English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު - ފޮޓޯ: އާކައިވް

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ.ހުސައިން ފާއިޒް މަގާމުގެ ޒިންމާތަކުން ދުރުކޮށް ސަސްޕެންޑްކޮށްފިއެވެ.

މިއަދު ޑރ.ހުސައިން ފާއިޒް މަގާމުގެ ޒިންމާތަކުން ދުރުކޮށް ސަސްޕެންޑްކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތުގައެވެ. ފާއިޒްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސީސީޓީވީ ކެމެރާ ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާރަލީކަމުގެ ތުހުމަތާއި ސުޕްރީމް ކޯޓުގެ މައުލޫމާތު ބޭރުކުރުމުގެ ތުހުމަތެވެ،

މިކަމާއި ގުޅޭ ގޮތުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ސެކިއުރިޓީ އޮޑިޓެއް ހެދުމަށް ފަހު އޮޑިޓުން ފާހަގަވި ކަންކަން ތަހުގީގު ކުރުމަށްޓަކައި ޑރ. ފާއިޒް މަގާމުން އެކަހެރިކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އެސްޖީގެ މަގާމަށް ފާއިޒް އައްޔަންކުރީ 7 ޖެނުއަރީ 2019ގައެވެ،

ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އަކީ އިދާރީ ހިންގުމުގެ ކަންކަން ހިންގުމުގެ އެންމެ އިސް މުވައްޒަފެވެ. މިގޮތުން ސުޕްރީމް ކޯޓުގެ އެސްޖީގެ މަސްއޫލިއްޔަތުގެ ތެރޭގައި، އެ ކޯޓުގެ އިދާރީ ކަންތައްތައް ހިނގަމުންދަނީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށްތޯ ކަށަވަރުކުރުން ހިމެނެއެވެ. އަދި އެސްޖީއާ ހަވާލުކޮށްފައިވާ ދާއިރާއާ ގުޅޭ ސިޔާސަތުތައް އެކުލަވާލައި މަޝްރޫއުތައް ރޭވުމަށް ބޭނުންވާ މައުލޫމާތު ފަނޑިޔާރުންގެ މަޖިލީހަށް ފޯރުކޮށްދިނުން ހިމެނެ އެވެ.