ތ. އަތޮޅުގައި ޓޫރިޒަމް ތަރައްޤީކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށާއި އެއީ ސަރުކާރުން ކުރަން ބޭނުންވާ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތ. އަތޮޅުގައި ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ގިނަ ރަށްތަކުގައި ރިސޯޓް ތަރައްޤީކުރެވިފައިނުވާތީ އެކަމާއި ސުވާލު ކުރެއްވުމުން އޭގެ ޖަވާބުގައެވެ.
މިނިސްޓަރ ވިދާޅުވީ އަތޮޅުގެ ބޭފުޅުންނާއި އަތޮޅުގެ މަޖިލިސް މެންބަރުންގެ މަޝްވަރާގެ މަތިން އިތުރު ރަށްރަށް ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައެޅޭ ކަމަށެވެ.
އެގޮތުން، އެންމެ ފަހުން ޓޫރިޒަމް ތަރައްޤީކުރުމަށް ހުޅުވާލި ރަށްތަކުގެ ތެރޭގައި ތ. އޮޅުފުށި ފިނޮޅު ހިމެނޭ ކަމަށާއި އެރަށަށް އެއް ފަރާތުން ބީލަން ހުށަހަޅާފައި އެބަ އޮތް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެބީލަން އޭޕްރީލް މަހުގެ ކުރިން އިވެލުއޭޓްކޮށް ނިންމާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ތ. ކަނިމީދޫއަކީ ވެސް އެހެން ޕްރޮޖެކްޓެއްގެ ތެރެއިން ޓޫރިޒަމް ތަރައްޤީކުރަމުންދާ ރަށެއް ކަމަށާއި ތ. އަތޮޅުގައި އެއަރޕޯޓެއް ވެސް އެބަ އޮތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެ އެއަރޕޯޓް ކުރިޔަށް ދާނީވެސް އެއަތޮޅުގައި ރިސޯޓުތަކެއް ތަރައްޤީވެގެން ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވީ ތ. ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކަކީ ރުށްތިބިރަށް، ކަޅުދިޔަފުށި، އެކުރުފުށި ފިނޮޅު، އޮޅުގިރި އަދި އެލާ ކަމަށެވެ. އަދި މިރަށްތަކުގެ ތެރެއިން ކަޅުދިޔަފުށި، އެކުރުފުށި ފިނޮޅު އަދި އޮޅުގިރިއަކީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ދަށުން ދޫކޮށްފައިވާ ރަށްތަކެއް ކަމަށެވެ.
އޭގެ ތެރެއިން ކަޅުދިޔަފުށްޓަކީ ގާތްގަނޑަކަށް %80 ތަރައްޤީކޮށް މިހާރު މަސައްކަތް ހުއްޓިފައިވާ ރަށެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
“ރުށްތިބިރަށް، ކަޅުދިޔަފުށި، އެކުރުފުށި ފިނޮޅު އަދި އޮޅުގިރިއަށް ވަނީ ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށްދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ޤަވާޢިދުގެ ދަށުން ރަށް ތަރައްޤީކުރުމަށް ތިން އަހަރުގެ ފުރުޞަތު ވަނީ ދީފަ. އެލާއަކީ ތ. ވޭމަންޑޫއާއި ތ. ކިނބިދޫއާ ދެމެދު އަޅާ ކޯސްވޭގައި ހިމެނޭ ރަށެއް.” ޑރ. މައުސޫމް ވިދާޅުވިއެވެ.