ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، “ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” އިފްތިތާޙްކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވާފައި ވަނީ މިކަމަށްޓަކައި މިއަދު ހަވީރު ޕީއެސްއެމްގެ ޓެލެވިޜަން މޯލްޑިވްސް ބިލްޑިންގގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށް ގެންދާ މަޝްރޫޢެކެވެ. މި އަހަރުގެ ފެބްރުއަރީ މަހުގައި ޢަމަލީ މަސައްކަތް ފެށުނު މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭނީ ރާއްޖޭގައި ޑިޓިޓަލް ޓީވީ ނެޓްވަރކެއް ޤާއިމްކުރުމުގެ މަސައްކަތެވެ. މިގޮތުން، 2024 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާ މި މަޝްރޫޢު ނިމޭ އިރު ހައި ޑެފިނިޝަން ކޮލިޓީގައި ލޯކަލް 8 ޗެނަލް މުޅިން ހިލޭ ރާއްޖޭގެ އާބާދީގެ 90 އިންސައްތަ ސަރަޙައްދަށް ފޯރުކޮށްދެވޭނެއެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކަކީ ވަރަށް ގިނަ، ތަފާތު ޚިދުމަތްތަކެއް ފޯރުކޮށްދޭ ވިއުގައެކެވެ. މީގެ އެންމެ މުހިންމު ކަމަކީ މި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤުދުރަތީ ކާރިސާއެއް ދިމާވާ ޙާލަތެއްގައި ދުރާލާ އިންޒާރުދޭ ނިޒާމެއް ޤާއިމްކުރެވިފައިވާކަމެވެ.
މި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.