މީސްތަކުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަކީ ހުއްދަނުވާނެ ނުރައްކާތެރި ޖަރީމާއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގައި ބުނީ އަތްމަތި ދަތިވާ ވަގުތު ނުވަތަ ބަނޑުހައި ހޫނުކަމެއް ކުރިމަތިވާ ކޮންމެފަހަރަކު ތިމާގެ ބަސްމޮށުންތެރިކަމުގެ ކުޅަދާނަކަމާއި ދައްކާ ޙުއްޖަތުގެ ވަރުގަދަކަމުން އެހެންމީހުން ނުހަނު ބުރަމަސައްކަތުން ހޯދާފައިހުންނަ ހަލާލު މުދާ ފޭރިގަތުނެ އަތުލުމަކީ ނުވަތަ ވަގަށް ނެގުމަކީ ހުއްދަވާނޭ ކަމެއް ނޫން ކަމަށެވެ.
“އިސްލާމް ދީނަަކި އެންމެ މާތް ދީން ކަމުގައި އަހަރުމެން ބުނަމުންގެންދާ އިރު އިސްލާމީ މުޖުތަމަޢުތަކުން މިއަދު މިފެންނަ އަޚްލާގީ މިންގަނޑުދަށް ނޭދެވޭ ސިފަތަކަކީ އިސްލާމް ދީނާ މެދު އެހެންމީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިކުރުވަފާނެ ކަމެއް. އެފަދަ ކަންކަން މި އިސްލާމީ މުޖުތަމަޢުގައި ހިނގިޔަދީގެނެއް ނުވާނެ. މިއަދު އަހަރުމެން ވާންވާނީ އިސްލާމް ދީން ގެނެސްދިން ރީތި އަޚްލާގުގެ ސަފީރުންނަށް. އެ އަޚްލާގުގެ ދިރިހުރި ނަމޫނާތަކަށް.” ޚުތުބާގައި ބުނެފައިވެއެވެ.
ކޮންމެ ގައުމެއްގެ ވެސް ޒުވާނުންނަކީ އެގައުމެއްގެ ރައުސްމާލު އަދި މާދަމާގެ ބޮޑެތި މީހުން ކަމަށާއި ޤައުމުގެ މުހިންމު އިދާރާތައް ހިންގަންތިބި މީހުންނަށްވާއިރު، އެމީހުންނަކީ ރިތެތި އަޚްލާގީ ސިފަތައް ދޫކޮށް ފައިދާނެތް ބޭކާރު ކަންކަމާއި ގެއްލުންހުރި ފިކުރުތަކުގެ ތެރެއަށް ވަދެ އިސްލާމްދީން ތަރުހީބުނުދޭ ނޭދެވޭ ސިފަތައް އަށަގެންފައިވާ ބަޔަކަށް ވެގެންނުވާނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.