English Edition
Dhivehi Edition
ފުވައްމުލައް ސިޓީ ބަނދަރު ފޮޓޯ: ޕީއެސްއެމް

ފުވައްމުލައް ސިޓީގެ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވައިދެއް އެކުލަވާލާ، އެ ޤަވައިދު އާންމުކޮށްފިއެވެ،

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ މި ޤަވައިދަކީ، ފުވައްމުލަކު ބަނދަރަކީ ފުވައްމުލަކު ތަސައްވުރަށް ފުރިހަމަކަން ގެނެސްދޭ، ސާފުތާހިރު، އަދި އުޅަނދުފަހަރުތަކަށް ޖާގަހަމަޖެއްސުމާއި ލަފާ ފުރުމުގައި ދަތިކަމެއްނެތް ފަސޭހަ ތަނަކަށް ހެދުމަށްޓަކައި އެކުލަވާލެވިފައިވާ ޤަވާއިދެއްކަމަށެވެ.

މި ގޮތުން ކައުންސިލުން ބުނީ ބަނދަރަށް ވަންނަ އުޅަނދުތަކާއި، ބަނދަރުން ފުރާ އުޅަނދު ފަހަރުގެ އިންތިޒާމު ހަމަޖެއްސުމާއި، ބަނދަރު ސާފުކޮށް ބެލެހެއްޓުމާއި، ބަނދަރުން ނަގަންޖެހޭ ފީތައް ނެގުމަށް ފުވައްމުލައް ސިޓީ ކައުންސިލުން، އެކަމަށް މީހަކު ހާއްސަކޮށްފައިވާނެ ކަމަށެވެ.

ކައުންސިލުން ބުނީ ވަކިކަމަކަށް ހާއްސަކުރެވިފައިވާ ސަރަހައްދެއްގައި އެކަމަށް ހާއްސަކުރެވިފައިވާ އުޅަނދެއް ފިޔަވައި އެހެނިހެން އުޅަނދުތައް، ކައުންސިލްގެ ހުއްދަނެތި އެޅުމަކީ މަނާކަމެއް ކަމަށެވެ. އަދި މި ގަވައިދާއި ހިލާފުވާ ފަރާތްތަކަށް ފުރަތަމަަ ފަހަރު ނަސޭހަތްދީ މިކަން ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ފުވައްމުލައް ސިޓީގެ ބަނދަރުގައި ފީ ނުދައްކާ، މުދާ ބަރުކުރުމާއި، މުދާ ބޭލުމަށް އުޅަނދެއް ބޭއްވޭނީ ގިނަވެގެން 48 ގަޑިއިރަށްކަމަށެވެ.