English Edition
Dhivehi Edition

އަހަރެމެން އިންސާނުންނަށް މިދުނިޔޭގައި ލިބޭ ކޮންމެ އުފަލަކާއި ހިންހަމަ ޖެހުމަކާއި އަރާމަކީ މާތްﷲގެ ޙަޟްރަތުން ލިބޭ ފޮނި މީރުކަމެކެވެ. އެހެނީ އިންސާނުންނަކީ އަބަދުވެސް އެބައި މީހުން ހެއްދެވި ރަސްކަނލާންގެ އަށް އެކި ގޮތްގޮތުން ބޭނުން ޖެހިފައިވާ ނިކަމެތި ބައެކެވެ. އަހަރެމެންނަކީ ދުނިޔޭގައި ދިމާވާ ދަތިތަކާއި މުޞީބާތްތަކުން ސަލާމަތްކޮށްދެއްވުށާއި، ކުރެވޭ ކުށްފާފަތަކުން މިންޖުކޮށްދެއްވުން އެދި މާތް ﷲ އަށް ދުޢާ ދަންނަވާ މަދަދަށް އެދި އާދޭސް ދަންނަވަން ޖެހޭ ބައެކެވެ.

މާތްﷲ ހަނދުމަކޮށް އެކަލާނގެ ޙަޟްރަތުގައި އެކިއެކި ބޭނުންތަކަށް ދުޢާ ދެންނެވުމަކީ މަތިވެރި އަޅުކަމެކެވެ. އިންސާނާ ޣާފިލުކަމުން ދުރުކޮށް ޙާލިޤުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާއާ ގުޅުވައިދޭ އެންމެ މުހިއްމު އެއްވަޞީލަތަކީ ދުޢާކޮށް، އެކަލާނގެމަތީން ހަނދުމަކުރުމެވެ. އެއީ އަޅާއާ އޭނާގެ ވެރިރަސްކަލާނގެއާއި ދެމެދު ގުޅުން ދަމަހައްޓައި އެ ގުޅުން ވަރުގަދަ ކޮށްދޭ އަށްށަނައެކެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. ” وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ ” (سورة البقرة: 186)

މާނައީ: ” ތިމަންރަސްކަލާނގެ އަޅުން ތިމަންރަސްކަލާނގެއާއި ދެމެދު ކަލޭގެފާނަށް ސުވާލު ދަންނަވައިފިނަމަ، ތިމަންރަސްކަލާނގެއަށް ދަންނަވާ ދުޢާއަށް ތިމަންރަސްކަލާނގެ އިޖާބަދެއްވަމުއެވެ. ވީމާ، އެބައިމީހުން ތިމަންރަސްކަލާނގެ އަމުރުފުޅުތަކަށް އިޖާބަދޭހުށިކަމެވެ. އަދި ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ. އެބައިމީހުންނަށް ހެޔޮމަގެއް ފެނޭތޯއެވެ.”

ދުޢާ ކުރުމުގެ މުހިއްމުކަން ބަޔާން ކުރައްވާ އަދި ވެސް މާތްﷲ ވަޙީކުރައްވާފައިވެއެވެ. ” وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ (سورة الغافر: 60)

މާނައީ: “އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ދުޢާކުރާށެވެ. އޭރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިޖާބަދެއްވާހުށީމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއަށް ދުޢާކުރުމުން ބޮޑާވެގަންނަ މީހާ ނިކަމެތި ޙާލުގައި ނަރަކައަށް ވަންނަ ހުއްޓެވެ.”

ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހު ކުރާ ދުޢާ އެބަހީ ރޯދަ ވެރިޔާގެ ދުޢާ ދުޢާ އިޖާބަކުރެއްވުން އަވަސްވެގެންވެއެވެ. އެހެނީ އެއީ ރޯދައަކީ ފާފަފުއްސެވުމުގެ ސަބަބެއް ކަމުގައިވާތީ އެވެ. އައްޞަޙީޙައިން ގައި އަބޫ ހުރައިރާ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. “مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ” މާނައީ: “އީމާންވެހުރެ ދަރުމައަށްއެދިގެން ރަމަޟާންމަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެދިޔަހައި ފާފައެއް ފުއްސަވައިދެއްވާނެތެވެ.”

