ނަމާދުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސް ކުރައްވައިފިއެވެ.
1443 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައި އެމަނިކުފާނު ވަނީ ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ، ފުއްސެވުމާއި ދިންނެވުމުގެ މައްސަރަކަށްވާތީ، އަނެކާއަށް އޯގާތެރިކަން އިސްކުރުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އާލާކުރުމަށް ވެސް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން މަޢާފްކުރުމާއި، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު މުޢާމަލާތުކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މަހުގެ ދަރުމަ އާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންތައްތައްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
އެމަނިކުފާނު ވަނީ މިމަތިވެރި ފުރުޞަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި ތަރާވީޙް ނަމާދުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިލްތިމާސް ކުރައްވާފައެވެ.
މީގެ އިތުރުން ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވާތީ، ގިނަގިނައިން ޤުރްއާން ކިޔެވުމުގެ އާދަ ހަރުލެއްވުމާއި ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޚިޠާބު ނިންމަވާލައްވާފައި ވަނީ މި މާތް މައްސަރުގެ ނިޢުމަތްތަކާއި ދަރުމައާއި ޘަވާބު، މުޅި އިސްލާމީ އުންމަތަށް މިންވަރުކުރެއްވުން އެދި ދުޢާ ދަންނަވަމުންނެވެ.