English Edition
Dhivehi Edition
ފޮޓޯ: އޭއޯ ނިއުސް

ހިޔާގެ ވެރިންނަށް ތިދޭ އަނިޔާގެ ބަދަލު އޮތީ ވަރަށް ގާތުގައި ކަމަށް ބުނެ ހިޔާ ޔޫނިއަނުން ސަރުކާރަށް ބަހުގެ ޙަމަލާތަކެއް ދީފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ “ހިޔާ ފްލެޓް” ތަކުގެ ވެރިންގެ ހައްގުގައި މަސައްކަތް ކުރުމަށް އުފައްދާފައިވާ ހިޔާ ޔޫނިއަނުން މިގޮތަށް ބަހުގެ ޙަމަލާތަކެއް ސަރުކާރަށް އަމާޒުކޮށްފައި މިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ނަގަން އެޗްޑީސީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ހިޔާ ޔޫނިއަންގެ ޓްވީޓުގައި ބުނެފައިވަނީ ސަރުކާރުގެ ހުރި ނިކަމެތިކަން މިއަދު ފެނިއްޖެ ކަމަށާއި ނާގާބިލިއްޔަތުކަން ދައްކައިފި ކަމަށެވެ. އަދި ހިޔާގެ ރައްޔިތުންނަށް އޮތް މަޖުބޫރީ ހާމަވެއްޖެ ކަމަށާއި ހިޔާގެ ވެރިންނަށް ތިދޭ އަނިޔާގެ ބަދަލު އޮތީ ވަރަށް ގާތުގައި ކަމަށް ވެސް ބުނެފައިވެއެވެ.

އެ ޔޫނިއަނުން މިހެން ބުނެފައިވާއިރު، ހިޔާ ފްލެޓުތަކުގެ ކުލި ނަގަން އެޗްޑީސީން ފަށާފައި މިވަނީ ހަތް މަސް ދުވަސް ވަންދެން ކުލި ފަސްކޮށްދިނުމަށް ފަހުއެވެ.

ހިޔާ ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި 7500 ރުފިޔާ އަދި މެއިންޓެނެންސް ފީ ގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖެހެއެވެ. އެހެންކަމުން ހިޔާ ފްލެޓުވެރިންން ކޮންމެމަހަކު ވެސް 8500 ރުފިޔާ އެޗްޑީސީއަށް ދައްކަން ޖެހޭނެއެވެ.

ހިޔާ ޔޫނިއަނުން މިފަދަ ޓްވީޓެއް ކޮށްފައިވާއިރު، ހިޔާ ފްލެޓްތަކުން ކުލި ދައްކަން ޖެހޭ ތާރީހު ފަސްކޮށް ދިނުމަށް މާލެ ސިޓީ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފައެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ އަތްމަތި އެންމެ ބޮޑަށް ދަތިވެ، އެންމެ ބޮޑަށް ޚަރަދު ބޮޑުވާ މަސް ކަމަށްވާ ރަމަޟާން މަހު ހިޔާ ފްލެޓުގެ ކުލި ނަގަން ފެށުމަކީ އެތައް ހާސް އާއިލާއަކަށް ތަކުލީފް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ.

“މިނިންމުން ބަދަލުކޮށް ކުލި ދައްކަން ފަށަންޖެހޭ ތާރީޚް ފަސްކޮށްދެއްވުމަށް ގޮވާލަން!” މުއިއްޒުގެ ޓުވިޓްގައި ވިދާޅުވިއެވެ.