English Edition
Dhivehi Edition
ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޤަވާއިދުން ބާއްވާ ފުލްސްކޭލް އެމަރޖެންސީ އެކްސަސައިޒް، މާދަމާ ހަވީރު ކުރިއަށްގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

އެއަރޕޯޓްގައި ހިނގާފާނެ ކުއްލި ޚާލަތަކަށް ތާއްޔާރުވުމަށް ކުރިއަށްގެންދާ މި އެކްސަސައިޒުގައި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއާއި ގުޅިގެން ކުރިއަށްގެންދާ، ރާއްޖޭގެ އެވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު މި ޙަރަކާތުގައި އެކިދާއިރާތަކުން 400 އަށްވުރެގިނަ ފަރާތުން ބައިވެރިވާނެއެވެ.

ކޮންމެ ދެ އަހަރަކުން އެއްފަހަރު ކުރިއަށް ގެންދާ މިޙަރަކާތަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމް.ސީ.އޭ.އޭ) އާއި
އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން (އައިކާއޯ) އިން ލާޒިމު ކުރާ ޙަރަކާތެކެވެ. އެގޮތުން ވެލާނާ
އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޮޕަރޭޓަރގެ ހައިސިއްޔަތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން އޭރޮޑްރޯމްގައި
އެއަރކްރާފްޓް އޮޕަރޭޓް ކުރުމުގައި އެމް.ސީ.އޭ.އޭ އަދި އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުރިކަން
ކަށަވަރުކޮށް ދެނެގަތުން ލާޒިމުކުރެއެވެ.

އެއަރޕޯޓް ފުލްސްކޭލް އެމަރޖެންސީ އެކްސަސައިޒްގެ ބޭނުމަކީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވީއައިއޭގެ އެމަރޖެންސީ ޕްލޭން އަދި ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސްކާއި، މިޙަރަކާތުގައި ބައިވެރިވާ އެއަރލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓްކުރުމެވެ. އަދި އެމް.އޭ.ސީ.އެލްގެ ޑިޕާޓްމަންޓްތަކާއި، ސަރުކާރުގެ އެކިއިދާރާތަކާއި، ކަމާއިގުޅޭ އެހެން މުއައްސަސާތަކުގެ މެދުގައި ކޯޑިނޭޝަން އޮންނަ މިންވަރުވެސް ވަޒަން ކުރެވޭނެއެވެ. އަދި ކުއްލި ނުރައްކަލުގެ ޚާލަތެއްގައި އެހީތެރިވާނެ އިދާރާތަކާއި ޞިއްހީ ޙިދުމަތްދޭ ތަންތަނުގެ ކެޝުއަލްޓީ މެނޭޖްމެންޓް ކެޕޭސިޓީ އަމިއްލައަށް ވަޒަން ކޮށްލަން ލިބޭނެ ފުރުޞަތަކަށް މި ޙަރަކާތް ވެގެންދާނެއެވެ. އަދި އެމް.އޭ.ސީ.އެލްގެ މީޑިއާ މެނޭޖްމެންޓާއި ފަޔަރ އެންޑް ރެސްކިއު ސަރވިސަސްގެ
ޙަރަކާތްތައް މިފަދަ ޚާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ވަޒަންކުރެވޭނެއެވެ.

މި ހަރަކާތުގައި އެއަރޕޯޓްގެ އެކި ދާއިރާތަކުގެ އިތުރުން ޞިއްހީ ޚިދުމަތްދޭ ތަންތަން ހިމެނޭގޮތުން 30 އިދާރާއަކުން ބައިވެރިވާނެއެވެ. އަދި މިހުރިހާ މުވައްސަސާތަކުގެ އިމަރޖެންސީ ޕްލޭން ޙަރަކާތްތެރި ކުރެވިގެންދާނެއެވެ.

މާދަމާ ފަށާ އެއަރޕޯޓް ފުލްސްކޭލް އެމަރޖެންސީ އެކްސަސައިޒްގެ ރަސްމީ އެއަރލައިންގެ ގޮތުގައި އެމިރޭޓްސް އެއަރލައިން ބައިވެރިވާނެއެވެ. އަދި ޙަރަކާތް ކުރިއަށް ގެންދާއިރު އެމަރޭޓްސްގެ ސެފްޓީ އޮޕަރޭޝަން ޕްލޭން ޙަ ރަކާތްތެރިކޮށް އެއަރޕޯޓްގެ އެމަރޖެންސީ ސަރވިސަސްއާއި އެކު ބައިވެވެރިވާނެއެވެ.

މިއީ ރާއްޖޭގައި ބާއްވާ މިފަދަ ޙަރަކާތެއްގައި ބައިނަލްއަޤްވާމީ އެއަރލައިންއަކުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.

މިޙަރަކާތް ކުރިއަށް ގެންދިޔުމުގެ އެންމެފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާއިރު، މި ޙަރަކާތުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ވަނީ މައުލޫމާތު ދިނުމާއި ތަމްރީން ބައްދަލުވުންތައް ކުރިއަށް ގެންދެވިފައެވެ. މީގެ ތެރޭގައި ޞިއްހީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްޞަ ތަމްރީންތަކާއި ސަލާމަތީ ޙިދުމަތްތަކާއި ވޮލެންޓިއަރުންނަށްވެސް ހިންގުނު ތަމްރީންތައް ހިމެނެއެވެ.

މީގެ އިތުރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ ގިނަ މަޝްރުޢޫތަކެއް ކުރިއަށް ގެންދާއިރު، މީގެ ޙަރަކާތުގެ
ތެރޭގައި މިހާރު އޮޕަރޭޝަން ފަށާފައިވާ ގިނަ ތަންތަން ޓެސްޓްކުރެވޭނެއެވެ. އޭގެ ތެރޭގައި މިހާރު ވަގުތީ ގޮތުން ޓެކްސީވޭގެ ގޮތުގައި
ބޭނުންކުރާ ކޯޑް-އެފް ރަންވޭ މިފަދަ ޚާލަތެއްގައި ބޭނުންކުރާނެ ގޮތް ޓެސްޓްކުރެވޭއެވެ.

މާދަމާ ހަވީރު ހަތަރަކުން ރޭގަޑު އަށެއް ޖެހުމާއި ހަމައަށް ޙަރަކާތް ކުރިއަށް ގެންދާއިރު، ހަވީރު 4 އިން 6 އަކަށް އެއަޕޯޓުގެ ރަންވޭގެ
އޮޕަރޭޝަން އެއްކޮށް މަޑުޖައްސާލާނެއެއެވެ. ނަމަވެސް ބައިނަލް އަޤްވާމީ އުދުހުންތަކުގެ ޗެކްއިން އަދި ސީޕްލޭން އޮޕަރޭޝަން
ހުއްޓުމެއްނެތި ކުރިއަށް ދާނެއެވެ