English Edition
Dhivehi Edition

އައްޑޫ ސިޓީހުޅުދޫ މީދޫ ގައި މީޑިއާ ނެޓުން ދެމުން އަންނަ ހިދުމަތުގެ ފެންވަރު ދަށްކަމަށް ބުނެ ސެޓްލިންކް އޮފީސް ކައިރީގައި ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ. ރޭ ހުޅުދޫގައި ހުންނަ ސެޓްލިންކް އޮފީސް ކައިރިއަށް އެއްވި މީހުން ބުނެފައިވަނީ ކުރިން ދެމުން އައި މީޑިއާ ނެޓް ވަޔާލެސް ކޭބަލް ޓީވީގެ ހިދުމަތް މީޑިއާ ނެޓް ހިޓްސް އަށް ބަދަލުކުރުމުންވެސް ދެމުން އައި ހިދުމަތުގެ ފެންވަރު ރަގަޅުވުމުގެ ބަދަލުގައި އިތުރަށް ގޯސްވެފައިވާ ކަމުގައެވެ. ސެޓް ލިންކް އިން 1 މޭ ގައި “ހިޓްސް”ގެ ހިދުމަތް ފަށްޓަފައިވާއިރު ވަޔަރލެސްގެ ހިދުމަތް 31 މެއިގައި ހުއްޓާލުމުން ޑީކޯޑަރު ބަދަލުކޮށްފައި ނުވާ ކަސްޓަމަރުންނަށް ވަނީ ކޭބަލް ޓީވީގެ ހިދުމަތް ކަޑާލާފައި ކަމަށް އެ ހިދުމަތް ހޯދާ ފަރާތްތަކުންވަނީ މައުލޫމާތު ދީފައެވެ. ކޮންމެ އަހަރަކު އެއްފަހަރު ޑީކޯޑަރު ބަދަލުކުރަން ޖެހުމާގުޅިގެން މީގެ ކުރިންވެސް ހިދުމަތް ހޯދާ ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ އިރު ޑީކޯޑަރު ބަދަލުކުރުމަށްޓަކައި މީޑީއާ ނެޓުން ނެގި ފީގެ މައްސަލަތައްވެސް މިހާރުވަނީ ފެންމަތިވެފައެވެ. މި ގޮތުން ސޯޝަލް މީޑިއާގައި ސެޓް ލިންކުން ނެގި ފީއާއި މެދު ސުވާލު އުފައްދަމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ މީ މީޑިއާ ނެޓުން ޑީކޯޑަރު ބަދަލުކޮށްފައިވާ އެއްވެސް ރަށެއްގައި ނަގާފައި ފީއެއް ނޫންކަމުގައެވެ. އަދި އިދާރީ ފީގެ ގޮތުގައި 200 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ނަގާފައިވަނީ ހިދުމަތް ހޯދާ ފަރާތްތަކަށް ރަގަޅު މައުލޫމާތު ނުދީކަމުގައި އެފަރާތްތަކުން ވަނީ ބުނެފައެވެ. މީގެ އިތުރުން އާ ޑީކޯޑަރު ގަތް ބައެއް ކަސްޓަރުންނަށް ޑީކޯޑަރާއެކު ރިމޯޓް ދީފައި ނުވާކަމަށާއި ބައެއް ކަސްޓަމަރުންނަށް ހިލޭ ޑީކޯޑަރު ބަދަލުކޮށްދިންކަމަށްވެސް އެ ފަރާތްތަކުންދަނީ ބުނަމުންނެވެ. “ކޮންމެ އަހަރަކު ބޮޑު އަގު ދީފަ ޑީކޯޑަރު ބަދަލުކުރުމަކީ ވާ ވަރުގެ ކަމެއް ނޫން. މި ފަހަރުވެސް އާ ޑީކޯޑަރު ގަތުމާއި ހިދުމަތް ހޯދުމަށް 1080 ރުފިޔާ ވަރު އަޅުގަނޑުގެ އަތުން ދިޔަ. އެކަމަކު އިއްޔެ ރެއިން ފެށިގެން އަރާފަ ހުންނަނީ ނޯ ސިގްނަލް. ހުސް ނަމެއް މި ބަދަލުވަނީ. ހިދުމަތުގެ ފެންވަރެއް ރަގަޅެއް ނުވޭ.” ސެޓްލިންކުގެ ހިދުމަތް ހޯދަމުންދާ ކަސްޓަމަރަކު ބުންޏެވެ. މިކަމާ ގުޅިގެން މީޑިއާ ނެޓުން ބުނެފައިވަނީ މިހާރު ސެޓްލިންކުން ނަގަމުންދާ އިދާރީ ފީއަކީ މީޑިއާ ނެޓުން ނަގަމުން އަންނަ ފީއެއް ނޫންކަމުގައެވެ. މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށްޓަކައި ހުޅުދޫ މީދޫ ސެޓްލިންކްގެ އިސް ފަރާތަކަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ ފަރާތުގެ ބަހެއް ލިބޭ ގޮތްވަނީ ނުވެފައެވެ.