޅިގެން ވަރަށް ކަންތައް ބޮޑުވެފައެވެ. އަހަރެންވެސް ހުރީ އޭނާގެ އަޑު ނީވި ދުވަސްކޮޅެއް ވީތީ، ހިތަށް އުނދަގޫވެފައެވެ. އަހަރެމެން އެރޭ އެތައް އިރަކު ފޯނުން ވާހަކަ ދެއްކީމެވެ. ޒައިންއާއި ވާހަކަ ދައްކާލެވުމުން އަހަރެންނަށް ހީވީ އަހަރެންގެ ހަށިގަނޑުން އުނިވެފައިވާ ބައެއް އަނބުރާ ލިބުނުހެންނެވެ.

އަހަރެމެން ދެމީހުންގެ ލޯބީގެ ގުލްޝަނުގައި މާތައް ފޮޅުވަމުން ގޮސް އަހަރެންގެ ކިޔެވުންވެސް ނިމިއްޖެއެވެ. ކިޔެވުން ނިމުމާއެކު އަހަރެމެންގެ ގުޅުން ޢާއިލާއަށް އަންގަން ނިންމީމެވެ. އޭރު ޒައިން ހުރީ އަހަރެންނާއި ޢާއިލާއެއް ބެލެހެއްޓޭވަރަށް ފައިސާ އެއްކޮށްފައެވެ. ރަނގަޅު ވަޒީފާއެއްގައި ހަރުދަނާކަމާއެކު އޭނާ ފައިތިލަ ސާބިތުކޮށްލުމުން އަހަރެންނަށް ލިބުނު އުފާ ބަޔާންކުރާނެ ގޮތެއް އަހަރެންނަކަށް ނޭނގުނެވެ.

އަހަރެމެން ޢާއިލާއަށް އަހަރެމެންގެ ގުޅުމާއި ދެމީހުން ކައިވެނިކުރަން އެދޭކަން ހާމަކުރުމުން ޒައިންގެ މައިންބަފައިން ހިތުން ރުހުމުން ކައިވެންޏަށް އެއްބަސްވިއެވެ. ނަމަވެސް އަހަރެންގެ މަންމަ ފާޅުގައި ދެކޮޅު ހެދިއެވެ. މަންމައަށް ޤަބޫލުކުރެވޭ ފެންވަރުގެ މީހަކަށް ޒައިންއަކަށް ނުވެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން ހުރީ ޒައިންއާ ކައިވެނިކޮށްގެން އެކުގައި އުޅޭށެވެ. އެހެންކަމުން އަހަރެން ނިންމީ މަންމަ ނުރުހުނަސް ޒައިންއާ ކައިވެނި ކުރާށެވެ.

“މީ މަގޭ ގެ.. މިގޭގަ އުޅެވޭނީ މަ ރުހޭ މީހަކަށް.. އެ ފިރިހެނާއާ އިނދެގެން މިގެޔަކު ނޫޅެވޭނެ.. އަދި އޭނައާ އިނުމަށްފަހު މަށަށް މަންމަ ކިޔައިގެންވެސް ނުވާނެ..” މަންމަގެ ފަހުބަސް އިއްވިއެވެ.

ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެންނަކަށް ޒައިންއަކާ ވަކިންނެއް ދިރިއެއް ނޫޅެވޭނެއެވެ. އެއަށްވުރެ ބޮޑަށް އަހަރެން އޭނަދެކެ ލޯބިވެއެވެ. ވުމާއެކު މަންމަގެ ނުޤަބޫލުގައި އަހަރެން ޒައިންއާ ކައިވެނި ކުރީމެވެ. އަހަރެންނަށް ހީކުރެވުނު ވަރަށްވުރެވެސް ޒައިންގެ މައިންބަފައިން އަހަރެންނަށް ހެވެވެ. އެމީހުން އަހަރެން ބަލައިގަތީ ޅީދަރިއެއްގެ ގޮތުގައެއް ނޫނެވެ. އެމީހުންގެ އުފަން ދަރިއެއްގެ ގޮތުގައެވެ.

