English Edition
Dhivehi Edition
ޑިސެމްބަރު 2017 ގައި ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

މިއަހަރު ރަމަޟާން ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އިން އިއުލާންކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއިން ކޮށްފައިވާ އިއުލާނުގައި ބުނީ ޢުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް، އަސާސީ ތަޢުލީމު ޙާޞިލްކޮށްފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭ ޞިއްޙަތު ރަނގަޅު ފިރިހެނަކު ބޭނުންވާކަމަށެވެ.

މި މަގާމަށް ހޮވޭ ފަރާތުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުމާއި، މެސް ރޫމާއި ހަވާލުވެ ހުންނަ ފަރާތުގެ އިރުޝާދުގެ ދަށުން މެސްރޫމްގެ މަސައްކަތްކުރުން ހިމެނެއެވެ. އަދި ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުމާއި ޢުމްރާވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ކުންފުނީގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ޙައްލުކުރުން ހިމެނެއެވެ. މީގެ އިތުރުން މި މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއިން އިން ބުނީ މި މަޤާމްތަކަށް މީހުން ހޮވުމުގައި ޢަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުޢާމަލާތްކުރަން އެނގޭ، ޙައްޖު އަދި ޢުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުޞަތު ދެވޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު އެ ކުންފުނީގެ ވެބްސައިޓް www.mhcl.mv އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން 17 މާރި ޗުވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.