މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ހެދިފައި ހުރި ޤާނޫނުތައް ފިލިން ފިއްޔަށް ތަންފީޒުކުރަން ޖެހޭ ކަމަށް އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެންޕީގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހު ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ އަންހެނުންގެ ހައްޤުތަކުގައި ވާހަކަ ދެއްކުމަކީ އެންމެ ދުވަހަކު ބުނެފައި ނިންމާލައިގެން ވާނެކަމެއް ނޫން ކަމަށާއި، މި އަޑު އުފުލަންޖެހޭ ކޮންމެ ދުވަހަކު ކޮންމެ ހިނދަކު ކުރީސަފުގައި އެމްއެންޕީގެ ރައީސް ނާޒިމް ހުންނާނެކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.
“ސިޔާސީ މައިދާނަށް ނަޒަރު ހިންގާލާއިރު، ސިޔާސީ ގޮތުން ކުރީ ސަފަށް ނިކުންނަ އަންހެނުން ނިސްބަތުން ވަރަށް މަދު. އެ ފުރުސަތު ފަހި ކޮށްދިނުމަށް ސަރުކާރާއި ސިޔާސީ ޕާޓީތަކުން ތެދުވެރި މަސައްކަތްތަކެއް ކުރަންޖެހޭ. ސިޔާސީ ހުރިހާ ޕާޓީއެއްގެ ލީޑަރުންގެ ވިސްނުން އެދިމާލަށް ދަތުރުކޮށްގެން ނޫނީ މިކަން ހާސިލެއް ނުވާނެ.” ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒިމް ވަނީ އެމްއެންޕީން މިކަމުގައި ނަމޫނާ ދައްކާނެ ކަމަށާއި ޕާޓީގެ ސިޔާސަތުތައް ފަރުމާކުރާނީ އަންހެނުން ކުރީސަފުގައި ފެންނާނެކަން ޔަޤީންވާގޮތަށްކަން ފާހަގަކުރައްވާފައެވެ.
އަދުގެ ހާލަތައް ބަލާލާއިރުވެސް ތަފާތު ޖިންސީ އަދި ނަފްސާނީ އަނިޔާތަކަށް، އަދި ގެވެށި އަނިޔާއަށް ހުށަހެޅޭ އަންހެނުންގެ ނިސްބަތް އެތެއްގުނައަކަށް އިތުރު. ޖިންސީ ފުރައްސާރަޔަށް އެންމެ ގިނައިން ހުށަހެޅެނެނީ އަންހެނުން ކަމަށާއި މިއީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އަދި މިއަހަރުގެ ޝިއާރަށް އަލިއަޅުވާ ލައްވަމުން، މަސައްކަތުގެ މާހައުލާއި ގޭތެރޭގެ މާހައުލުގައާއި ޖުމްލަގޮތެއްގައި މުޖުތަމައުގައި މިންތީގެ ހަމަހަމަކަން ޤާއިމު ނުކުރުމަކީ ހުއްޖަތެއް ނޫން ކަމަށެވެ.
އެމްއެންޕީގެ ރައީސް ނާޒިމް ވިދާޅުވީ އެހެން ޕާޓީތަކުން އަންހެނުންނަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދީފައި އަދިނެތްކަމަށާއި ގިނައިން ފެންނަނީ އެއްބަޔަކު ތާއަބަދަށް މަޤާމުތަކުގައި ދެމިތިބޭތަން ކަމަށެވެ. ނަމަވެސް އެމްއެންޕީގެ އަމާޒު ތަފާތުކަން ފާހަަގކުރައްވާ ނާޒިމް ވިދާޅުވީ އެމްއެންޕީގެ ކައުންސިލްގައި މިހާރު ވެސް 30 އިންސައްތަ ޚާއްޞަކޮށްފައިވާނެކަމަށެވެ. އަދި އެމްއެންޕީގެ ސަރުކާރެއްގައި މަޖިލީހުގެ 30 އިންސައްތައަކީ އަންހެނުންނަށް ޚާއްޞަ ގޮނޑިކަމުގައި ހަދާނެކަމަށެވެ.