ކައިވެންޏަށް ހަތްމަސް ވީއިރު އަހަރެން އިނީ އަހަރެމެންގެ އަލަތު ދަރިފުޅަށް ބަލިވެއެވެ. އަހަރެން ބަލިވެ އިންކަން އެނގުނީއްސުރެ ޒައިން ހުރީ ދަރިފުޅު ދުށުމަށް ކެތްމަދުވެފައެވެ. އަހަރެންނަށް އެމީހުން ހެޔޮކަމުން ބަޔާންކުރަން ދަތި އުފަލެއް ލިބެމުން ދިޔައެވެ. ނަމަވެސް އަހަރެންނަށް ބައެއް ފަހަރު އުނދަގޫވެސް ވެއެވެ. އެމީހުން އުޅޭގޮތުން ހީވަނީ އަހަރެންނަކީ ބަލި މީހެއްހެންނެވެ. އަހަރެން ކުޑަނަމަވެސް މަސައްކަތެއް ކުރިޔަކަ ނުދެއެވެ.

އަހަރެން ވިހަން ޑޮކްޓަރު މުއްދަތު ދިނީ ރޯދަމަހުގެ ފުރަތަމަ ހަފުތާއަށެވެ. އެހާތަނަށް ޒައިން ރަށަށް އައީ އަހަރީ ޗުއްޓީ ނަގައިގެންނެވެ. އަހަރެމެންނަށް ލިބުނީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ. އަހަރެމެން އެ ކުއްޖާއަށް ކީ ޒައިކް އެވެ. އެ ނަމަކީ ޒައިން ހޯދި ނަމަކަށް ވިޔަސް އަހަރެންނަށް އެ ނަން ވަރަށް ރީތިވިއެވެ.

އަހަރެން ވިހޭތަނަށް މަންމަ ނައިތާނގައި އަހަރެންގެ ޙާލުވެސް ބަލައިވެސް ނުލިއެވެ. އަހަރެންގެ ހިތުގައި ވޭން އެޅިޔަސް އަހަރެންގެ ދަރިފުޅު އަހަރެންގެ އެ ހިތާމަތަކަށް ލުއި ހޯދައިދެމުން ދިޔައެވެ. ދުވަސްތައް ފާއިތުވަމުން ދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއެކު ވަރަށް ހަލުވިކޮށެވެ. ކައިވެންޏަށް 4 އަހަރު ވީއިރު އަހަރެމެންނަށް ދެދަރިން ލިބިއްޖެއެވެ. ފަހުން ލިބުނީ އަންހެން ކުއްޖެކެވެ. ނަމަކަށް ކީ އައިނީއެވެ.

ދެވަނަ ދަރިފުޅަށް ފަސް އަހަރު ވީފަހުން، އަހަރެން އާދަޔާ ޚިލާފަށް ވަރުބަލިވާން ފަށައިފިއެވެ. އަޅައެއް ނުލަމެވެ. ދަރިންނާއި ޢާއިލާގެ ކަންތައްތައް ބަލަހައްޓަން އަވަދިނެތި އުޅޭތީ ވާގޮތެއް ކަމަށް އަހަރެން ހީކުރީމެވެ. ދުވަހަކަށްވުރެ ދުވަހެއް އެކަން ދިޔައީ ބޮޑުވަމުންނެވެ. އަހަރެންގެ ހަށިގަނޑަށްވެސް ބަދަލުތަކެއް އަންނަކަން އަހަރެންނަށް ފާހަގަކުރެވެން ފެށިއެވެ. ބަރުދަން ލުއިވާން ފެށިއެވެ. ހަނދާން ބަލިވާން ފެށިއެވެ. މި ހުރިހާ ކަމެއް ދިމާވާން ފެށުމުންވެސް އަހަރެން އަޅައެއް ނުލަމެވެ. އަހަރެންނަށް ހީކުރެވުނީ މާބޮޑަށް “ސްޓްރެސް” ވާތީ ވާގޮތެއް ކަމަށެވެ. އެ “އާންމު” ކުދިކުދި އަލާމާތްތައް އަހަރެންގެ މަރުބައްޔަށް ވެދާނެކަމަށް އަހަރެންގެ ހިތަކަށް ނާރައެވެ.

