English Edition
Dhivehi Edition

އެމެރިކާގެ މާކެޓިން ކުންފުންޏެއް ކަމުގައިވާ މަޝްޙޫރު ނައިކް ކުންފުނިން އިނގިރޭސި ކުލަބު ޗެލްސީއާއި އެކު ހަދާފައިވާ 540 މިލިއަން ޕައުންޑުގެ ކިޓް ޑީލް އުވާލުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

15 އަހަރު ދުވަހުގެ މުއްދަތަށް ނައިކީން ޗެލްސީއާއި އެކު ހަދާފައިވާ އެއްބަސް ވުން އުފާލުމަށް ނައިކީ ކުންފުނިން މަޝްވަރާތައް ކުރަމުން ގެންދާކަމަށް އެ ކުންފުނިން ބުނެފައިވާއިރު، މި އެއްބަސްވުން އުވާލުމަށް މަޝްވަރާތައް ކުރަން ފަށާފައި މިވަނީ ޗެލްސީގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އަށް އިނގިރޭސި ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކުލަބުގެ ވެރިޔާ ރޯމަން އަބްރަމޮވިޗްއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އޭނާގެ ހުރިހާ މުދަލެއް ފްރީޒްކޮށްފައެވެ. ޗެލްސީގެ ޖާޒީ ކިޓް ސްޕޮންސާ، މޯބައިލް ފޯން ފާމް ތްރީ އިން މިހާރުވެސް ވަނީ ވަކި އެއްޗެއް އަންގަންދެން ސްޕޮންސާ ޝިޕް މެދުކަނޑާލަން ނިންމާފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. އެގޮތުން ނައިކީން ވެސް ދަނީ ޗެލްސީއަށް ފިޔަޅުތަކެއް އެޅުމަށް ވިސްނަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޗެލްސީން ނައިކީއާއެކު ޕާޓްނާޝިޕެއް ހެދީ 2016 ވަނަ އަހަރު، ގާތްގަނޑަކަށް 900 މިލިއަން ޕައުންޑްގެ އަގަށެވެ. ރިޕޯޓްތައް ބުނާގޮތުން ނައިކީން ޗެލްސީއަށް ފިޔަވަޅު އަޅައިފި ނަމަ އެކުލަބަށް 540 މިލިއަން ޕައުންޑްގެ ބޮޑު ގެއްލުމެއް ލިބޭނެއެވެ. ޗެލްސީން މިހާރު ވަނީ ސްޓެމްފޯޑް ބްރިޖްގައި ހުންނަ އެ ކުންފުނީގެ ފިހާރަ ވެސް ބަންދުކޮށް އެތަނުން އެއްވެސް ފިޔަފާރިއެއް ނުކުރެވޭ ގޮތަށް ހަދާފައެވެ.

އިނގިރޭސި ސަރުކާރުން ރަޝިއާ ބިލިއަނަރު އަދި ޗެލްސީގެ ވެރިޔާ ރޯމަން އަބްރޮމަވިޗް އަށް ފިޔަވަޅު އަޅާފައިވާއިރު، އިނގިރޭސި ސަރުކާރުން ވަނީ ޗެލްސީ ކުޅޭ މެޗުތަކަށް އެޓީމުގެ ސަޕޯޓަރުން ވަނުން މަނާކޮށް އެ ސަޕޯޓަރުންނަށް މެޗު ޓިކެޓް ވިއްކުން ވެސް މަނާކޮށްފައެވެ. އަދި ހަމަ އެކަނި މެޗުތަކަށް ވަދެވޭނީ މިހާރު ޓިކެޓް ގަނެފައިތި ފަރާތްތަކަށް އެކަނި ކަމަށް ވެސް ނިންމާފައެވެ.

އިނގިރޭސި ސަރުކާރުން އެޅި ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ޗެލްސީއަށް އާ ކުޅުންތެރިންގެ ސޮއި ހޯދުން މަނާކުރުމާއި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން އެއްބަސްވުން ހަމަވާ ކުޅުންތެރިންގެ އެއްބަސްވުން އަލުން އާ ނުކުރެވޭ ގޮތަށް ހެދުން ހިމެނެއެވެ.