English Edition
Dhivehi Edition

ސޯޝަލް މީޑިއާ މެދުވެރިކޮށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ސްކީމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭ އިން ބުނީ މި ސްކީމް ހިންގަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށް ކަމަށެވެ. އަދި މި ސްކީމް ހިންގަމުން ދަނީ ސޯޝަލް މީޑިއާ ނެޓްވޯކްތައް ކަމަށްވާ ފޭސްބުކާއި ޓެލެގްރާމް ފަދަ ނެޓްވޯތަކުގައި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.

“މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާއިން އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި، އެ ފައިސާ ބޭނުން ކުރަނީ އަމިއްލަ ބޭނުމަށް. ކުރީކޮޅުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޭގެ ފަހުން ބައިވެރިވާ ފަރާތްތަކުގެ ފައިސާއިން ކަމުން މިފަދަ ސްކީމްތަކަކީ ދެމެހެއްޓޭނެ ސްކީމްތަކެއް ނޫން.” އެމްއެމްއޭ އިން ބުންޏެވެ.

މީގެ އިތުރުން އެމްއެމްއޭ އިން ވަނީ މިފަދަ ސްކީމްތަކާ މެދު ސަމާލުވުމަށާއި އޭގައި ބައިވެރި ނުވުމަށް އިލްތިމާސްކޮށްފައެވެ.

އެމްއެމްއޭ އިން ބުނީ ސްކީމް ރޫޅިގެންދާ ހިސާބުން، އެ ސްކީމްގައި ބައިވެރިވެ، ފައިސާ ދިން ގިނަ ފަރާތްތަކަަށް އެފަރާތްތަކުން ދިން ފައިސާ ވެސް ނުލިބި، ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ. އަދި ސްކީމަށް ދޭ ފައިސާ އަކީ ސްކީމް ހިންގާ ފަރާތުން އަނބުރާ ނުދީފިނަމަ، ފައިސާ ޖަމާވާ ބޭންކަށް ވެސް އަނބުރާ ދެވޭނެ އެެއްޗެއް ނޫން ކަން އެމްއެމްއޭ އިން ވަނީ ރައްޔިތުންނަށް ހަނދާންކޮށްދީފައެވެ.