ރިސޯޓުގައި ހުރެފައި ޒައިން ރަށަށް އައީ ތިންމަސް ފަހުންނެވެ. އޭނަ ފެނުމުން އަހަރެންނަށްވެސް ފާހަގަ ކުރެވުނީ އޭނަގެ ހަށިގަނޑަށްވެސް އައިސްފައި ހުރި ބަދަލެވެ. އާދަޔާ ޚިލާފަށް ހިކިފައި ހުރުމާއި ގައިގައި ވަރެއް ނެތިފައި ހުންނަ ހުރުން އަހަރެންގެ ބޮލުގައި ރިހުމެއް އުފެއްދިއެވެ. މާ ބުރައީތޯ ސުވާލުކުރުމުން އޭނާ އާނއެކޭ ބުނެފައި އިތުރަކަށް އެވާހަކައެއް ނުދެއްކިއެވެ. އަހަރެންވެސް އިތުރަށް އެވާހަކަ ނުދެއްކީ އޭނާގެ ބޯ ހާސްނުކުރާން ވެގެންނެވެ.

އަހަރެންނަށް އިތުރު އުނދަގޫތަކެއްވެސް ވާން ފެށިއެވެ. އާދަޔާ ޚިލާފަށް ދާހިއްލުމާއި ނުފިލާ ހުމެއް ހުންނަން ފެށިއެވެ. ވުމާއެކު އަހަރެން ބޭނުންވީ ޑޮކްޓަރަށް ދައްކާށެވެ. ޒައިންއާއި ވާހަކަ ދައްކައިގެން ދެމީހުން މާލެ ދިޔައީ ޑޮކްޓަރަށް ދައްކާލާށެވެ. ޑޮކްޓަރަށް ދައްކަން އެ ދިޔަ ދަތުރަކީ އަހަރެންގެ މުޅި ދިރިއުޅުން އެފުށް މިފުށަށް ޖެހިގެން ދިޔަ ދަތުރެވެ. ފިރިމީހާއަށް ކުރި އިތުބާރާއި ޤަދަރު ބިމާއި ހަމަވި ދަތުރެވެ. އޭނާ އަހަރެންނަށް ބޭވަފާތެރިވީއެވެ. އެހެން އަންހެނަކާ ގުޅުމެއް ހިންގީއެވެ.

ޒައިން އޭގެ ހައެއްކަ މަސް ކުރިން ރާއްޖެއިން ބޭރަށް ދިޔަކަން އަހަރެން ދެނަހުރީމެވެ. އޭނާ ދިޔައީ ކީއްކުރަންކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެން ނުވެސް އަހަމެވެ. އަހަރެން އޭނާއަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން އެކަން އޮޅުންފިލުވުން މުހިންމުވެސް ނުވީއެވެ. އޭނާ އެފަހަރު ރާއްޖެއިން ބޭރަށް ދިޔައީ ދެވަނަ ކައިވެންޏެއް ކުރާށެވެ. އެ ކައިވެނީގެ ހިތިކަން އަހަރެންގެ ދިރިއުޅުން ފުނޑުފުނޑުކޮށްލީއެވެ. އެ އަންހެންމީހާއަކީ އެއިޑްސްގެ ޝިކާރައަކަށް ވެފައިވާ އަންހެނެކެވެ. އޭނާގެ ފަރާތުން ޒައިންއަށް އެ ނުރައްކާތެރި ބަލި ޖެހި، ޒައިންގެ ފަރާތުން އަހަރެންނަށް އެ ބަލި ޖެހުނީއެވެ.

އެ ދިމާވި ކަންތައްގަނޑުގައި ޒައިން އަހަރެން ވަރިކުރީއެވެ. އަހަރެން ގެއިން ނެރެލީއެވެ. އަހަރެން މުޅިން އެކަނިވީއެވެ. އާދޭސް ކުރީމެވެ. ނަމަވެސް ޒައިންއަކަށް އެ އާދޭހަކުން އަސަރެއް ނުކުރިއެވެ. އޭނާގެ ބަހަކަށްވީ އޭނާގެ ސަބަބުން އަހަރެންގެ ދިރިއުޅުން ހަލާކުވީތީ އިތުރަށް އުޅެން ބޭނުން ނުވާ ވާހަކައެވެ. އެއީ އިންސާފެއް ހެއްޔެވެ؟ އޭނާ ކުރި ކަމަކުން ވާނެ އެއްޗެއް ވީމައި އަހަރެން ދޫކޮށްލަންވީ ހެއްޔެވެ؟ އަހަރެންގެ ކުށެއް ނެތި ދުނިޔެއަށް ގިނަކޮށްލަންވީ ހެއްޔެވެ؟

