މި އަހަރުގެ ބަރަކާތްތެރި ރަމަޟާންމަސް މިވަނީ އަޅުގަނޑުމެންނާއި ބައްދަލުކޮށްފައެވެ. މި އަދަކީ މި އަހަރުގެ މި މާތް މައްސަރުގެ ފުރަތަމަ ދުވަހެވެ. މި މައްސަރުގެ ހެޔޮ އެދުމާއި ތަޙްނިޔާ ހުރިހާ މުސްލިމް ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރަމެވެ. އަދި މި މައްސަރުގެ މާތްކަން އެންމެހާ ލޮބުވެތި އަޙުންނާއި އުޚުތުންނަށް ހެޔޮގޮތުގައި މިންވަރު ކުރެއްވުމަށް އެދި ދުޢާކުރަމެވެ.
ބަރަކާތުން ފުރިގެންވާ ފުއްސެވުމާއި ދިންނެވުމުގެ މި މައްސަރަކީ ކޮންމެ އަހަރަކު އެއް ފަހަރު އަޅުގަނޑުމެންނާއި ބައްދަލުކުރާ ސަވާބާއި ދަރުމައިން ފުރިގެންވާ މާތް މައްސަރެކެވެ. އަދި މިއީ ﷲގެ އަޅުތަކުން ނަށް މުޅި އަހަރު ދުވަހުގެ ތެރޭގައި ކުރެވިފައިވާ ކުއްފާފަތަކުން ނަފުސު ތާހިރުކޮށްލަން ﷲ ދެއްވާ ރަނުގެ ފުރުސަތެއްވެސް މެއެވެ. މި ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ.
މި މައްސަރަކީ އަޅުގަނޑުމެން އެހެނިހެން މައްސަރުތަކާއި ޚިލާފަށް އަޅުކަމުގައި ވަރަށް ހީވާގިވާން ޖެހޭ މައްސަރެކެވެ. ކީރިތި ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ދިނުމާއި ރޭ އަޅުކަން ކުރުން ފަދަ ކަންކަމެކެވެ. މި މައްސަރަކީ ގިނަ ވަގުތު އަޅުކަމުގައި ހޭދަކުރަން ވީ މައްސަރެވެ.
މި މައްސަރަކީ ކުޅިވަރާއި މަޖަލުގައި މުނިފޫހި ފިލުވުމުގައި ވަގުތުތައް ބޭކާރު ކުރަން ވީމައްސަރެއް ނޫންނެވެ. ރަމަޟާން މަހަކީ މި ފަދަ ބޭކާރު ކަންކަން އެއްކިބާކޮށް ފުއްސެވުމާއި ދިންނެވުން ލިބޭތޯ އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރަންވީ މައްސަރެކެވެ. މިކަހަލަ ފުރުސަތުތަކީ މާ ގިނައިން ލިބޭނޭ ފުރުސަތަކަށް ނުވާއިރު، މިފަދަ ފުރުސަތެއް ލިބުމުން ފުރަގަސްދޭކަށް ހެޔޮ ނުވާނެއެވެ. މިއީ ތިބާއަށް ލިބޭނޭ އެންމެ ފަހު ރަމަޟާން މަހަށްވެސް ވެދާނެއެވެ. ފުރުސަތުގެ ބޭނުން ހިފާށެވެ.
މިފަހަދ ފުރުސަތެއްގެ ބޭނުން ނުހިފާ އެބަހީ މިފަދަ ފުއްސެވުމާއި ދިންނެވުން ލިބިގަނެވެން އޮތް މައްސަރެއްގެ ބޭނުން ނުހިފައި ބޭކާރު ގޮތުގައި ވަގުތު ދުއްވާލާ މީހާއަށްވުރެ ވަކި އަބާއްޖަވެރި މީހަކު ހުންނާނެ ހެއްޔެވެ.
އޭ އަޚާއެވެ. އޭ އުޚުތާއެވެ. މި ފުރުސަތުގެ ބޭނުން ހިފުމަށް އަވަސްވެގަންނާށެވެ. މިފަދަ ދެވަނަ ފުރުސަތެއް ނުލިބިދާނެއެވެ.