English Edition
Dhivehi Edition

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކޮށްފިއެވެ.

މި މަހުގެ 20 ވަނަ ދުވަހު ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ފުވައްމަލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އާއި ކައުންސިލް މެމްބަރުންނާއި ސިޓީ ކައުންސިލް އިދާރާގެ އިސް މުވައްޒަފުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި އެ ކޮމިޝަނުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ފުވައްމުލައް ސިޓީ ކައުންސިލާއި ވަނީ ހިއްސާކުރައްވާފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އުފެދިފައިވަނީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހަށްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށެވެ. އަދި ބައިނަލްއަޤްވާމީ އާއި ސަރަޙައްދީ މުޢާހަދާތަކާއި ޤަރާރުތަކުގެ ތެރެއިން، ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ މުޢާހަދާތަކާއި ޤަރާރުތަކާ އެއްގޮތްވާގޮތުގެމަތިން، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ދަމަހައްޓައި، އެފަދަ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކަށް އެހީތެރިވެ ހިތްވަރު ދިނުމަށެވެ.

މި ގޮތުން އެ ކޮމިޝަނުން އަންނަނީ މި ލަނޑުދަޑިތައް ހާސިލްކުރުމަށް ސަރުކާރާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން މުއައްސަސާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.