ގދ. ތިނަދޫން މީހުން ބޭލި މައްސަލަ ތަހުގީގުކުރުމަށް އެރަށު މީހުންގެ ބަޔާން ނެގުން މާދަމާ އޮންނާނެ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން ބުނީ އެ މައްސަލައިގެ އަޑުއެހުންތައް އޮންނާނީ މާދަމާ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު 2:30 އިން ހަވީރު 6:00 ގެ ނިޔަލަށް، ގދ. ތިނަދޫގައި ހުންނަ މޯލްޑިވް ނެޝަނަލް ޔުނިވާސިޓީގެ ކެމްޕަހުގައި ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ގދ. ތިނަދޫން މީހުން ބޭލި މައްސަލަ ތަހުގީގުކުރުމަށް އެރަށު މީހުންގެ ބަޔާން ނެގުން މާދަމާ ބާއްވާ މި އަޑުއެހުންތަކުގައި އާންމުންނަށް ބައިވެރިވެވޭނެ ގޮތަށް ވަނީ ނިންމާފައެވެ.
ގދ. ތިނަދޫގައި މާދަމާ މި އަޑުއެހުންތައް ބާއްވާއިރު، މި މައްސަލައިގެ އަޑުއެހުންތައް މާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.
ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ މީގެ 60 އަހަރު ކުރިން ފެބުރުއަރީ 2، 1962 ގައެވެ. އެއަށްފަހު އަލުން ތިނަދޫ އާބާދުކޮށްފައިވާއިރު، އަލުން އާބާދުވިތާ މިއަހަރު 56 އަހަރު ފުރޭނެއެެވެ.
ތިނަދޫން މީހުން ބޭލި މައްސަލައިގައި އަޑުއެހުންތަކެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި އަސާސީ ހައްގުތަކާއި އިންސާނީ ހައްގުތައް ގެއްލުމުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ވާހަކަތައް އާންމުކޮށް ހިއްސާކުރުމަށް ފުރުސަތު ދިނުމާއި ކަން ހިނގާފައިވާ ގޮތާ ގުޅޭ އިތުރު މައުލޫމާތުތަކެއް ހޯދުން ކަމަށް އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ ބުނެފައެވެ.
އެ އޮފީހުން ބަލަން ހަމަޖެހިފައިވަނީ 1 ޖެނުއަރީ 1953 އިން ފެށިގެން 17 ނޮވެމްބަރު 2018 އާ ހަމަޔަށް ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން ނުވަތަ މަސައްކަތްކުރަމުންދާ ފަރާތަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތަކެވެ.