English Edition
Dhivehi Edition
ޑިސެމްބަރު 2017 ގައި ހައްޖު ކޯޕަރޭޝަންގެ ދަށުން އުމްރާ އަށް ދިޔަ އުމްރާވެރިން މައްކާގައި - ފޮޓޯ: ހައްޖު ކޯޕަރޭޝަން

މި އަހަރު ޑިސެމްބަރު އުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދޭނެ 2 ފަރާތެއް ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް އިން އިއުލާންކޮށްފިއެވެ.

ޙައްޖު ކޯޕަރޭޝަން ލިމިޓެޑްއިން ކޮށްފައިވާ އިއުލާނުގައި ބުނީ އުމްރާ ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތްކޮށްދިނުމަށް، އަސާސީ ތައުލީމު ހާސިލްކޮށްފައިވާ އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ ސިއްހަތު ރަނގަޅު 2 ފިރިހެނަކު ބޭނުންވާކަމަށެވެ.

އެ ކޯޕަރޭޝަން އިން ބުނީ އެ މަގާމަށް ހޮވޭ ފަރާތުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ކެއުމުގެ އިންތިޒާމް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ގެންދިޔުމަށްޓަކައި ކައްކާއިންގެ އިރުޝާދުގެ ދަށުން މަސައްކަތްކުރުން ހިމެނޭ ކަމަށެވެ. އަދި މެސް ރޫމާއި ހަވާލުވެ ހުންނަ ފަރާތުގެ އިރުޝާދުގެ ދަށުން މެސްރޫމްގެ މަސައްކަތްކުރުން ހިމެނެއެވެ. އަދި ބާޒާރުން ގަންނަންޖެހޭ ތަކެތި ހޮޓަލަށް ގެނައުމާއި އުމްރާވެރިންނަށް ދިމާވާ އެކިއެކި ކަންކަން، ކުންފުނީގެ އިސް މުވައްޒަފުންގެ އިރުޝާދުގެ ދަށުން ހައްލުކުރުން ހިމެނެއެވެ. މީގެ އިތުރުން މި މަގާމުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކުންފުންޏަށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ މި މަގާމައް މީހުން ހޮވުމުގައި އަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުއާމަލާތްކުރަން އެނގޭ، ހައްޖު އަދި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެ ނަމަ އެންމެ އެކަށީގެންވާ ފަރާތްތަކަށް ފުރުސަތު ދެވޭނެކަމަށްވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން ނޮވެމްބަރު 09 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ހުށަހެޅުމަށް ވަނީ އެދިފައެވެ. ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.