އެހެންކަމުން ރޯދައިގެ އަޅުކަމަކީ ދުޢާ އިޖާބަކުރެއްވުމުގެ މަގު ސާފުކޮށްދޭ ކަމެކެވެ.

ޙަދީޘްފުޅެއްގައިވެއެވެ. ތިންމީހެއްގެ ދުޢާ ރައްދުކުރެއްވިގެން ނުވެއެވެ. – އޭގެ ތެރޭގައި ރޯދަވެރިޔާ ރޯދަވީއްލުމަށް ދާންދެން ކުރާ ދުޢާ ހިމެނެއެވެ. (މިޙަދީޘް ރިވާކުރެއްވީ އައްތިރުމިޛީ އިބްނު މާޖާ އިމާމު އަޙްމަދު އަދި އިބްނު ޚުޒައިމާ)

ރޯދަވެރިޔާގެ ދުޢާ އިޖާބަކުރެއްވިގެންވެއެވެ. އެއީ؛
އެކެއް: ރޯދަވެރިޔާ އެހުރީ ފަރުޟު އަޅުކަމެއްގެ ތެރޭގައެވެ. ފަރުޟު އަޅުކަމަކުން ﷲ އަށް ކުއްތަންވުމަކީ އެކަލާނގެ އެންމެ ލޯބިވެވޮޑިގެންވާ ގޮތެވެ. އަލްއިމާމުލް ބުޚާރީ ރިވާކުރައްވާފައިވާ ޤުދުސީ ޙަދީޘްފުޅެއްގައިވެއެވެ. “وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ” މާނައި: “ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއާ ކުއްތަންވުމަށް ކުރާ ކަންތައްތަކުގެ ތެރެއިން ތިމަންރަސްކަލާނގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ކަމަކީ އޭނާގެ މައްޗަށް ތިމަންރަސްކަލާނގެ ފަރުޟުކުރެއްވި ކަންކަމެވެ.”

ދޭއް: މަސައްކަތެއް ކުރާ މީހާގެ ފުރިހަމަ އުޖޫރަ ދެވެނީ އޭނާގެ މަސައްކަތް ނިމުމުންނެވެ. އިރުއޮއްސުމުން ރޯދަވެރިޔާ ރޯދަވީއްލުމުން އޭނާގެ އެދުވަހުގެ ރޯދައިގެ އަޅުކަން ނިމުނީއެވެ. އެހެންކަމުން އޭނާ ރޯދަ ވީއްލާގަޑިއަކީ ދުޢާ އިޖާބަކުރެއްވޭ ވަގުތެކެވެ.

ތިނެއް: ރޯދައިގެ ސަބަބުން ޝައިޠާނާގެ މަގުތައް ހަނިވެގެންދެއެވެ. އިންސާނާގެ ހަށިގަނޑުގައި ލޭހިނގާފަދައިން ޝައިޠާނާ އެހަށިގަނޑަށް ބާރުފޯރުވާކަމުގައި ރިވާވެގެންވެއެވެ. އެހެންކަމުން ރޯދަވެރިޔާއަށް ޝައިޠާނާގެ ކިބައިން ލިބޭ ރައްކާތެރިކަން އިތުރުވެގެންވެއެވެ. އިޚްލާޞްތެރިކަން އިތުރުކޮށްދެއެވެ. އެހެންކަމުން އޭނާގެ ދުޢާ އިޖާބަވުން އަވަސްވެގެން ދެއެވެ.

މިފަދަ މަތިވެރި މައްސަރަކާއި ބައްދަލުކުރެއްވުމުގެ ހެޔޮ ތައުފީޤު ދެއްވިކަމައްޓަކައި މާތް ﷲ އަށް ޙަމްދުކުރާށެވެ. އަދި މި ރަނުގެ ފުރުޞަޠު ނަގާ ނުލާށެވެ. ދުޢާކުރުމާއި ހެޔޮ ޢަމަލުކުރުމުގައި ގަދައަޅައި މަސައްކަތް ކުރާށެވެ.

 

މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޝައިޚްފިކްރީޑޮޓްކޮމް އިން