English Edition
Dhivehi Edition

މިނިވަންކަޕް 2018 ގެ ސެމީ ފައިނަލްގެ ފޯރިގަދަ މެޗުތައް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު ޓީމްތަކުންވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ތައްލިހި އެފްސީ އާއި ގައުމު އެފްސީ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ޑީކޭ ސްޕޯޓްސް ކްލަބާއި ރިސޯޓް ބޮއިސް ޔުނައިޓެޑެވެ..

މިރޭގެ މެޗާއި ބެހޭ ގޮތުން ތައްލިހި އެފްސީ އިން ބުނެފައިވަނީ މިރޭގެ މެޗަކީ މި މުބާރާތުގައި ކުޅޭ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި މެޗަށް ވެގެންދާނެކަމަށެވެ. އަދި މިރޭގެ މެޗުގައި ނުކުޅެވޭނެ ވަރުގެ އަނިޔާއެއް ވެފައިވާ އެއްވެސް ކުުޅުންތެރިއަކު ނެތްކަމަށް ޓީމްގެ ކޯޗު ޕިޗޭ ވަނީ ބުނެފައެވެ. މީގެ އިތުރުން ޕިޗޭ ބުނެފައިވަނީ ގައުމު އެފްސީ އަކީ މޮޅު ޓީމެއް ކަމަށާއި މިރޭގެ މެޗަކީ ވަރަށް ވާދަވެރި މެޗަކަށް ވެގެންދާނެ ކަމަށެވެ. އަދި ތައްލިހި ޓީމްގެ އެންމެ ބޮޑު އުއްމީދަނީ ސެމީ ފައިނަލްގެ މި މެޗު ކާމިޔާބުކޮށް ފައިނަލްގައި ވާދަކުރުން ކަމުގައި ޕިޗޭ ވަނީ ބުނެފައެވެ.

ތައްލިހި އެފްސީ އާއި ދެކޮޅަށް މިރޭ ކުޅޭ ސެމީ ފައިނަލްގެ މި ފޯރިގަދަ މެޗާއި ބެހޭ ގޮތުން ގައުމު އެފްސީ ގެ މެނޭޖަރ ސާލިމް ބުނީ ގުރޫޕް ސްޓޭޖްގައި ތައްލިހި އާއި ބައްދަލުކުށް، މެޗު އެއްވަރުވެފައިވުމާއެކު އެ ޓިމް ބަލިކޮށް ފައިނަލަށް ދިއުމަކީ އެންމެ ބޮޑު އުއްމީދުކަމުގައެވެ.މިރޭގެ މެޗަށް ޓީމް ފުރިހަމައަށް ތައްޔާރުވެފައިވާއިރު ޓީމްގައި އެއްވެސް އަނިޔާގެ މައްސަލައެއް ނެތްކަމަށް ސާލިމް ވަނީ ބުނެފައެވެ. މީގެ އިތުރުން ސާލިމް ބުނީ، ބޭނުންވަނީ ތައްލިހި އެފްސީ މުބާރާތުގެ މެޗަކުން ބަލިނުވެ އޮތް އޮތުން ނިމުމަކަށް ގެނެސް ގައުމު ފައިނަލަށް ދިއުން ކަަމަށެވެ. އަދި އެ ޓީމްގެ ހުރިހާވެސް ހިތްވަރަކީ ސަޕޯޓަރުންކަމުގައި ޓީމުންވަނީ ފާހަގަކޮށްފައެވެ.

މިރޭ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޑީކޭ އާއި ވާދަކުރާ ރިސޯޓް ބޮއިސް ގެ ކޯޗު ހުސެއިން ބުނެފައވަނީ މިރޭގެ މެޗަށް ޓީމުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި އަނިޔާގެ މައްސަލަ ދިމާވި ކުޅުންތެރިޔާވެސް މިހާރު ފިޓްކަމަށެވެ. ރިސޯޓް ބޮއިސްއިން ބުނެފައިވަނީ މިރޭ އެ ޓީމް މެޗަށް ނިކުންނަނީ ޑީކޭ އަކީ މޮޅު ޓިމެއްކަން ދަނެގެންކަމަށެވެ. މީގެ އިތުރުން ޑިކޭ ގައި ފާހަގަކޮށްލެވޭ ފަދަ ދެ ތިން ކުޅުންތެރިން ތިބިކަމަށާއި އެ ކުޅުންތެރިން ހިފެހެއްޓުމަށް މަސައްކަތްކުރާނެ ކަމަށް ހުސައިން ބުނެފައެވެ

މިއަހަރުގެ މުބާރާތާއި ބެހޭ ގޮތުން މި ތިން ޓީމުންވެސް ބުނެފައިވަނީ މުބާރާތުގެ އިންތިޒާމުތައް ވަރަށް ފުރިހަމަކަމަށެވެ. އަދި އަބަދުވެސް މުބާރާތުގެ ފޯރި އާއި އިންތިޒާމްތައް އެއް ހަމައެއްގައި ހިފެހެއްޓުމަށް އިންތިޒާމް ކޮމެޓީއިން މަސައްކަތްކުރަމުންދާކަން ޓީމުތަކުންވަނީ ފާހަގަކޮށްފައެވެ

މި މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައިވާ ކޮނެމް ޓީމެއްގެ ވެސް އެންމެ ބޮޑު އަޒުމަކީ މުބާރާތުގެ ފައިނަލްގައި ކުޅެ މުބާރާތުގެ ތަށި ހިއްލާލުންކަމަށެވެ