English Edition
Dhivehi Edition

ބޭރުގެ ގައުމެއްގެ ސިފައިން ހަތިޔާރާއެކު ރާއްޖޭގައި ނެތް ކަމަށް ޑިފެންސް މިނިސްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ އދ. މަހިބަދޫގައި “އިންޑިއާ އައުޓް” ނަމުގައި އިދިކޮޅު ޕްރޮގްރެެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ ހަރަކާތުގައި އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭގޮތަށް ޙަޤީޤަތާ ޚިލާފު ގިނަ ވާހަކަތަކެއް ދައްކާފައިވާތީ އެކަން ކުށްވެރިކޮށް ނެރުނު ބަޔާނުގައެވެ.

އެވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނުގައި ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެހެން ޤައުމުތަކުގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ކުރިން ހޯދަންޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތް އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ޙައްޤެއްކަމަށެވެ.

” ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދުތައް ރާއްޖެއަށް އައުމުގައި ނުވަތަ އެ ބަނދަރަށް ވަންނަން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ދައްކާފައިވާ ދޮގު ވާހަތަކެއް. އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ބޭނުންތަކަށް ޢަމާޒުކޮށް، ޤައުމީ ދިފާޢީ ބާރުން ބޭނުންވާގޮތަށް ފަރުމާކޮށްފައިވާ ތަނެއް.” އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ އެ ބަނދަރަކީ ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ތަރައްޤީކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށެވެ. އަދި އެ ތަނަކީ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއްކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.

ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތާއި، ދިވެހިރާއްޖޭގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ގެއްލުވާލާ، ދިވެހި އަސްކަރިއްޔާގެ ނަޒާހަތްތެރިކަން ގެއްލުވާލާ، ސިފައިންގެ އަގުވައްޓާލަން ޙަޤީޤަތާ ޚިލާފް ދޮގު މަޢުލޫމާތު ނުފެތުރުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލު ދިފާޢުކޮށް ނެގެހެއްޓުމުގައި ދިވެހި އަސްކަރިއްޔާ ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް އެ މިނިސްޓްރީން ކަށަވަރުކޮށްދޭ ކަމަށް ވެސް ބުނެފައިވެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މަހުބަދޫގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހަދާފައިވާ އެއްބަސްވުންތައް ވަރަށް ނުރައްކާ ކަމަށް ވިދާޅުވެ، މީގެ ކުރީން ހާމަނުކުރައްވާ ބައެއް މައުލޫމާތުތައް އާންމު ކުރައްވާފައެވެ. އަދި ރާއްޖެ-އިންޑިއާ އިން ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި މިހާރު ރާއްޖެ ސަރަހައްދަށް ވަދެވޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ތުހުމަތު ކުރައްވާފައިވާ ގޮތުގައި ދިވެހި ސަރުކާރަށް ހަމައެެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން އަންގާލުމުން ފުދޭ ގޮތަށް އެއްބަސްވުން ވަނީ ހަދާފައެެވެ. އެ އެއްބަސްވުމުގެ ތެރެއިން ރާއްޖެއަށް ބޭނުން ބާވަތެއްގެ ހަތިޔާރެއް ބޭނުން މިންވަރަކަށް އެތެރެ ކުރެވޭނެ ކަމަށް ވެސް ރައީސް ޔާމީން ވަނީ ތުހުމަތު ކުރައްވާފައެވެ.

އެއީ ދޮގު ވާހަކަތަކެއް ކަމަށް ވިދާޅުވާން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.