އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މެޑިކަލް ރިޕޯޓަށް އެއްވެސް ވަރަކަށް ނުޒޫފް ފޯރުވާފައިވޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލިހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް އެދިވަޑައިގެންފިއެވެ.
މިއަދު ކުރިއަށް ދިޔަ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ އެ މައްސަލައިގައި ރައްދުވާ ފަރާތާއި، ކުޑަކުއްޖާއަކީ އޭނާގެ ދާއިރާއަށް އުފަން ދެ ފަރާތް ކަމަށެވެ. އަދި މި މައްސަލައަކީ އައްޑޫއިން ވަރަށް ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކަމުންދާ މައްސަލައެއްކަން ފާހަގަކޮށް ނާޒިލް ވިދާޅުވީވީހާވެސް އަވަހަކަށް ފުލުހުންގެ ތެރެއިން ނިންމެން އޮތް ގޮތަކަށް މި މައްސަލަ ނިންމާ، ބެލެން އޮތް ގޮތަކަށް މި މައްސަލަ ބަލުމަށް ފުލުހުންގެ އިދާރާގައި އެދިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ނާޒިލް ވިދާޅުވީ ޖިންސީ އަނިޔާ ލިބުނު ކުއްޖާ ފުރަތަމަ ދެއްކި ޑޮކްޓަރަކީ އާއިލީ ގޮތުން ތިމާގެ ޑޮކްޓަރެއްކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެހެންކަމުން ވަކި ބަޔަކު ބޭނުން ގޮތަކަށް މެޑިކަލް ރިޕޯޓް ހެދިތޯ ބަލަން ޖެހޭކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުމުރުން ދުވަސްވީ އަންހެންމީހާ އަކީ ބަލި މީހެއް ކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ އެ އަންހެން މިހާ ސްކޫލްގައި މަސައްކަތް ކުރާތާ 29 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން ޕްރިންސަޕަލުންނާއި ލީޑިން ޓީޒަރުންނާއި އަދި ސްކޫލްގައި ތިބި މަސައްކަތު މީހުންނާއި ވެސް ނާޒިލް ވާހަކަދައްކާފައިވާއިރު، އެކަހަލަ އެއްވެސް ޝަކުވާއެއް ނުވަތަ އެކަހަލަ ކަމެއް ފެނިފައިވާ ކަމަށް ބުނާ އެކަކު ވެސް ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިލް ވިދާޅުވީ ހައްޔަރުކޮށްފައިވާ އަންހެން މީހާއަކީ އުމުރުން ދުވަސްވީ ބަލި މީހަކަށްވާއިރު، ރަނގަޅަށް ނުހިނގޭ މީހެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ ނިމެންދެއްވެސް އެ މީހާ އަށް ލުއި ގޮތެއް ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.