ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުންގެ ގުރުއަތުނެގުން އަންނަ ބުދަ ދުވަހަށް ތާވަލްކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރޭ ކުރި އިއުލާނެއްގައި ވަނީ އިންތިޚާބުތަކަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ގުރުއަތުނެގުމާއި ނަން ތަރުތީބުކުރުމަށް ހަމަޖެހިފައިވާ ތާރީޚު، ގަޑި އަދި ތަން އާންމުކޮށްފަ އެވެ.
އެގޮތުން މާލެ ސިޓީގެ ގުރުއަތުނެގުން އޮންނާނީ ބުދަ ދުވަހުގެ 21:00 ގައި އިންތިޚަބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)ގެ ޓްރެއިނިންގ ހޯލުގައި ކަމަށްވާއިރު، އައްޑޫ ސިޓީގެ ގުރުއަތުނެގުން އޮންނާނީ ބުދަ ދުވަހުގެ 16:30 ގައި އަދި ކުޅުދުއްފުށި ސިޓީގެ ގުރުއަތުނެގުން އޮންނާނީ ބުދަ ދުވަހުގެ 14:30 ގައެވެ. އަދި ފުވައްމުލަކު ސިޓީގެ ގުރުއަތުނެގުން އޮންނާނީ ބުދަ ދުވަހުގެ 10:30 ގައި ކަމަށްވާއިރު، އެހެނިހެން އަތޮޅުތަކުގެ ގުރުއަތުނެގުން އޮންނާނީ ބުދަ ދުވަހުގެ 10:00 ގައެވެ.
މާލެ ފިޔަވައި އެހެން ހުރިހާ އަތޮޅެއްގައި ގުރުއަތުނެގުން އޮންނާނީ ކައުންސިލް އިދާރާ ނުވަތަ ކައުންސިލް އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ.
އީސީން ވަނީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށް އެދިފައެވެ. އަދި ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުމަށްވެސް އީސީން ވަނީ އެދިފައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 04 ވާ ހޮނިހިރު ދުވަހު އެވެ.