English Edition
Dhivehi Edition

“ސާފު ތެނަދޫ” ގެ ނަމުގައި ގދ. ތިނަދޫ ސާފުކުރުމުގެ ޕްރޮގްރާމެއް ކައުންސިލުން ފަށައިފިއެވެ.

ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮގްރާމުގައި ފުރަތަމަ ފަށާފައިވަނީ ތިނަދޫ މިއުޒިއަމް ޕާކު ސަރަހައްދުންނެވެ. އިއްޔެ ފެށި މި ހަރަކާތުގައި ތިނަދޫ ހުޅަނގުފަރާތު ގޮނޑުދޮށުގެ ބޮޑު ސަރަހައްދެއް ވެސް ވަނީ ސާފުކޮށްފައެވެ.

ތިނަދޫ ކައުންސިލުން ބުނީ އިއްޔެގެ މި ހަރަކާތުގައި ގިނަ ޢަދަދެއްގެ ޕްލާސްޓިކް، ބިއްލޫރި، ދަގަނޑު އަދި ރަބަރު ފަދަ ތަކެތި އެ ސަރަހައްދުން ނަގާފައިވާ ކަމަށެވެ.

އިއްޔެގެ ހަރަކާތުގައި ތިނަދޫ ކައުންސިލްގެ މެމްބަރުންނާއި ކައުންސިލްގެ މުވައްޒިފުންނާއި ތިނަދޫގެ ބައެއް ސްކޫލްތަކުގެ ބައެއް ދަރިވަރުން ވެސް ބައިވެރިވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ތިނަދޫއަކީ ސާފުތާހިރު ރަށެއްގެ ގޮތުގައި ބޭއްވުމަށް އެރަށު ކައުންސިލުން އިސްނަގައިގެން ހިންގާ މި ހަރަކާތް ރަމަޟާން މަހަށްފަހު، މިހާރަށްވުރެ ވަރުގަދަކޮށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރަށުގެ ގިނަ ބަޔަކަށް ބައިވެރިވެވޭފަދަ ގޮތަކަށް ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް ތިނަދޫ ކައުންސިލުން ބުނެފައިވެއެވެ.