ރިވެތި އަޚުލާގުގެ ސިފަތަކުގެ ތެރެއިން ކެތްތެރިކަމަކީ ވަރަށް ގިނަ އުނި ސިފަތަކުން އަހަރުމެން ސަލާމަތްކޮށްދޭ ސިފައެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ހަނދާންކޮށްދީފިއެވެ.
ޚުތުބާގައި ބުނީ އިސްލާމް ދީނުގައި ރިވެތި އަޚްލާގީ ސިފަތަކަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭ މަންފާހުރި ސިފަތަކަކަށް ވިއިރު، ބައެއް މުސްލިމުންގެ އުޅުމުން އެމާތް ސިފަތައް އެކަށީގެންވާ މިންވަރަށް ނުފެންނަކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ. އަދި މުސްލިމުން ކެތްތެރިވުމަށް ކީރިތި ޤުރްއާނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.
“އިސްލާމް ދީނަކީ ރިވެތި އަޚްލާގުގެ ދީން” މި މަޢުޟޫއަށް ކުރިއަށްގެންދިޔަ ހުކުރު ޚުތުބާގައިވަނީ ދުންޔަވީ ހަޔާތަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫން ކަމަށާއި ބައެއް ފަހަރު ސިއްޙަތު ސަލާމަތުން ހުންނައިރު އަނެއްބައިފަހަރު ބަލިމަޑުކަމާ ކުރިމަތިލާން ޖެހޭކަން ހަނދާންކޮށްދީފައެވެ. އަދި ބައެއްފަހަރު އަތްމަތި ތަނަވަސްކޮށް އުޅޭއިރު އަނެއްބައި ފަހަރު ދަތިހާލުގައި އުޅެންޖެހޭ ކަން ވަނީ ހަނދާންކޮށްދީފައެވެ.
“އަދި ބައެއްފަހަރު އަހަރުމެން ލޯބިވާ މުދަލާއި ދަނޑުފަނގުތަކާއި ދަރީން އަހަރުމެންގެ ލޯމަތީގައި ސަލާމަތުން ހުންނައިރު އަނެއްބައިފަަހރު ދިމާވާ ކުއްލި ހާދިޘާއެއްގައި ކުޑަހިނދުކޮޅެއްގެ ތެރޭގައި މިހުރިހާ އެއްޗެއް ނެތި ފަނާވެ ދެއެވެ. ބައެއްފަހަރު ނުހަނު އަމާންކަމުގައި އުޅޭ އިރު އަނެއްބައިފަހަރު ބިރުވެރިކަމާއި ނާމާންކަން ވެރިވެދެއެވެ.” ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި އިތުރަށް ބުނީ މިއިން ކޮންމެ ކަމަކީ އަހަރުމެންނާ ކުރިމަތިވާ އިމްތިހާނެއް ކަމަށާއި އަހަރުމެން ޖެހޭނީ މި އިމްތިހާނުތަކުން ފާސްވޭތޯ މަސައްކަތްކުރަން ކަމަށެވެ.
އެއީ އެކަންކަމަށް ކެތްތެރިވުން ކަމަށާއި މިފަދަކަމެއް ދިމާވާ ކޮންމެފަހަރަކު އެއީ ކޮންމެވެސް މީހެއްގެ ފަރާތުން އައި ބަދުނަޞީބެއްކަމުގައި ހީކޮށް، އެފާރަތްތަކާ ދޭތެރޭ ހިތްނުބައި ކުރުމަކީ ރީތި އަދި ރަނގަޅުގޮތެއް ނޫން ކަމަށް ވެސް ޚުތުބާގައި ބުންޏެވެ. އަދި އެކިގޮތްގޮތަށް އަހަރުމެން އިމްތިހާނު ކުރައްވާނެކަމަށް ﷲ ތަޢާލާ އަންގަވާފައިވާކަން ވެސް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފައިވެެވެ.