ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް މިދިޔަ އަހަރު 20،900 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން އާންމުކުރި މިދިޔަ އަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޝަރުއީ ކޯޓުތަކުގެ ތެރެއިން ސުޕްރީމް ކޯޓާއި ހައި ކޯޓާއި މާލޭގެ ދަށު ކޯޓުތަކާއި އަތޮޅު ތެރޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން 69 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ޑީޖޭއޭގެ ތަފާސް ހިސާބުތައް ދައްކައެވެ.
މިދިޔަ އަހަރު ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ އިތުރުން 2018 ވަނަ އަހަރު ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމިހުރި މައްސަލަތައްވެސް މިދިޔަ އަހަރު ވަނީ ބަލާފައެވެ. މިދިޔަ އަހަރު ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތަކާއި އޭގެ ކުރީ އަހަރު ކޯޓުތަކަށް ހުށައަޅާފައިވާ މައްސަލަތަކުގެ ނުނިމިހުރި މައްސަލަތައް އެއްކޮށްލުމުން މުޅިއެކު 31،000 މައްސަލައަށް އަރައެވެ.
މިދިޔަ އަހަރު ނުނިމި ހުރި މައްސަލަތަކުގެ އަދަދަކީ 9،700 އެވެ. އެއީ 2018 ވަނަ އަހަރު ނުނިމި ހުރި މައްސަލަތަކާއި އަޅައިބަލާއިރު 4 އިންސައްތައިގެ ކުރިއެރުމެކެވެ.