މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ފުވައްމުލައް ސިޓީގެ މޭޔަރު ކަމުގެ ގޮނޑި މިހާރުގެވެސް މޭޔަރު އިސްމާއީލް ރަފީގު ދިފާއުކުރައްވައިފިއެވެ. މިއާއެކު އޭނާ ވަނީ އިތުރު ދައުރަކަށް އެ ސިޓީގެ މޭޔަރުކަން ކަށަވަރުކުރައްވާފައެވެ.
މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު، އިސްމާއީލް ރަފީގު ވަނީ އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓުންގެ މައްޗަށް ބޮޑު ތަފާތަކުން ކުރިހޯއްދަވާފައެވެ. ފުވައްމުލަކުގެ އެކި ދާއިރާތަކުން ލިބެމުންދާ ނަތީޖާތަކުން ދައްކާގޮތުގައި، ގިނަ ފޮށިތަކުގެ އަގުލަބިއްޔަތު ލިބިފައިވަނީ އޭނާއަށެވެ.
އިސްމާއީލް ރަފީގު މި ގޮނޑި ދިފާއުކުރެއްވިއިރު، މިއަދުގެ އިންތިހާބުގައި ފުވައްމުލަކުގެ ރައްޔިތުން ވަނީ ވަރަށް ފޯރިއާއެކު ވޯޓުލުމުގައި ބައިވެރިވެފައެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން އިއުލާންކުރާނީ ހުރިހާ ފޮށިތަކެއްގެ ނަތީޖާ ޝީޓުތައް ޗެކްކުރުމަށްފަހުގައެވެ.