ކޮންމެއަކަސް ދިރިއުޅުމުގެ އެ ބާބުވެސް ނިމުނީއެވެ. ދެން ކުރިމަތިލާން ޖެހުނީ އެންމެ ހިތްދަތި ދުވަސްތަކާއެވެ. މީހުންގެ ފަރާތުން ކުރިމަތިވާން ފެށި ބަދު ބަސްތަކަށް ކެތްކުރުން ވީ ދަތިކަމަކަށެވެ. ހިތާމަތައް ދެގުނަވި ކަމަކަށެވެ. ޒައިންއަށް އެ ބަލި ޖެހުނީ އަހަރެންގެ ވިޔާނުދާކަމުން ކަމަށް ބުނެ ތުހުމަތުތައް ކުރަން ފެށުމުން އަހަރެންނަށް އެކަން ބަލައެއް ނުގަނެވުނެވެ. އެކަން ބަރުދާސްތެއް ނުކުރެވުނެވެ. އަހަރެން ގޭގައި އަމިއްލައަށް ބަންދުވީމެވެ. ޒައިންގެ މަންމަމެން އަހަރެންގެ އަތުން ދެ ދަރިންވެސް އަތުލީއެވެ.

މަންމަގެ ނުރުހުމާ އެކުވެސް އަހަރެން މި އުޅެނީ މަންމަގެ ހިޔާވަހިކަމުގެ ދަށުގައެވެ. މަންމަގެ ފަރާތުން ލޯތްބެއް އޯގާތެރިކަމެއް ނުލިބުނު ނަމަވެސް، އަހަރެން މި ގޭގައި ބަހައްޓައިދޭތީ އެކަމަށް ހިތުން ޝުކުރުވެރިވަމެވެ. އެކުވެރިންނޭވެ. ދެން އިތުރަށް ކިޔައިދޭނެހާ ހިތްވަރެއް މި ހަށިގަނޑަކު ނެތެވެ. އަހަރެންނަށް ހެޔޮދުޢާ ކޮށްދިނުމަށް އެދެމުން މިވާހަކަ ކުރުކޮށްލަމެވެ.

https://www.baiskoafu.com/view/audioalbum/NDEy

ނޯޓް: “އޭއޯ ކުރުވާހަކަ މުބާރާތް 1443” މި ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ އޭއޯ ނިއުސްއާއި ބައިސްކޯފް ގުޅިގެން ކުރިއަށްގެންދާ މުބާރާތެކެވެ.މުބާރާތުން 1 ވަނަ އަށް ހޮވޭ ފަރާތަކަށް 10،000 (ދިހަ ހާސް ރުފިޔާ) ، 2 ވަނައަށް 7،000 (ހަތް ހާސްރުފިޔާ) އަދި 3 ވަނަ އަށް 5000 (ފަސް ހާސް) ރުފިޔާ ކަނޑައެޅިފައިވެއެވެ.
މީގެ އިތުރުން، 1 ވަނަ ހޯދާ ފަރާތަކަށް ބައިސްކޯފް އެޕްގެ 6 މަސް ދުވަހުގެ ސަބްސްކްރިޕްޝަން ހިލޭ ލިބޭނެއެވެ. އަދި މުބާރާތުގެ ގަދަ 5 ގައި ހިމެނޭ ފަރާތްތަކަށް ބައިސްކޯފްގައި ވާހަކަ އޯޑިއޯ ބުކްސް ހެދުމަށާއި އަދި އޭއޯ ނިއުސް އަށް ވާހަކަ ލިޔުމަށް ފުރުސަތު ދެވޭނެއެވެ.
މި މުބާރާތުގައި ހުށަހަޅާ ވާހަކަތަކުގެ އޯޑިއޯ ބައިސްކޯފް އެޕްލިކޭޝަން މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ.އަދި ވާހަކައިގެ ސޮފްޓް ކޮޕީ އޭއޯ ނިއުސް ވެބްސައިޓްގައި ޝާއިއު ކުރަމުންދާނެއެވެ.